އަމިއްލަ އެދުމާއި، މަސްލަހަތަށް ވުރެ, ރައްޔިތުންގެ އެދުމާއި މަސްލަހަތާއި އުއްމީދުތައް އިސްކުރަން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންނަށް ގޮވާލައްވައިފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ފުލުހުންގެ ޝަރަފުގެ ނިޝާނާއި ކުލަ ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ތެރެއިން ކުރިއަރާދާން ވާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް ރައްޔިތުންގެ އެދުމާ އުއްމީދުތައް އިސްކުރާ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ އިތުބާރު ދަމަހައްޓާ ބަޔަކަށްވެސް ފުލުހުން ވާން ޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ތިމާގެ އަމިއްލަ އެދުމާ މަޞްލަހަތަށްވުރެ ރައްޔިތުންގެ އެދުމާއި މަޞްލަހަތާއި އުއްމީދުތައް އިސްކުރާށޭ. ދެވަނަކަމަކީ ހަގީގަތުގައިވެސް މިވަގުތަށް ވަރަށް މުހިއްމުކަމެއް. އަޅުގަނޑު ހިތުން ކޮންމެ މަދަނީ ތަހުޒީބު މުޖުތަމައެއްގައި އެންމެ މުހިއްމު އެއް ސިފައަކީ އެބައެއްގެ ސަލާމަތާއި އަމާންކަން ކަށަވަރު ކުރަން އޮންނަ މުއައްސަސާއާމެދުގައި އިތުބާރު ޔަގީން ކުރުން" އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ، މިމުއައްސަސާގެ ކަރާމާތާއި، މުއައްސަސާގެ ޝަރަފާއި އިއްޒަތް ދަމަހައްޓަން ތިބޭނީ ފުލުހުން ކަމަށާއި ކޮންމެ އޮފިސަރަކީ ތިމާގެ އަމިއްލަ އެދުމާއި މަސްލަހަތު، މުއައްސަސާގެ ކަރާމާތާއި، ޝަރަފާއި، އިއްޒަތާ ފުށުއަރާ ހިނދު ތިމާގެ އަމިއްލަ އެދުމާއި މަސްލަހަތު ދޫކޮށް މުއައްސަސާގެ ޝަރަފާއި ކަރާމަތާއި އިއްޒަތް ދެމެހެއްޓޭނެ ބޭފުޅަކަށް ވާން ޖެހޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މުއައްސަސާތައް ހިނގަނީ ރައްޔިތުންގެ ބައިތުލްމާލުން، ރައްޔިތުން ކުރާ މަސައްކަތުން ދައުލަތަށް ލިބޭ އާމްދަނީން ކަމަށާއި، އެހެންކަމުން ކޮންމެ މުއައްސަސާއެއްގެ މައްޗަށް ރައްޔިތުންގެ ބައިވެރިވުމާއި، ރައްޔިތުންގެ އެއްބާރުލުމާއި، ރައްޔިތުން ބޭނުންވާ އުއްމީދު ހޯދަންޖެހޭ ކަމަށެވެ.

"ރައްޔިތުން މިމުއައްސާގެ ކިބައިން އެދޭ ގިނަ ކަންތައްތަކެއް އެބަހުރި. ތިޔަބޭފުޅުން ވިސްނަވާ. ރައްޔިތަކަށް ބޮޑުކަމެއް ދިމާވާ ކޮންމެ ހިނދަކު އެންމެ ފުރަތަމަ މުއައްސަސާތަކުގެ ތެރެއިން ހަނދާނަށް އަންނަނީ ފުލުހުންގެ މުއައްސަސާ. ކަނޑުމަތީގެ ހާދިސާއެއް ދިމާވިޔަސް، އެވަގުތު އެކަމުން ސަލާމަތްވާން ދަނީ ފުލުހުންނާ ދިމާއަށް، އަލިފާނުގެ ހާދިސާއެއް ދިމާވިޔަސް ފުލުހުންނާ ފުރަތަމަ ގުޅާނީ، އާއިލާގެ ތެރޭގައި މައްސަލައެއް ދިމާވިޔަސް ފުލުހުންނާ ފުރަތަމަ ގުޅާނީ، މުދަލަށް ގެއްލުމެއް ލިބުނަސް ފުލުހުންނާ ފުރަތަމަ ގުޅާނީ، އާދެ އެހެންކަމުން ރައްޔިތުން އުއްމީދުކުރޭ މިއިން ކޮންމެ ވަގުތެއްގައި ކޮންމެ ހާލަތެއްގައި އެންމެ އަވަސްކަމާއި އެންމެ ފުރިހަމަކަމާއެކު ފުލުހުންގެ މުއައްސަސާއިން ރެސްޕޮންޑްކުރުން" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އަދި އެވަރުން ނުނިމޭ ކަމަށާއި ރައްޔިތުން އެދޭ މިންވަރަށް ރައްޔިތުން އެދޭގޮތަށް އެކަންކަމަށް ރެސްޕޮންޑް ކުރުން އެއީ ފުލުހުންގެ މުއައްސަސާގެ އެންމެ މުހިއްމު އެންމެބޮޑު އެއް އަމާޒަށް ވާން ޖެހޭނެ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅު ނިންމާލައްވަމުން ތަކުރާރުކޮށް އެދިވަޑައިގަތީ ކުށެއް ނުކުރާ މީހަކަށް އަދަބު ނުދިނުމަށެވެ.