އަރިއަތޮޅު ދެކުނުބުރީގައި އޮންނަ 1.5 ހެކްޓަރުގެ ފުށިދިއްގާ (ރަތްދިއްގާ) އަކީ މައްސަލަގަނޑު ބޮޑު ރަށެކެވެ. ރަށުގެ މައްސަލަތަކެއް ނޫނެވެ. ސަރުކާރުގެ މުއައްސަސާތަކުގެ ދޯހަޅިކަމުންނާއި، ބައެއް މުއައްސަސާތަކުގައި ކުރިން ތިއްބެވި ވެރިންނާއި އަދި މިހާރުވެސް ތިއްބެވި ބައެއް ވެރިންގެ އިހުމާލުގެ ސަބަބުންނެވެ.
ރިސޯޓު ތަރައްގީ ކުރަން 3 ފަރާތަކަށް ކުއްޔަށް ދިން ފަޅުރަށެއްގެ ވާހަކަ ނޫސްތަކުގައި އޮއްވާ ކިޔުންތެރިން އޮންނާނީ ކިޔާފައެވެ. އަދި ޝަރީއަތުގެ މަޖިލިސްތަކުގައި އެ ރަށެއްގެ ވާހަކަ މިހާރުވެސް ދައްކާ އެއް ރަށަކީ އދ ފުށިދިއްގާ ނުވަތަ ރަތްދިއްގާއެވެ.
އެ ރަށާ ގުޅުންހުރި ގަޒިއްޔާތައް، ހުރިހާ ކޯޓު މަރުހަލާއެއް ކަޑައްތު ކުރަމުން ދާއިރު، ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް ރޭކާ ނުލައި، ފެންވަރުގެ ރިސޯޓެއް ފުށިދިއްގާގައި ހިންގަމުން އެބަގެންދެއެވެ.
"ދަޕްރެސް" އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެކަން ބެލި އިރު އެއީ ހަމަ ތެދެކެވެ. ނަމުން ‘ފައިވް ސްޓާ’ ނުކިޔަނީއެވެ. އެހެނަސް ހުރިހާ އިންތިޒާމުތަކެއް ހުރެއެވެ. ނިދާ ކައި ބޮއެ، ބާބަކިއު ހަދާ އޯވާނައިޓް ކުރެވެއެވެ.
ރަށުގައި އޮޕަރޭޝަން ހިންގަން ތިބެނީ 2 ބަންގާޅީންނެވެ. ދެމީހުން ކުރެ ކޮންމެ މީހެއްގެ މުސާރައަކީ 300 ޑޮލަރެވެ. ރަށް ކުނި ކަހަނީވެސް، ކައްކަނީވެސް އެމީހުންނެވެ. ރަށަށް ލޯންޗް ކައިރި ކޮށްލުމާއެކު ގެސްޓުންނަށް ވެލްކަމް ޑްރިންކް ދެނީވެސް އެމީހުންނެވެ. ގެސްޓުންގެ ގޮތުގައި ރަށަށް އަރާ ބޭރު މީހެކޭ، ދިވެއްސެކޭ ތަފާތެއް ނުކުރެއެވެ.
ރަށަށް އަރައިގެން ދާއިރު އެކޮމަޑޭޝަން ބްލޮކްވެސް ހުރެއެވެ. ސޯފާ ބަހައްޓާފައި ހުންނަ ލޮބީއާއި، ކައްކާ ކެވޭގޮތަށް ހުންނަ ފުރިހަމަ ބަދިގެވެސް ހުރެއެވެ. ކާ މޭޒާއި އައިސްއަލަމާރިވެސް ހުރެއެވެ. ރެސްޓްރޫމާއި އެހެނިހެން އާލާތްތައްވެސް ހުރެއެވެ. ނިދާލަން ފައްކާކޮށްފައި ހުންނަ ކޮޓަރީގައި ޑަބަލް އަދި ސިންގަލް ބެޑުވެސް ހުރެއެވެ. ހަމަ އެކަނި ފެންނަން ނެތީ "ވިލާތު ސަރުބަތު" އެވެ.
