އެއްވެ އުޅުމާ މުޒާހަރާ ކުރުން މަނާކޮށްފައި އޮތް އޮތުމަށް ކިޔަމަން ނުވެ، ހޮންގްކޮންގްގެ މަގުތަކަށް ނިކުމެ ސިލްސިލާ މުޒާހަރާތައް ކުރަމުން ދިޔަ އެތައް ހާސް ބަޔަކު ފަހަތަށް ޖެއްސުމަށް ކަމަށް ބުނެ ހޮންގްކޮންގްގެ ފުލުހުން ބާރުގެ ބޭނުންކޮށްފިއެވެ.

ގައިގައި ޖެހުމުން ކަށިޖަހާ ޒާތުގެ ނޫކުލައިގެ ޑައިއެއް އަޅާފައިވާ ފެން ބޭނުންކޮށްގެން ބާރު ސްޕީޑްގައި ފެންބަޑިޖެހުމުގެ އިތުރުން ފުލުހުން ކަރުނަ ގޭސް ބޭނުންކޮށްފައި ވާކަމަށް ވެސް ޚަބަރު ލިބެއެވެ. ފުލުހުން ބާރުގެ ބޭނުންކުރި ސަރަހައްދަކީ އިރުމަތީ އޭޝިއާގެ އެންމެ ތަރައްގީ ވިޔަފާރި ހަބްތަކުގެ ލިސްޓުގައި ހިމެނޭ ހޮންގްކޮންގްގައި މުސްލިމުންގެ އާބާދީގެ އެންމެ ބޮޑު ރަމްޒުގެ ގޮތުގައި ބަލަމުން އަންނަ ސަރަހައްދު ކަމަށް މައުލޫމާތު ލިބެއެވެ.

ހޮންގްކޮންގް ފުލުހުންގެ ހަމަލާ މިސްކިތުގެ ބޭރުގައި ގާޑުންގެ ގޮތުގައި ތިބި ބަޔަކަށް ވެސް އަމާޒުވި އިރު، ގިނަ ބަޔަކު ކޮށި އަރާ ހޮޑުލެވުނު ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހޮންގްކޮންގްގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުން ވަނީ ޗައިނާގެ މައި ސަރުކާރަށް ތާއީދު ކުރާކަމަށް ހީވާ ވިޔަފާރީތައް ލޫޓުވުން ފަދަ އަމަލުތައް ހިންގާފައި ކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

އެތައް މަހަކަށް ދިގުލައި ގޮސްފައިވާ ހޮންގްކޮންގްގެ މުޒާހަރާތަކަކީ ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ވަކިވެ، މިނިވަން ޑިމޮކްރަސީއެއް ގާއިމު ކުރުމަށް ކުރިއަށް ގެންދާ މުޒާހަރާތަކަކެވެ. 1997 ވަނަ އަހަރު އިނގިރޭސިންގެ އިސްތިއުމާރު ނިމުމަކަށް ގެނައި ފަހުން ހޮންގްކޮންގް އޮންނަނީ ޗައިނާގެ ދަށުން ހިންގާ އިދާރީ ވަކި ދާއިރާއެއްގެ ގޮތުގައެވެ.