މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ރައީސް މިއަދު ނަންތައް ފޮނުވައިފި އެވެ.

ަމިއަދުގެ ރައްޔިތުންގެ މަޖިލީޙަށް ރައީސް ފޮނުވި ނަންތަކަކަކީ މީރާގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުން އައްޔަންކުރުމަށް ފޮނުވި ނަންތަކެކެވެ. ދާދިފަހުން މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި އާއި އޭނާގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރަން މަޖިލީހަށް ނަންތަކެއް ވަނީ ފޮނުވާފަ އެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުން ބުނީ، އެ ދެ މަގާމަށް ކުރިމަތިލާން މިދިޔަ މަހު ހުޅުވާލުމުން، އެ ދެ މަގާމަށް ޝައުގުވެރި ވެގެން ނަން ހުށަހެޅި މީހުންގެ ނަންތައް މިދިޔަ ބުދަ ދުވަހު މަޖިލީހަށް ފޮނުވާފައި ވާ ކަމަވެ. ނަމަވެސް އެއީ ކޮން ބޭފުޅުންތަކެއްގެ ނަންތަކެއްކަމަށް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ރައީސް އޮފީހުން ބުނީ ކޮމިޝަނާގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލާފަވާއިރު، ޑެޕިއުޓީ ކޮމިޝަނަރަކަށް ހަ ބޭފުޅަކު ކުރިމަތިލެއްވި ކަމަށެވެ. މީރާގެ ގާނޫނަށް ގެނައި އިސްލާހު މިދިޔަ މަހުގެ 12 ވަނަ ދުވަހު ރައީސް ސޯލިހު ތަސްދީގު ކުރެއްވި އިރު، އެ އިސްލާހު ބުނާ ގޮތުން 30 ދުވަހުގެ ތެރޭގައި މީރާއަށް ވެރިން އައްޔަން ކުރަން ޖެހުނު ނަމަވެސް ގާނޫނުގައި ބުނާ އެ މުއްދަތު ހަމަވުމާއި ގުޅިގެން މީރާ މިހާރު އޮތީ ގާނޫނީ ހުސްކަމެއްގައެވެ.

މިނިވަން މުއައްސަސާތަކަށް އައްޔަން ކުރައްވާ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ފޮނުވި ނަމަވެސް އެ ބޭފުޅުންގެ ނަންތައް ހާމަކުރަނީ މަޖިލީހުގެ ތަޅުމަށް ނަންތައް ހުށަހެޅުމުންނެވެ. ކޮމިޝަނާ ޖެނެރަލް އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އައްޔަން ކުރުން މަޖިލީހުގައި އަދި އެޖެންޑާއެއް ނުކުރެއެވެ. މީރާގެ ގާނޫނަށް ގެނައި ބަދަލާއި ކުރިން ހުރި ކޮމިޝަނާ ޖެނެރަލްގެ މަގާމު ގެއްލުވާ ލުމަކީ ރާއްޖޭގެ މާލީ ނިޒާމަށް ގެނައި ނުބައި ބަދަލެއްގެ ގޮތުގައި އެއް ބަޔަކު ސިފަ ކުރާ އިރު އަނެއް ބަޔަކު ބުނަނީ އެ ބަދަލު ގެންނަން ޖެހޭ ކަމަށެވެ.