އެމީހުން އެ އޮޕަރޭޝަން ހިންގާ ގޮތާއި، ލިބޭ އާމްދަނީވެސް ކިޔައި ދިނެވެ. އެމީހުން ބުނީ ރަށަށް އަރާ ކޮންމެ މީހަކަށް އޯވަނައިޓް ނުކުރަންޏާ ނަގަނީ 5 ޑޮލަރު ކަމަށެވެ. އޯވަނައިޓް ކުރަންޏާ 10 ޑޮލަރެވެ. އެވްރެޖްކޮށް މަހަކު 4000 އެއްހާ ޑޮލަރު ނަގައެވެ. އެއީ މަހަކު 400 އެއްހާ މީހުންނެވެ. ސީޒަން ދުވަސްވަރު ދެތިން ދުވަހެއް ފިޔަވައި ކޮންމެ ދުވަހަކީ އޯވާބްކް ވެފައި އޮންނަ ދުވަހެކެވެ. ސީޒަން ތެރޭގައި ދުވާލަކު 20-30 މީހުން ރަށަށް އަރާކަމަށް ބުނެއެވެ. އެހެން ކަމަށް ވާނަމަ ސީޒަންގައި 12000 އެއްހާ ޑޮލަރު ލިބޭނެއެވެ.
އޮޕަރޭޝަންގެ ވެރިއަކީ ކާކު؟
ފުށިދިއްގާގައި ހިންގާ ވިޔަފާރީގެ ވެރިއަކީ މ. ހަސްތީ އަހުމަދު ޚަލީލެވެ. ހަލީލު ބުނީ އެރަށް އޮންނަނީ އޭނާއަށް ކަމަށެވެ. އޭނާ ބުނީ އެރަށަކީ އޭނާ ކުރިން ވަރުވާއަށް ގެންގުޅުނު ރަށެއް ކަމަށާއި، އެރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް 2011 ޑިސެމްބަރު 1 ގައި ސަރުކާރުން ހުޅުވާލުމުން އޭނާ ހުށަހެޅި ހުށަހެޅުމާ އެއް ގޮތަށް ސަރުކާރުން އެރަށް އޭނާއަށް ދޭން އެއްބަސްވި ކަމަށެވެ. ނަމަވެސް ސަރުކާރުން އޭނާއާއެކު އެއްބަސްވުމެއް ނެހެދި ކަމަށާއި، ތަޅުވަތަޅުވާފައި އެރަށް އެހެން ދެބަޔަކަށް ވިއްކާލީ ކަމަށެވެ. އެ ކަންތައްގަނޑުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީނާވެސް ބައްދަލު ކުރި ކަމަށާއި ޔާމީނު ވިދާޅުވިކަމަށް ވަނީ އެރަށް ގަތް އަނެއް ދެޕާޓީން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހަލީލު ދެއްކުމަށް ކަމަށެވެ.
ހަލީލު އިތުރަށް ބުނީ އޭނާ އަތުން އެރަށް ވަކި ކުރިކަން މިއަދާ ހަމައަށްވެސް އަންގައި، ސަރުކާރުން ލިޔުމެއްވެސް ފޮނުވައިފައި ނުވާކަމަށެވެ.
'ދަޕްރެސް' އަށް ލިބިފައިވާ ބައެއް ލިޔެކިޔުންތަކާއި، ހައިކޯޓުގެ ގަޒިއްޔާއާއި، ދައުލަތުން ބަދަލު ހޯދަން ހަލީލު ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ސްޕްރީމްކޯޓުން ނިންމާފައިވާ ނިންމުންތަކުން އދ ފުށިދިއްގާ ގައި ހަލީލުގެ މަސްލަހަތެއް މިހާރަކު ނެތް ކަމަށް ގަބޫލު ކުރަން ޖެހެއެވެ. ހައިކޯޓުގެ ގަޒިއްޔާގައި ބުނެފައިވަނީ ސިވިލްކޯޓުގައި ހަލީލު ކުރި ދައުވާ ހަލީލާ އެއްކޮޅަށް ނިންމާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެ ހުކުމުގައި ހަލީލާއެކު އެއްބަސްވުމުގައި ސޮއިކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށްފައި ވެއެވެ. ނަމަވެސް 2018 ޖޫން 24 ގައި ސްޕްރީމް ކޯޓުން ހަލީލަށް ދިން ޖަވާބުގައި ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.
