ޕްރޮގްރެސިވް ކޯލިޝަންގެ ޕާޓީތަކުގެ ދަފްތަރުގައި ތިބި އާއްމު މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކުގެ ދަފްތަރުގައި ޖެހިފައިވާ މައްސަލާގައި އެ ކޯލިޝަނުން އިލެކްޝަންސް ކޮމިޝަނާއި އެކު މަޝްވަރާ ކޮށްފިއެވެ.

މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމް އަދި ޕީއެންސީގެ އިސް ފަރާތްތަކުން ވަނީ އެ ދެ ޕާޓީގެ ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ހިއްސާ ކުރެއްވުމަށް އެ ކޮމިޝަނަށް ވަޑައިގެންފައެވެ.

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގައި ވެސް އަދި އެހެން މުއައްސަސާއެއްގައިވެސް ފިންގަ ޕްރިންޓު ވެރިފައި ކުރެވޭނެ ނިޒާމެއް ނެތް ކަމަށާއި އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޕާޓީގެ އާއްމު މެންބަރުންނަށް ނޭނގި އަލަށް އުފައްދާ ސިޔާސީ ޕާޓީތަކާއި މެންބަރުން މަދު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެ މެންބަރުންގެ ނަން ހިމެނިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދާދިފަހުންވެސް އެޕާޓީގެ އިސް ސަފުގައި ތިއްބެވި ގިނަ އަދަދެއްގެ ފަރާތްތަކުން އެހެން ޕާޓީތަކާއި ގުޅިވަޑައިގެންފައިވާ ކަމަށާއި އަދި އެބޭފުޅުން އަލަށް ގުޅިވަޑައިގެންނެވި ޕާޓީތަކުގެ މެންބަރުން އިތުރުކުރަމުން އަންނަ މަސައްކަތްތަކުގައި އެކަން ދިމާވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެފަހަރުގައި ވެދާނެ އެބޭފުޅުން އެޕާޓީތަކަށް ގުޅިވަޑައިގަންނަވާއިރު ވަކި ގޮތަކަށް ކޮމިޓްމަންޓު ދެވެނީ ކަމަށް. މިވެނި އަދަދެއްގެ މެންބަރުންނާއި އެކުގައޭ ތިމަންނަމެން ޕާޓީއަށް ޖޮއިން ކުރައްވަނީ. އެހެންވީމަ މިއީ އަޅުގަނޑުމެންނަށް ފާހަގަކުރެވުނު މައްސަލައެއް، އެކަމުގެ ކަންބޮޑުވުން އޮތްލެއް ބޮޑުކަމުން އިލެކްޝަންސް ކޮމިޝަނާއި އެކީގައި އަޅުގަނޑުމެން ދެ ޕާޓީން ބައްދަލު ކޮށްލުމުގެ ފުރުސަތަކަށް އެދުނީމަ އެ ފުރުސަތު އިލެކްޝަނުން ދެއްވީ،"
ޕީއެންސީގެ ނައިބު ރައީސް އަހުމަދު ޝިޔާމް

މައިގަނޑު ގޮތެއްގައި މީހުން މަދުވަމުން ދަނީ ޕީޕީއެމްއިން ކަމަށާއި އެ ދަފްތަރުން މަދުވަމުން އަންނަ ފަރާތްތަކާއި ގުޅަމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެތައް އާއްމު މެންބަރުންނަކަށް އެޕާޓީގެ ފަރާތުން ގުޅާފައިވާނެ ކަމަށެވެ. އަދި ގުޅި މެންބަރުންގެ ތެރެއިން 60 ޕަސެންޓު މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކުގެ ދަފްތަރުގައި ތިބިކަން ފާހަގަކުރެވުނު ކަމަށެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމުގައި އެކަން ހައްލު ކުރެވޭނީ ކޮން ގޮތަކަށްތޯ މަޝްވަރާ ކުރެވުނު ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު އެނގިގެން ދިޔައީ އެކަމަށް ހައްލެއް ލިބިގެން ނުދާނެކަން ކަމަށެވެ.

ދާދިފަހުން ޕީޕީއެމްގެ އިސް ފަރާތްތަކެއް ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އަދި އެޕާޓީން މިދުވަސްވަރު އަންނަނީ އެޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންކަން ވެސް ފާހަގަކޮށްލެވެއެވެ.