ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކި ކުރުމަށް ނިންމާ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމީ އޭނާއާ ގުޅޭ 8 ސުލޫކީ މައްސަލައެއް ބެލުމަށްފަހު އެކަން ސާބިތުވާތީ ކަމަށް ޖޭއެސްސީން ބުނެފިއެވެ.

އިސްތިއުފާ ދެއްވުމަށް ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފަށް ރާގިބު ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާގެ މައްސަލަ ޖޭއެސްސީން ބެލީ ޒާތީ ތައައްސަބުން ފުރިގެން ތިބެ، އޭނާގެ ދިފާއުގައި ތަފްސީލީ ޖަވާބެއް ދިނުމުގެ ފުރުސަތެއްވެސް ނުދީ ކަމަށެވެ. ރާގިބުގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ، ޖޭއެސްސީގައި މިހާރު ތިއްބެވި މެމްބަރުންނަކީ ސިޔާސީ ޕާޓީއެއްގެ ލޯގޯ އާއި ކުލަ ވިއްކައިގެން އެ މަގާމަށް އައިސް ތިބި ބައެއް ކަމަށާއި، ފަނޑިޔާރުން މަގާމުން ވަކިކުރާ މަޖިލީހަކީ ވަކި ސިޔާސީ ޕާޓީއެއްގެ މެޖޯރިޓީއޮތް ތަނަކަށްވާތީ އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރާގިބުގެ ވާހަކަތައް ދޮގުކޮށް ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާގިބު ޖޭއެސްސީއަށް ކޮށްފައިވާ އެ ތުހުމަތުތަކަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން ދަނީ ގާނޫނުތަކާއި ގަވާއިދުތަކުން އެ ކޮމިޝަނަށް މައްސަލަތައް ބެލުމަށް ދީފައިވާ އުސޫލުގެ ތެރެއިން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އިތުރަށް ބުނެފައިވަނީ މައްސަލަ ބަލާ ތަހުގީގު ކުރިއިރު ރާގިބަށް ދޭން ޖެހޭ ހުރިހާ ހައްގުތަކެއް ދީފައިވާ ކަމަށެވެ. އަދި ރާގިބާއި ސުވާލު ކުރައްވާފައި ވާނީ ގާނޫނީ ވަކީލެއްގެ ހާޒިރުގައި ކަމަށާއި އެ ހުރިހާ ފުރުސަތުތަކެއް އޭނާއަށް ދީފައިވާނެ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖޭއެސްސީން ބުނީ ކ. ޖުޑީޝަލް ކުރީގެ އިސް މެޖިސްޓްރޭޓު ރާގިބު މަގާމުން ވަކި ކުރުމަށް ނިންމީ އެ ކޮމިޝަނުން ބެލި 8 ސުލޫކީ މައްސަލައެއް އޭނާގެ މައްޗަށް ސާބިވާތީ ކަމަށެވެ.

ރާގިބުގެ މައްޗަށް ހުށަހެޅުނު އަދި ސާބިތުވި ސުލޫކީ މައްސަލަތައް:

  • ކޯޓުގައި މަސައްކަތް ކުރާ ދެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށް ޖިންސީ ގޯނާކުރި މައްސަލަ
  • ކ. ތުލުސްދޫ ކޯޓުން ހުކުމްކޮށް ނިންމާފައިވާ މައްސަލައެއްގައި ކ. ދިއްފުށީ ކޯޓުން ހުކުމްކޮށް ނިންމާފައިވާ މައްސަލައެއްގައި އެ ގަޒިއްޔާތަކުން ކޮށްފައިވާ ހުކުމްތަކަށް ބަދަލުގެނެސް ޝަރުއީ ލިޔެކިއުމަށް ބަދަލު ގެނެސްފައިވާ މައްސަލަ
  • ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އެއްފަރާތާ ގާތް ގުޅުމެއް ބާއްވާ މައްސަލަ
  • ކޯޓުގެ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅުމާއި، މުވައްޒަފުން ލައްވާ މަޖުބޫރުން މުވައްޒަފުން ޒިންމާއިން ބޭރުން މަސައްކަތް ކުރުވުން
  • ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި ސިޔާސީ ފަރާތްތަކަށް ތާއީދު ހޯދުމަށް އަމަލީ ގޮތުން ހަރަކާތްތެރިވި މައްސަލަ
  • ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާފައިވާ އިދާރީ ހިންގުމުގެ އުސޫލާއި ހިލާފަށް އަތޮޅުގެ އިދާރީ ކަންކަން ބައްޓަންކޮށް ކޯޓުގެ އެޑްމިނިސްޓްރޭޓާގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އަޅާ މައްސަލަ
  • ކ. ތުލުސްދޫ ކޯޓަށް ހުށަހެޅުނު ކައިވެނީގެ މައްސަލައެއްގައި ހިމެނޭ އަންހެން ކުއްޖެއްގެ ނުރުހުމުގައި އެކުއްޖާގެ ކައިވެނި ކޯޓުގައި ކުރުވުމަށް މަގާމުގެ ނުފޫޒު ބޭނުންކުރި މައްސަލަ
  • ބިދޭސީ އަންހެނަކު ތުލުސްދޫއަށް އޭނާއާއެކު ގެންގޮސް ފަނޑިޔާރުންގެ އަދަބާއި ހިލާފު އަމަލުތައް ހިންގުމުގެ މައްސަލަ

މީގެއިތުރުންވެސް 1994ވަނަ އަހަރާއި 1996ވަނަ އަހަރާއި 1998ވަނަ އަހަރާއި 2005 އަދި 2007ވަނަ އަހަރުވެސް ރާގިބާއި ގުޅޭ ގޮތުންވެސް ގިނަ މައްސަލަތަކެއް ހުށަހެޅި އޭރު ފަނޑިޔާރުންގެ ކަންކަން ބަލަމުންދިޔަ އިދާރާއިން އޭނާއަށް ނަސޭހަތް ދީފައެވެ. ޖޭއެސްސީން ބުނީ ރާގިބާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ ބައެއް މައްސަލަތަކަކީ ޖިނާއީ މައްސަލަތަކެއް ކަމުން އެ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.