ހަލީލު އެކަމަކަށް އެއްބަހެއް ނުވެއެވެ. އޭނާ ބުނަނީ އެއްވެސް ގަޒިއްޔާއެއްގައި އޭނާއާ ދެކޮޅަށް ނިންމާފައި ނެތް ކަމަށެވެ. އަދި މިހާރު ތައްޔާރުވަމުން ދަނީ ސްޕްރީމްކޯޓަށް ދާން ކަމަށްވެސް އޭނާ ބުނެއެވެ.
ސަރުކާރުން ބުނަނީ ކީކޭ؟
"ހަލީލަކީ ޕިކްޗާގައި ހުރި މީހެއް ނޫން މިހާރު، ހައިކޯޓުގެ އަމުރާއެކު ހަލީލަށް ލިބިފައި ހުރި ހުރިހާ ހައްގުތަކެއް ނިމިފައި ވަނީ، އެހެންވީމައި ހަލީލަކީ މިހާރު އެއްވެސް ވަރަކަށް ފުށިދިއްގާއާ ގުޅުން ހުރި ޕާޓީއެއް ނޫން" ހަލީލުގެ ވާހަކައާ ގުޅިގެން މިނިސްޓރީ އޮފް ޓޫރިޒަމްގެ ގާނޫނީ ޓީމުގެ ފަރާތުން ޝުކުރާނާ މުހައްމަދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ފުށި ދިއްގާއާ ގުޅިގެން މަސްލަހަތެއް އޮތީ، އެޗްއެމްއެޗްއައި ކިޔާ ކުންފުންޏަކާއި މޯލްޑިވިއާނާ ކިޔާ ކުންފުންޏެއްގައި ކަމަށެވެ. އެއީ އެ ދެކުންފުނިންވެސް އެރަށަށް ފައިސާ ދައްކާފައި ވުމުން ކަމަށެވެ.
ހަލީލަށްފަހު އެރަށް ސަރުކާރުން ވިއްކީ އެޗްއެމްއެޗްއައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުންޏަށް ސަރުކާރުން ރަށް ވިއްކާލީ 3 މިލިއަން އެމެރިކާ ޑޮލަރަށެވެ. އަދި އެ ފައިސާގެ ތެރެއިން އެރަށާ ގުޅޭ އެކިއެކި މުއާމަލާތްތަކަށް 1.5 މިލިއަން ޑޮލަރު ދައްކާފައި ވާކަން ހައިކޯޓުގެ ގަޒިއްޔާއިން އެނގެއެވެ. އެޗްއެމްއެޗްއައި އަށް އެރަށް ސަރުކާރުން ދިނީ 2014 އޮކްޓޯބަރު 20 ގައެވެ. އޭގެ ފަހުން 2015 މެއި 19 ގައި މޯލްޑިވިއާނާ ގްރޫޕު ޕްރައިވެޓް ލިމިޓެޑަށް އެރަށް ވިއްކާލިއެވެ. އެފަހަރު އެރަށް ވިއްކާލީ 6 ލައްކަ ޑޮލަރަށެވެ.
އދ ފުށިދިއްގާއަކީވެސް ރައީސް ޔާމީނު ސަރުކާރުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ނުއަގުގައި ވިއްކާލި ރަށްތަކުގެ ލިސްޓުގައި، ހިނގަމުންދާ ސަރުކާރުން ލިސްޓްކޮށްފައިވާ ރަށެކެވެ. އެރަށް ހަލީލަށް ދިނީ ރަތްދިއްގާގެ ނަމުގައެވެ. އެޗްއެމްއެޗްއައި އަށް ދިނީ ފުށިދިއްގާގެ ނަމުގައެވެ. އަނެއްކާ މޯލްޑިވިއާނާއަށް ދިނީ ރަތްދިއްގާގެ ނަމުގައެވެ.
