ގުޅީފަޅުގެ ބޮޑު ސަރަހައްދެއް ހިއްކަން ބިޑަކާ ނުލައި ނެދަލެންޑްސްގެ ބޮސްކާލިސް ވެސްޓްމިންްޓާ ކޮންޓްރެކްޓިން ކުންފުންޏާ ޕްލޭނިންގް މިނިސްޓްރީން ހަވާލުކޮށްފިއެވެ.

ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް އެރަށުގެ ބޮޑު ސަރަހައްދެއް ހިއްކުމަށް ވަނީ ނިންމާފައެވެ. އެ ގޮތުން އެ ސަރަހައްދު ހިއްކުމަށް ބޮސްކާލިސްއަށް ޕްލޭނިންގް މިނިސްޓްރީން ދީފައި ވަނީ 53 މިލިއަން ޑޮލަރު އަށެވެ. އަދި މިކަން ކޮށްފައިވަނީ ބިޑަކާ ނުލައެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތުގެ އެއްބަސްވުމުގައި މިިދިޔަ ބުރާސްފަތި ދުވަހު، ނޭޝަނަލް ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އާއި ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިންގެ ކުންފުނީގެ އޭރިއާ މެނޭޖަރު ޑޭވިޑް ބޫސްޓެޑް ވަނީ ސޮއި ކުރައްވާފައެވެ.

މި އެއްބަސްވުމުގެ ހިމެނެނީ 180 ދުވަހުގެ ތެރޭގައި، ގުޅީފަޅުގެ 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކައި ހަތަރު ކިލޯ މީޓަރުގެ ތޮއްޓެއް ލުމަށެވެ. މި ކުންފުންޏަށް މަސައްކަތް ހަވާލުކޮށްފައި ވަނީ، މާލިއްޔަތުގެ ގަވާއިދުގެ ދަށުން ކަމަށް މިނިސްޓްރީން ބުނެއެވެ. ނަމަވެސް ބިޑަކާ ނުލައި އެކަން ކުރުން އާންމުންގެ ފާޑުކިޔުން މިނިސްޓްރީއަށާ ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

މިނިސްޓްރީން ބުނީ ބިޑަށް ނުލައި އެކަން ކުރީ އެހާ ބޮޑު ސަރަހައްދެއް ހިއްކުމަށް ދާނެ ހަރަދާއި ވަގުތަށް ބަލައިފާ ކަމަށެވެ.

މާލިއްޔަތު ގަވައިދުގެ 10.27 (ށ) ގައި ބުނާގޮތުން ބޭރުގެ ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގިދާނެކަމަށެވެ. މިގޮތުން މަޝްރޫއު ހަވާލުކުރެވޭއިރު އެ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫއެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަންވާނެ ކަމަށް ބުނެފައި ވެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، ބިން ހިއްކުމާއި ކަނޑުފަޅުގައި ގާއިމްކުރާ އެކި ބާވަތުގެ އުމްރާނީ ވަސީލަތް ދުނިޔޭގެ ފެންވަރުގައި ކުރަމުން އަންނަ ބޮސްކާލިސް ކުންފުނިން މީގެ ކުރިން ވެސް ރާއްޖޭގައި ކާމިޔާބު ކަމާއެކު ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށެވެ. އެގޮތުން 2007 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ދެމެދު މީހުން ދިރިއުޅޭ 10 ރަށެއްގައި ޖުމްލަ 198 ހެކްޓަރުގެ ބިން ހިއްކާފައި ވެއެވެ.

ގުޅީފަޅު ބިންހިއްކަން ހަވާލުކުރި އިރު، އެތަނުގެ މާސްޓަ ޕްލޭނާއި މާލޭ އުތުރު ބަނދަރުގެ މާސްޓަ ޕްލޭން ހަދަން ސިންގަޕޫރުގެ ބަޔަކާ ވަނީ ހަވާލުކޮށްފައެވެ. އެ ދެ މަސައްކަތް ސިންގަޕޫރުގެ އެޗްކިއު ކުންފުންޏާ ހަވާލުކުރީ، ދައުލަތުގެ ބަޖެޓުން ހޭދަކުރާ ގޮތަށް، 650،000 ޑޮލަރަށެވެ. އެގޮތުން ޕްލޭން ހަދަން ބޭރުގެ ބަޔަކަށް ހަވާލުކުރިއަސް އެ މަސައްކަތަށް އަދި ފައިސާ ހަމަނުޖެހޭ ކަމަށް މިނިސްޓްރީން ކުރިން ބުނެފައި ވެއެވެ.

ރާއްޖޭގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ފަހަކަށް އައިސް ހިންގަމުން އަންނަނީ އެމްޓީސީސީ އިންނެވެ.