އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓާ ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަހުގީގަށް ހާޒިރުވާން އެ ރިޕޯޓު ލިޔުމުގައި ބައިވެރިވި ދެ މީހުން ކަމަށްވާ ޝަހިންދާ އިސްމާއިލް އަށާއި ޑރ. އަޒުރާ ނަސީމަށް ޗިޓު ހަވާލު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެ ޗިޓާއި ޝަހިންދާއާއި އަޒުރާވެސް ހަވާލުވެފައިވާ ކަމަށެވެ. އަދި އެ ޗިޓުގައި 14 ދުވަހުގެ ތެރޭގައި ތަހުގީގަށް ހާޒިރުވާން، އެ ދެ މީހުންނަށް އަންގާފައިވާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
އަޒުރާ އަދި ޝަހިންދާއަށް ޗިޓު ހަވާލު ކުރެވިފައިވާ ކަމަށް ފުލުހުން ބުނިއިރު އަޒުރާއަށް ޗިޓު ހަވާލު ނުކުރެވި އޭނާ ދިރިއުޅޭ ވަކި ތަނެއް އާއިލާއަށް ވެސް އެނގިފައި ނުވާތީ ކަމަށް ބުނެ ފުލުހުން އަޒުރާ ހޯދަން އިއުލާނުވެސް ކުރިއެވެ. ނަމަވެސް ފަހުން އެ އިއުލާން ފުލުހުން ނެގިއެވެ.
ފުލުހުން ބުނީ އަޒުރާ ހޯދަން ކުރި އިއުލާނު ނެގީ އޭނާއާ ގުޅުމުން ކަމަށާ އެއީ މީހުން ހޯދަން އިއުލާނު ކުރުމުގައި ފުލުހުން އަމަލުކުރާ އާންމު އުސޫލު ކަމަށެވެ.
އެމްޑީއެން މައްސަލާގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުންނާއި ދީނީ އިލްމުވެރިން އަންނަނީ އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. ރާއްޖޭގެ އެކިއެކި ކައުންސިލްތަކުން އަންނަނީ އެމްޑީއެންގެ ބަޔާނާ ގުޅިގެން ބަޔާންތައް ނެރެ ކުށްވެރި ކުރަމުންނެވެ. އަދި މިއަދު އިދިކޮޅު ފަރާތްތަކުން ވަނީ އެ ޖަމިއްޔާގައި ހަރަކާތްތެރިވާ މީހުންގެ ލިސްޓެއް ހޯދަން ޔޫތު މިނިސްޓްރީއަށް ހުށަހަޅާފައެވެ. މީގެއިތުރުން މިރޭ އިދިކޮޅު ހަރަކާތުން އިހުތިޖާޖު ކޮށްފައި ވާއިރު، އަމިއްލަ ފަރާތަކުން އެޖަމްއިއްޔާ އުވާލަދިނުމަށް އެދި ކޯޓަށް ހުށަހަޅާފައިވާކަންވެސް ފާހަގަ ކުރެވެއެވެ.
އެމްޑީއެން ރިޕޯޓާ ގުޅިގެން ރާއްޖޭގެ މަސްރަހު ހަލަބޮލި ވެފައި ވާއިރު ސަރުކާރުގެ ފަރާތުން ރިޕޯޓުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނި ފަހުންވެސް 2 ހަފްތާވެ ދިޔައީއެވެ.