އދ ފުށިދިއްގާގައި މިއަދުވެސް ހަލީލުގެ މުވައްޒަފުން ތިބި ވާހަކަ ބުނުމުން، 'މިނިސްޓްރީ ދިޔައީ ސިއްސައިގެން' ނެވެ. އެރަށުގައި ކަމެއް ހިނގާ ކަމެއް، އަމުދުން ފެންވަރުގެ ރިސޯޓެއް ހިންގާކަމެއް ކުޑަކޮށްވެސް ރެއާކާލައިފައި ނެތެވެ.
އެރަށުގައި ވިޔަފާރި ހިންގާތާ އަށެއްކަ އަހަރުވީ އިރު ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކަށް އެކަން ނޭނގުމަކީ ވަރަށް ލަދުވެތި ކަމެކެވެ. މިވީ ދިގު މުއްދަތުގައި އެރަށަކުން ދައުލަތަށް ލިބެންވީ މަންފާއެއް ނުލިބުނުތާނގައި މިއީ، އެރަށް އެތާނގައި އޮތްތޯވެސް ބަލާލެވިފައި ނުވާކަމުގެ ހެއްކެކެވެ. މިގޮތަށް އިހުމާލުވެފައި އޮތީ ކިތައް ރަށް ކަމެއް ބުނަން ނޭނގުނަސް އެ ރަށުގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ހިނގަނީ ސީދާ ބުދު ޖެހި ޑޮލަރުންނެވެ.
ފުށިދިއްގާގެ މައްސަލަ ހައްލު ކުރުން؟
ބައެއް ލިޔެކިޔުންތަކުން ފެންނަން އޮތް ގޮތުގައި، 2012 ވަނަ އަހަރުގެ ތެރޭގައި އދ އަތޮޅު ކައުންސިލުން އެރަށް ބަލަހައްޓާނެ ބަޔަކު ހޯދަން މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އެކައުންސިލުން ކުރި އިއުލާނަށް އިޖާބަދީ އެރަށް ބަލަހައްޓާނެ ބަޔަކު ނުލިބުނު ކަމަށް އެކައުންސިލުން 'ދަޕްރެސް' އަށް މައުލޫމާތު ދިނެމެވެ.
އެރަށް ފިޝަރީޒް މިނިސްޓްރީގެ ދަށުގައިވެސް އޮތެވެ. އަދި ފަހުން ޓޫރިޒަމް މިނިސްޓްރީއަށް ބަދަލު ކޮށް އެކި ނަންނަމުގައި ވިއްކަމުން ދިޔައެވެ.
ސަރުކާރުން ބުނީ އެރަށާ ގުޅިގެން ހިނގާފައި ހުރި މުއާމަލާތްތަކުގެ އަލީގައި ހަލީލަކީ މިހާރު އެރަށާ ބެހޭ މީހެއް ނޫން ކަމަށެވެ. އަދި މިހާރު މައްސަލަ ހައްލުކުރަން އޮތީ އެޗްއެމްއެޗްއައި އާއި މޯލްޑިވިއާނާގެ މައްސަލަކަމަށެވެ.
"އެންމެ ބޮޑު އަދަދެއް ދެއްކީ އެޗްއެމްއެޗްއައި އިން، އެކަމަކު އެމީހުން ދިން މުއްދަތުގައި ފައިސާ ދައްކާ ހަލާސް ނުކުރޭ، މޯލޑިވިއާނާ ފައިސާ ދައްކާ ހަލާސްކުރި ދިން މުއްދަތުގައި" ދެ ކުންފުންޏާ ގުޅިގެން މިނިސްޓްރީއަށް ފާހަގަވާ ކަންކަން ހިއްސާކޮށްދެއްވަމުން ޝުކުރާނާ ވިދާޅުވިއެވެ.
