އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓްގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ 18 ވަނަ ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދާއި މާދަމާ ކުރިއަށްދާ ސަމިޓްގެ އިސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ތަގުރީރުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ސަމިޓްގެ ހަވާސާގައި ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް މިނިސްޓަރު ޝާހިދު ކުރައްވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ނާމް ސަމިޓްގެ ހަވާސާގައި މިއަދުވެސް މިނިސްޓަރު ޝާހިދު ވަނީ ބައެއް ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން އިންޑިއާގެ ނައިބު ރައީސް ވެންކައިއާ ނައިޑޫއާއި، އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީއާއި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. މިނިސްޓަރު ޝާހިދު އަޒަރުބައިޖާނަށް ވަޑައިގެންފައިމިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި ޖަޕާނަށް ވަޑައިގަތުމަށްފަހުގައެވެ.