ދިރިއުޅުމުގެ އެކި މަސައްކަތްތަކަށް ލިބުނު ލުއި ފަސޭހަކަމާއެކު ލިބުނު އިތުރު ވޭންތަކެއްވެސް އެބަހުއްޓެވެ. އާރާމު ގޮދަޑިތަކާ ސޯފާ ގޮނޑިތަކުން ނުތެދުވެ ގިނަ ވަގުތުތަކެއް ހޭދަކުރުމާ، ވަޅިޖެހިފައިވާ މަގުތަކުގައި ކިރިއާ ވައިހުރި ސައިކަލުތަކުގައި ބުރުޖެހުން ފަދަ ކިތަންމެ ނުރަނގަޅު އާދަތަކެއްގެ ސަބަބުން މިއަދު ހުޅުހުޅުގައި ނުރިއްސާ މީހަކު މަދެވެ. ކޮންމެ މީހަކީވެސް ކޮންމެވެސް ހިސާބެއްގެ ހުޅެއްގައި ރިސާ މީހެކޭވެސް ދެންނެވިދާނެއެވެ. ކަންމިހެން އޮތް ނަމަވެސް، ދިރިއުޅުމުގެ އާދަތަކަށް ގެންނަ ކުޑަ ބަދަލަކާއެކު މިތަދަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން ހިނގައިދާނެއެވެ.

އެލޯވެރޯ/ހަބަރު

ހަބަރަކީ ކާބަފައި ޒަމާނުއްސުރެ ދިވެހި ގެތަކަށް ފަރިތަ، ބޭހަށް ގެންގުޅޭ ހިތިރަހަގަދަ، ކަޅުކުލައިގެ ހިކިއެއްޗެކެވެ. ނަމަވެސް ޒަމާނާއިއެކު އައި ތަރައްގީއާއިއެކު ހަބަރަކީ ކަޓު އެއްޗަކަށްވެ އަދުގެ ގިނަ ގެތަކަށް ހަބަރު ބީރައްޓެހިވިއެވެ. ކަންމިހެން އޮތް ނަމަވެސް އެލޯވެރާ ވީ ދިވެހި ޒުވާނުންނަށް ލިބުނު ރަންގަނޑަކަށެވެ. ބޮޑު އަގުގައި އެލޯވެރާ ގަސްތަކާ އެލޯވެރާ އެކުލެވޭ އުފައްދުންތައް ވިއްކަމުން ދިޔައިރު މިއީ ހަމަ މާމަ ގެންގުޅުނު ހަބަރުކަން އެނގުނީ މަދު މީހަކަށެވެ.

އިންދާފައި ހުރި އެލޯވެރާ ގަސްތަކެއް/ފޮޓޯ: މެޑިކަލް ނިއުސް ޓުޑޭ

އެލޯވެރާއަކީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ޒުވާނުން ބޭނުންކުރަމުން އަންނަ އެއްޗަކަށްވީ ނަމަވެސް، މީގައި ތަދުކަނޑުވާނެ މާއްދާތައް އިންތިހާއަށް އެކުލެވެއެވެ. އޭގެ ތެރޭގައި އެމޯޑިންއާއި އެލޯއިން ފަދަ މާއްދާތައް ހިމެނެއެވެ.

ހުޅުތަކުގައި ރިހޭ ރިހުމަށް ލުޔެއް ހޯދުމަށް އެލޯވެރާ ބޭނުން ކުރެވިދާނެ މައިގަނޑު 2 ގޮތެއް އެބައޮތެވެ. ފުރަތަމަ ގޮތަކީ ތަދުވާ ތަންތަނުގައި އެލޯވެރާ ޖެލް ހޭކުމެވެ. ސީދާ ގުދުރަތީ އެލޯވެރާ ލިބެން ނެތިގެން ތައްޔާރީ ޖެލް ގަންނަ ނަމަ، އެއީ ސިއްހީ ތަޖުރިބާކާރުންގެ ސިއްކަ ޖަހާފައިވާ ބްރޭންޑެއްތޯ ކަށަވަރު ކުރަން ވާނެއެވެ. މިއަދު ބާޒާރުން ލިބެން ހުންނަ އެލޯވެރާގެ ބައެއް އުފެއްދުންތަކަކީ އޭގައި ކުޑަ މިންވަރަކަށް ނޫނީ އެލޯވެރާގެ އަސަރުވެސް އެކުލެވިގެން ނުވާ ބާވަތްތަކެކެވެ. ދެވަނަ ގޮތަކީ އެލޯވެރާ ސަޕްލިމެންޓް ކެޕްސޫލް ނުވަތަ ޖޫސް ބޭނުން ކުރުމެވެ.