ޝުކުރާނާ އެހެން ވިދާޅުވި އިރު "ދަޕްރެސް" އަށް ލިބިފައިވާ ބައެއް ލިޔެކިޔުންތަކުން އެނގޭ ގޮތުގައި 2014 ޑިސެމްބަރު 18 ގައި އެމްއެމްޕީއާރުސީގެ ސިޓީއަކުން ފައިސާ ދައްކާ މުއްދަތު އެޗްއެމްއެޗްއަށް އިތުރުކޮށްދީފައި ވާކަން އެނގެއެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ކޯޓުގައި މައްސަލަތަކެއްގެ ޝަރީއަތް ހިނގަމުން ދިޔަކަންވެސް އެނގެއެވެ. އެ ޝަރީއަތްތަކުން ފައިސަލާ ކޮށްފައި ހުރި ހުކުމަށް ބަލާއިރު، އދ ފުށިދިއްގާއާ ގުޅޭގޮތުން އެއްވެސް މުއާމަލާތެއް ނުކުރުމަށް އަމުރުކޮށްފައިވެސް ވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ދެއްކި ވާހަކައަށް އެޗްއެމްއެޗްއައިގެ މެނޭޖިން ޑައިރެކްޓަރު މޫސާ އިބްރާހިމް ވިދާޅުވީ އެކުންފުންޏަށް ވިއްކާފައި އޮތް ރަށެއް، އަދި ކޯޓު މަރުހަލާގައި އޮއްވާ ސަރުކާރުން މޯލްޑިވިއާނާއަށް ވިއްކާ ނުލެވޭނެކަމަށެވެ.
ލިޔެކިޔުންތަކުން ފެންނަން ހުރީވެސް އެގޮތަށެވެ. މޯލްޑިވިއާނާއަށް އެރަށް ވިއްކި އިރު ކޯޓު މަރުހަލާތައް ގުނަމުން ދެއެވެ.
މޯލްޑިވިއާނާއަށް އެރަށް ވިއްކާލުމުގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަ ހުއްޓެވެ. އެއްކަމަކީ އެ ދުވަސްވަރު ރިސޯޓު ތަރައްގީ ކުރުމަށް ހެކްޓަރެއް ވިއްކަމުން ގެންގޮސްފައި ހުރި ރޭޓަށް ވުރެ މާ ބޮޑު ރޭޓެއްގައި އެޗްއެމްއެޗްއައި އަށް ވިއްކާފައި ވުމާއި މޯލްޑިވިއާނާއަށް ވިއްކީ ހަމަ އަގުގައި ކަމެވެ.
އެދުވަސްވަރު ހެކްޓަރެއް ވިއްކާ ރޭޓު ކަމަށް ބުނެ ސަރުކާރުން ގެޒެޓް ކޮށްފައި ހުރި ލިޔެކިޔުންތަކަށް ނަޒަރު ހިންގާލާއިރު އދ ފުށިދިއްގާގެ އަގަގީވެސް ގާތްގަނޑަކަށް 6 ލައްކަ ޑޮލަރެވެ. އެރަށާ ކައިރީގައި ހުރި ބައެއް ރަށްރަށާ އދ އަދި އއ އަތޮޅުގެ ރަށްތައް ވިއްކާފައި ހުރި ރޭޓަށް ބަލާނަމަ އެޗްއެމްއެޗްއައި އަށް އެ އަގުދިނީ 'ނުހައްގު ފައިދާއެއް ހޯދުމަށް' ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. އެ ރަށަކީ މަހުގެ ކުޑަބޮޑުމިނަށް ބަލައިގެން ބަދަލު އަންނަހެން ބަދަލު އެންނަ އެއްޗެއް ނޫންތާއެވެ. އެހެން ކަމުން އެރަށުގެ އަގަކީ 3 މިލިއަން ޑޮލަރު ކަމުގައި ވާނަމަ، މޯލްޑިވިއާނާއަށް އެރަށް 6 ލައްކަ ޑޮލަރަށް ވިއްކީ ކޮން އުސޫލަކުން ކަމާމެދު ސުވާލު އުފެދެއެވެ. ފަތުރުވެރިކަން ފައްކާކުރުމަށް ދޫކުރާ ރަށްރަށާއި، ރާއްޖޭގެ ރަށްރަށުގެ ޑިމާންޑް ބޮޑުވަމުން އައިސްފައި ހުރި ގޮތަށާއި، ހާއްސަކޮށް މާލެ ޒޯންގައި އޮތް ރަށަކާ އަޅާބަލާއިރު ކުރިން ބޮޑުކޮށް ވިއްކި ރަށެއް ފަހުން ކުޑަވާން ޖެހުމަކީ ސުވާލު އުފެދޭ ކަމެކެވެ.
