މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށް ބަދުބަސް ބުނެ ނެރުނު ރިޕޯޓުގެ މައްސަލާގައި ބައެއް ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެމްޑީއެންގެ މައްސަލާގައި ފުލުހުން ކުރާ ތަހުގީގަށް ހާޒިރު ކުރަންޖެހޭ ފަރާތްތައް ހާޒިރު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި ބައެއް ފަރާތްތަކަށް މިހާރު ޗިޓު ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް ޗިޓު ފޮނުވީ ކޮން ބަޔަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށްބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.

އެ ޖަމިއްޔާގެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށް ބުނެފައި ވާއިރު އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފައެވެ. އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ ހިޔާލީ ވާހަކައެއް ކަމަށްވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށް ވަކާލާތު ވެސް ކޮށްފައި ވެއެވެ.

އެ ރިޕޯޓުގައި ހުރި ކަންކަން ތަހުގީގު ކުރުމަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލަނީ ހާއްސަ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ގިނަ ރަށްތަކުގައި އަންނަނީ އެ ޖަމިއްޔާއާ ދެކޮޅަށް އަޑު އުފުލާ ހިނގާލުންތަކާއި އެއްވުންތައް ބާއްވަމުންނެވެ. އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ ޔޫތު މިނިސްޓްރީން މިހާރު ވަނީ ސަސްޕެންޑު ކޮށްފައެވެ.