ޔޫކަލިޕްޓަސް/ބޮޑުއާވި

ޔޫކަލިޕްޓަސް ނުވަތަ ބޮޑުއާތްވަކީވެސް ހަބަރަށް ވި ކަހަލަ ގޮތެއް ދިމާވި އެއްޗެކެވެ. ފަރުބަދަމަތީގައި ހެދޭ އަބަދަށްފެހި ގަހެކެވެ. މިގަހުގެ އެކި ބައިތައް ބޭހަށް ބޭނުން ކުރެއެވެ. ގަހުގެ ފަތް ހުންނަނީ ހިމަކޮށް ތޫރިކޮށެވެ. ދިވެހިން އާންމުކޮށް ބޮޑުއާވި ނުވަތަ ބޮޑުއާވި ތެޔޮ ބޭނުންކޮށް އުޅުނީ ރޯގާއާއި އަރިދަފުހުގެ އުނދަގޫތަކަށެވެ. ނަމަވެސް ހުޅުހުޅުގައި ރިއްސާ މީހުންނަށްވެސް ބޮޑުއާވީގައި ފައިދާތަކެއް އެކުލެވިގެންވެއެވެ.

ބޮޑުއާވި ނުވަތަ ޔޫކަލިޕްޓަސް ގަހެއް/ފޮޓޯ: ވިކިމީޑިއާ

ތަދުކަނޑުވާލުމަށް އޮތް އެންމެ އާދަޔާ ހިލާފު ހައްލަކީވެސް ބޮޑުއާތްވެވެ. ބޮޑުއާވީގެ އާވި ވަސްގަނޑަކީ ތަދުކުޑަވާ ކަމުގެ އިހުސާސްކޮށްދެނިވި ވަހެކެވެ. މީގެ އޮތުރުން ބޮޑުއާވީގައި އެކުލެވޭ ޓެނީންސް މާއްދާތަކަކީ ދުޅައާއި ދުޅައިގެ ތަދަށްވެސް އޮތް ލުޔެކެވެ. ތަދުވާތަންތަނުގައި ބޮޑު އާވި އުނގުޅުމުގެ ކުރިން، ގައި ހަމުގެ ކުޑަ ތަންކޮޅެއްގައި ބޮޑުއާވި ކޮޅެއް ހޭކަމަށްފަހު 24-48 ގަޑިއިރު ވަންދެން ބަލަންވާނެއެވެ. ބައެއް މީހުންނަކީ ބޮޑުއާތްވާ ނުގުޅޭ ބައެކެވެ.

އިނގުރު

އިނގުރުގެ އިތުރު ތައާރަފަކަށް ބޭނުންވާނެ ކަމަކަށް ނުދެކެމެވެ. ހަކުރާ ކޮލަސްޓްރޯލްވެސް ދަށްކޮށްދޭ މާއްދާތަކެއް އެކުލެވިގެންވާ އިނގުރަކީ ދުޅަ ހުންނަ ތަންތަނަށްވެސް ބޭނުން ކުރެވިދާނެ ފަރުވާއެކެވެ. އިނގުރަކީ ޗައިނާގެ ބޭސްވެރިކަމާ ރައްޓެހި ބާވަތަކަށް ވާއިރު، މީގެ އަހަރުތަކެއް ކުރިން އެންމެ ގިނައިން އިނގުރު ބޭނުންކޮށް އުޅުނީ އާތްރައިޓްސް ނުވަތަ ރާއްޖެ ބައްޔޭ މިކިއާ ބަލީގެ އުނދަގޫ ހުންނަ މީހުންނަށް ފަރުވާ ކުރުމަށެވެ. އިނގުރުގެ ސަބަބުން މި ބައްޔަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާކަމަށް ވަނީ ރެކޯޑްކުރެވިފައެވެ.

