ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ސަސްޕެންޑް ކޮށްފި އެވެ.

އެނގިފައި ވާގޮތުގައި ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، އިބްރާހީމް ހަމީދު ސަސްޕެންޑްކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، ޖިންސީ ފުރައްސާރައިގެ ތުހުމަތުގަ އެވެ. ހަމީދު ސަސްޕެންޑްކުރީ މީގެ ތިން ދުވަސް ކުރިންކަމަށް، މައުލޫމާތު ލިބެއެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއްވެސް ސިވިލް ސަރވިސް ކޮމިޝަނުން ބަލަމުންދާކަމަށް މައުލޫމާތު ލިބެއެވެ. މިކަމާއި ގުޅޭގޮތުން ހޯމް މިނިސްޓްރީގެ އަދި ސިވިލްސާވިސް ކޮމިޝަންގެ ބަހެއްވެސް ވަނީ ލިބޭގޮތް ނުވެފައެވެ.

މަގާމުގެ ނުފޫޒު ބޭނުންކުރި މައްސަލަ ހޯމް މިނިސްޓްރީއާއި ގުޅިގެން ސިވިލްސާވިސް ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ހަމީދު އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސާފައިވަނީ، 2015 ވަނަ އަހަރު އެވެ. ހަމީދަކީ ކުރިން އަތޮޅުތަކާއި ބެހޭ މިނިސްޓްރީ ހުރި ދުވަސްވަރު ރައީސް މައުމޫން ސަރުކާރުގެ އެޓޯލްސް މިނިސްޓްރީއާއި އެޓޯލްސް ޑިވެލޮޕްމެންޓުގައިވެސް އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ.