އައްޑޫސިޓީ ހިތަދޫން ވިލާ ކޮލެޖަށް 25،000 އަކަފޫޓުގެ ބިމެއް ހިލޭ ދިން މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އޭސީސީން ބުނީ އައްޑޫ ސިޓީ ކައުންސިލުން ވިލާ އެޑިއުކޭޝަނަލް ސާވިސް ޕްރައިވެޓް ލިމިޓެޑަށް ހިތަދޫއިން ބޮޑު ބިމެއް ދިން މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ބަލަމުންގެންދާ ކަމަށެވެ.

އައްޑޫގައި މަތީ ތައުލީމު ދިނުމަށް އިންސްޓިޓިއުޝަނެއް ގާއިމުކުރުމުގެ ގޮތުން ވިލާ އެޑިއުކޭޝަން ސާވިސަސް އަށް ކައުންސިލުން ބިމެއް ދޫކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އަދި މިކަމަށް އައްޑޫ ސިޓީ ކައުންސިލާއި ވިލާއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އައްޑޫސިޓި ކައުންސިލުން ވިލާ އެޑިއުކޭޝަނަލް ސާވިސް ޕްރައިވެޓް ލިމިޓެޑަށް ބޮޑު ބިމެއް ހަމަޖައްސައި ދިނީ މީގެ ކުރިން 45،000 އަކަފޫޓުގެ ބިމެއް ވިލާއަށް ހަމަޖައްސަން އުޅުމުން އެކަމާ ކައުންސިލްގެ ބައެއް މެމްބަރުން ހިތްހަމަނުޖެހި މައްސަލަ އުފެދުމާ ގުޅިގެންނެވެ.

މިމައްސަލައާ ގުޅިގެން އައްޑޫސިޓީ ކައުންސިލުގެ ބަހެއް އަދި ލިބޭގޮތް ނުވެއެވެ.

ވިލާ އަށް އައްޑޫން ބިމެއް ދީފައި ވާއިރު ހިތަދޫގައި މިހާރު ވެސް ވިލާ ކޮލެޖުގެ ކެމްޕަހެއް ދަނީ ހިންގަމުންނެވެ.