ހުޅުހުޅުގެ ރިހުން ކެނޑުވުމަށް ރޯ އިނގުރުގެ އިތުރުން އިނގުރު ޕައުޑަރާ ތެޔޮވެސް ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން އިނގުރު ސަޕްލިމެންޓްވެސް މިހާރު ބާޒާރުން ލިބެން ހުރެއެވެ.

ގްރީން ޓީ

ތަފާތު އެކި ގިނަ ބަލިތަކާ ތަކުލީފުތަކަށް ހިޔާރު ކުރެވިދާނެ އެންމެ ޖީބަށް ލުއި އަދި އެންމެ ގުދުރަތީ ތާސީރު އެންމެ ތާޒާކޮށް ލިއްބައިދޭ އެކައްޗަކީ ގްރީން ޓީއެވެ. ގްރީން ޓީގެ ސަބަބުންވެސް އާތްރައިޓިސްގެ އުނދަގޫތައް ކުޑަވާކަމަށް ވަނީ ރެކޯޑްކުރެވިފައެވެ.

އޮރެންޖު، ކެރެޓް އަދި އިނގުރު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޖޫސްތައްޓެއް/ފޮޓޯ: ޑޮކްޓާއެކްސް

ހުޅުހުޅުގެ ރިހުން ކެނޑުވުމަށް ގްރީން ޓީ ބޭނުންކުރެވިދާނެ އެކި ގޮތްތައްވެސް އެބަހުއްޓެވެ. ތާޒާ ގްރީން ޓީގެ އިތުރުން ގްރީން ޓީ ކެޕްސޫލްވެސް ހުރެއެވެ. މީގެ އިތުރުން ގްރީން ޓީ ތަށީގެ ތެރެއަށް އިނގުރާ އެލޯވެރާ އަޅައިގެންވެސް ބޭނުން ކުރެވިދާނެއެވެ.

ރީނދު

ރީނދުލަކީވެސް ދިވެހި ބަދިގެތަކަށް ފަރިތަ ބާވަތެކެވެ. ފޯލިކޮށް ހުންނަ ދޮންރަތްކުލައިގެ ގޮނޑިއެކެވެ. މިއީ ހަވާދުގެ އިތުރުން ބޭހަށްވެސް ބޭނުންކުރާ އެއްޗެކެވެ. ރީނދުލުގައި އެކުލެވޭ ކުރުކުމީންއޭ ކިއުނު މާއްދައަކީ ދުޅައާއި ތަދުކަނޑުވަން އެހީވެދޭ މާއްދާއެކެވެ.

ރޯ ރީނދުލާ މުގުރާފައިވާ ރީނދޫ/ފޮޓޯ: ލައިފްސްޓައިލް މެގަޒިން

މިހާޓަނަށް ހޯދާފައިވާ ބައެއް ހޯދުންތަކަށް ބަލާއިރު ތަދުވާ ތަނެއްގައި ރީނދޫ ހަކައިގެން ކުރާ ފައިދާއަކަށްވުރެ ބޮޑު ފައިދާއެއް ލިބެނީ ކެއިންބުއިމުގައި ރީނދޫ ބޭނުންކޮށްގެންނެވެ. ރީނދުލުގެ ރަހައަކީ އެންމެ މީރު ރަހަކަށް ނުވެދާނެއެވެ. މިފަދަ މީހުންނަށް ކުރުކުމީން ގުޅަ ބޭސް ބޭނުން ކުރެވިދާނެއެވެ.

މަސްނޫއީ މާއްދާތަކާ މަސްހުނި ނުކޮށް، ވެށިން ލިބެން ހުރި ގިނަ މާއްދާތަކަކުން ބަލިބައްޔާ ތަދުތަކަށް ފަރުވާ ލިބެން ހުންނައިރު، މިފަދަ ބާވަތްތައް ބޭނުންކުރަންވާނީ ކަމާބެހޭ ސިއްހީ ތަޖުރިބާކާރެއްގެ ލަފާއާއި އިރުޝާދާ އެކުގައެވެ.