ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން މަސައްކަތް ކުރަނީ ރާއްޖެއަކީ ޓެރަރިޒަމްގެ މައި ހަބެއްގެ ގޮތުގައި ދުނިޔެއަށް ސިފަ ކުރުމަށް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބުނެފިއެވެ.

ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެއަކީ ދީނީ ހަރުކަށި ފިކުރު އޮންނަ ތަނެއް ކަމަށް އެމްޑީޕީން ސިފަ ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން އެގޮތަށް ދުނިޔޭގެ ގައުމުތަކަށް ދައްކަމުން ގެންދާ ކަމަށާއި އެމްޑީޕީން މަސައްކަތް ކުރަނީ ރާއްޖޭގެ އަގު ވައްޓާލުމަށް ކަމަށްވެސް ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ހަމައެހެންމެ މިސަރުކާރު ނިސްބަތްވާ އެމްޑީޕީއިން މަސައްކަތް ކުރަމުންދަނީ ރާއްޖެއަކީ ހަނގުރާމަތަކަށް މީހުން ރެކްރޫޓް ކުރާ ޓެރަރިޒަމްގެ ހަބެއްގެ ގޮތުގައި ބައިނަލްއަގުވާމީ ފަރާތްތަކަށް ދެއްކުމަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ބޭރުގެ ފަރާތްތަކުން ހިންގަމުންދާ އެކިއެކި ކެމްޕޭންތަކާ ގުޅިގެން ރާއްޖޭގައި މިނިވަން ފިކުރު ކުރިއެރުވުމުގެ ނަމުގައި ނުސީދާ ގޮތުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) މެދުވެރިކޮށް ހިންގަމުންދާ ކެމްޕޭނުގައި މިސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުގެ ބައިވެރިވުން އޮތްކަންވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެ ކޯލިޝަންގެ ނޫސްބަޔާނުގައި ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށް ވަނީ ސިފަކޮށްފައެވެ. އެގޮތުން ތަފާތު އެކި ފޯރަމްތަކުގައި ރާއްޖޭގެ ނަން ކިލަނބުކޮށް ރާއްޖޭގެ އަގު ވައްޓާލަން ނަޝީދު މަސައްކަތް ކުރައްވާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ހަމައެހެންމެ، ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ބުރޫއަރާ ގޮތަށް ބޭރުގެ އެކި ނޫސްތަކަށް ރައީސް ނަޝީދު ދެއްވާފައިވާ އިންޓަވިއުތަކާއި، އަދި ރާއްޖެއާ އެކި ގައުމުތަކާއި ދެމެދު އުފެދިފައިވާ ހާރިޖީ ގުޅުމަށް ބުރޫއަރާފަދަ އެތައް ކަމެއް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާކަން އިދިކޮޅުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައި މިވަނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ކައުންސިރަލުން، ގައުމީ މަޖިލިސް މެމްބަރުން އަދި އާންމު މެމްބަރުންވެސް އިދިކޮޅަށް ހިތްވަރު ލިބޭ ގޮތަށް ހިޔާލުފާޅު ނުކުރުމަށް އިލްތިމާސްކޮށްފައި ވަނިކޮށެވެ. އެޕާޓީން ބުނީ އިދިކޮޅު ހަރަކާތްތަކަށް ބާރުލިބޭ، އަދި ވާގިވެރިވުމުގެ ބަޔާން ނެރުމާއި، އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި، ދުރޫސުލްއަހުލާގުގެ ހަމަތަކުން ބޭރު ކަމެއް ކަމުގައެވެ.