މަސްތުވާތަކެއްޗާއެކު މީހަކު ފުވައްމުލަކު ސިޓީ އިން ހައްޔަރުކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާ އެކު އިއްޔެ 35 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައި ވާކަމަށެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި މީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެންއިއްޔެ ހިންގި އޮޕަރޭޝަނުގައި އެރަށު މަގުމަތިންނެވެ. އެގޮތުން އޭނާ ހުއްޓުވާ ބަލާ ފާސްކުރި އިރު މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހި ހުރި ޖޫސްޕެޓީ ކޮތަޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ. މަސްތުވާތަކެތީގެ ބޭނުން ކުރުމާއި ވިޔަފާރި ކުރުމަކީ ރާއްޖޭގައި ނުހުއްޓުވުނު ނުބައި އަމަލެކެވެ. އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިމަހުގެ 7 ވަނަ ދުވަހު 70 ކިލޯގެ މަސްތުވާތަކެއްޗާ އެކު ދަތުރު ކުރި ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައެވެ.