ސީލައިފް ކުންފުނިން ގަތުމަށް ފައިސާދެއްކި މީހުންގެ ތެރެއިން ބަދަލު ހޯދުމަށް ހުޅުވާލި ފުރުސަތުގައި ސިވިލް ކޯޓުގެ ގަޟިއްޔާގައި ހިމެނިފައިވާ ނުވާ 189 ފަރާތަކުން ބަދަލު ހޯދުމަށް ހުށައަޅާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، އެ ކޯޕަރޭޝަނުން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ކުރިން ފްލެޓު ގަތް ފަރާތްތަކުގެ ތެރެއިން ކޯޓަށް މައްސަލަ ހުށަނާޅާ ފަރާތްތަކުން އެފަރާތްތަކުގެ މައުލޫމާތު އެޗްޑީސީއަށް އެންގުމުން ގެއްލުން ލިބިފައިވާ 189 ފަރާތުން ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ ބަދަލު ހޯދުމަށް އަލަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ލިޔެކިއުންތައް އިވެލުއޭޓް ކުރުމާއި އެހެނިހެން އިދާރީ މަސައްކަތްތައް އެ ކޯޕަރޭޝަނުން މިހާރު ކުރަމުންސާ ކަމަށެވެ. އަދި ބަދަލު ދިނުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓު އެޅުމަށް ދައުލަތުން ހަވާލު ކުރި ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑަށް ބުކިން ފީ ދެއްކި ފަރާތްތަކަށް ސަރުކާރުން ވަނީ ބަދަލު ދީފައެވެ. އާންމުންގެ 203 މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު ސީލައިފުން އެ ފަރާތްތަކަށް އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ. ސީލައިފުގެ ވެރިޔާ ހޯދުމަށް ދާދި ފަހުން ވަނީ ރެޑް ނޯޓިހެއް ވެސް ނެރެފައެވެ.

ސީލައިފަށް ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ބިން ދޫކުރީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވ. ތިނަދޫގައި ލަގްޒަރީ ވިލާތަކެއް އަޅަން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ފަހުން ބާތިލު ކޮށްފައި ވާތީ، އޭގެ ބަދަލެއްގެ ގޮތުންއެވެ. އަދި ސީލައިފަށް ހުޅުމާލެއިން ބިމެއް ދީ ފްލެޓް އެެޅުމުގެ މަޝްރޫއު ފެށީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ހުއްދަ ދީގެން 2014 ވަނަ އަހަރުގެ ތެރޭގައެވެ.