ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ރެކްރޫޓު ކޮށް ފޮނުވުމުގައި އިސްކޮށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައިވާ މުހައްމަދު އަމީނުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ އަމީނުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް އެކޯޓުން 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ފުލުހުން އަމީން ހައްޔަރުކުރީ ބުދަ ދުވަހުގެ ރެއެވެ. ފުލުހުން އޭރު ބުނެފައިވަނީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމާއި ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ހައްޔަރުކުރި މީހާގެ ވަނަވަރު މިހާތަނަށްވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރުގައި ހުރީ އަމީނުކަން ޔަގީނެވެ.

އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ވެސް ހިމެނިފައިވާ މީހެކެއެވެ. އެއީ އެ ލިސްޓަށް ދިވެއްސެއްގެ ނަން އެރި ފުރަތަމަ ފަހަރުވެސްމެއެވެ.

އެމެރިކާއިން ބުނެފައިވާ ގޮތުގައި އަމީނަކީ އައިސިސްއަށް މަސައްކަތް ކޮށްދޭ މީހެކެވެ. އަދި އޭނާއަކީ ސީރިއާއާއި އަފްގާނިސްތާނުގައިވެސް ވަރަށް އިސްކޮށް އައިސިސްގެ ކަންކަމުގައި ހަރަކާތްތެރިވާ މީހެއް ކަމަށް އެމެރިކާއިން ބުނެއެވެ.

އަމީންއާ ގުޅޭގޮތުން އެމެރިކާއިން އިތުރަށް ބުނީ އޭނާއަކީ ސީރިއާގެ ހަނގުރާމައަށް މީހުން ފޮނުވުމުގައިވެސް މީގެކުރިން ވަރަށް އިސް ދައުރެއް އަދާކޮށްފައިވާ މީހެއް ކަމަށެވެ. ނަމަވެސް މިހާރު މީހުން ހަނގުރާމައަށް ފޮނުވަނީ އަފްގާނިސްތާނަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި އޭނާއަކީ އައިސިސްގެ އިރާގު ގޮފި ކަމަށްވާ (އައިސިސް - ކޭ)އަށް ހަނގުރާމަވެރިން ރެކްރޫޓު ކުރާ މީހެއް ކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.

އެމެރިކާއިން އިތުރަށް ބުނެފައިވަނީ އަމީންއާ އޭނާގެ ބައިވެރިން ވެގެން މިދިޔަ އޭޕްރީލް މަހާއި ހަމައަށްވެސް އައިސިސްއަށް މީހުން ހޯދުމަށް ވަރަށް ހަރަކާތްތެރިކަމާއި އެކުގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ. އައިސިސްއަށް މީހުން ހޯދުމަށް ހަފްތާއަކު 10 ބައްދަލުވުމެއް ބާއްވާ ކަމަށްވެސް އެމެރިކާއިން ބުނެއެވެ. އަދި އޭނާ އެފަދަ ބައްދަލުވުންތައް މާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ ކަމަށާއި ބައެއް ބައްދަލުވުންތައް އޭނާގެ ގޭގައި ވެސް ބާއްވާ ކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާއިން ބުނީ އަމީންއާ އޭނާގެ ބައިވެރިން ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މީހުން އައިސިސްއަށް ރެކްރޫޓު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.