މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ގދ. ގައްދޫ، ކޯޒީރައުންޑް، ފާތިމަތު އަމީޒާ އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި މަގާމަށް ފާތިމަތު އަމީޒާ އައްޔަން ކޮށްފައިވަނީ 2026 ޖުލައި 16 ވީ ބުރާސްފަތި ދުވަހުކަމަށެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރެއްވި ފާތިމަތު އަމީޒާއަކީ މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ ފަރާތަކަށްވާއިރު، މީގެ ކުރިން އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމު ވެސް ވަނީ ފުރުއްވާފައެވެ.

ރައީސް އޮފީހުން ބުނީ އަމީޒާގެ ހިދުމަތުގެ ދިގު މުއްދަތުގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އެންފޯސްމަންޓް ޑިވިޝަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ޑޭޓާ އެނަލިޓިކްސް އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބޭނުންކުރައްވައިގެން، ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތް ވަނީ އެންމެ މަތީ ދަރަޖައަކަށް ގެންގޮސްދެއްވާފައިކަމަށެވެ.

ފާތިމަތު އަމީޒާ ވަނީ މަތީ ތައުލީމުގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހާސިލުކުރައްވާފައެވެ. އެގޮތުން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާއިން މާސްޓާ އޮފް ސައިންސް އިން އެކައުންޓިން ވަނީ ހާސިލުކުރައްވާފައެވެ.

މީގެއިތުރުން އޮކްސްފޯޑް ބްރޫކްސް ޔުނިވަސިޓީއިން ބެޗެލާސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިން ވަނީ ހާސިލުކުރައްވާފައެވެ.