"ކިހާބޮޑު ގެއްލުމެއް ލިބެމުން މިދަނީ، އެތައް ފައިސާއެއް ބްލޮކްކޮށްގެން ސަރުކާރުން އަޅާލަނީކީ ނޫން، ކޯޓުގައި މިހާރުވެސް މައްސަލަ އެބަ ހިނގާ" 2014 އިން ފެށިގެން އެރަށަށް ބްލޮކް ކުރި ފައިސާއަކީ ވިޔަފާރިއެއް ކުރާނަމަ ކުޑައަދަދެއް ނޫންކަން ބަޔާންކޮށްދެމުން މޫސަ ވިދާޅުވިއެވެ.
ފައިސާ ދެއްކި ފަރާތްތަކުގެ މަސްލަހަތުތަކާއި ފުށިދިއްގާގެ މައްސަލަ ނިންމަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ޓޫރިޒަމް މިނިސްޓްރީން 'ދަޕްރެސް' އާ ހިއްސާ ކުރިއެވެ. އެމިނިސްޓްރީން ބުނީ އެރަށް ދޭނެ ބަޔަކު ނިންމުމަށް މިނިސްޓްރީ ލެވެލްގައި މިހާރު މަޝްވަރާ ކުރުމަށް ފަހު ސަރުކާރުގެ ކަމާބެހޭ އެހެން ފަރާތްތަކުގެ ލަފައަކަށް އެދިފައި ވާކަމަށެވެ.
އެ ވިދާޅުވާ ލަފާގެ އަލީގައި ގޮތެއް ކަނޑައެޅެއްދެންވެސް އދ ފުށިދިއްގާގައި ހިންގަމުންދާ 'ރިސޯޓު' ގެ ކަންތައް ބަލަން އެބަޖެހޭ ނޫންތޯއެވެ. އެމީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ނޫންތޯއެވެ. އެތާ މަސައްކަތް ކުރާ ބަންގާޅީން ތިބީ ގަވާއިދާ ހިލާފަށް ކަމުގައި ވާނަމަ އެކަންވެސް ބަލަން ޖެހޭ ނޫންތޯއެވެ. ވޯކްޕާމިޓް އޮތްތޯވެސް ނުވަތަ ނެތްތޯވެސް ނުބަލައި ވަލު ދޮރާށިން ޑީޕޯޓުކޮށްލައިފައި ޓްވީޓް ކުރެއްވިއަކަސް ނުވާނެ ނޫންތޯއެވެ.
މިތަނަށް އަރާ މިތިބީ ގަވާއިދާ ޚީލާފަށް އަރާ ތިބި ބައެއް.
ތީ ރޭވިގެން ހިނގާ ކަންތައް.ސަރުކާރުގެ އިސްވެރިން އަޑީގަ ތިބޭނެ.
ތި އެޗުއެމްއެޗުއައި ކުންފުނިން ތިރަށައް 9ލައްކަ 50ހާސް ޑޮލަރު ދެއްކީ އެސް އޯ އެފް އައް!
ތި އާޓިކަލްގައި މޯލްޑިވިއާނާގެ ބަހެއްނެތީކީއްވެތޯ؟
އެޗްއެމްއެޗްއައި ތިކިޔާ މީހުން ހަމަހޭގަ ތިބެގެން ބާ އެއޮއް ކުޑަ ރަށައް 3 މިލިއަން ޑޮލަރު ދޭން އެއްބަސް ވީ؟
އަކުރު މައްޗައް އަކުރު އަދިފިލި އަރުވާފަ ހުންނާތީ ނޫސްކިޔާހިތްވެސްނުވޭ ވަރަށްސަލާމް ދަޕްރެސް އަށް
ބްރޯ މަށައް ވެސް ހަމަ ތިހެން ފެންނަނީ
މިރަށުގެ ހަޤީގަތް އަދި ގެނެސްދީފައި އޮތީ ވަރަށް ބޮޑަށް އޮޅޭގޮތަށް ވަރަށް ރަގަޅުވީސް ޝަރީއަތުން ކުރި ހުކުމް ލީނަމަ އޭރުން ދޯ އިނގޭނީ
ތި އޮތީ ޒީރޯ ޓޮލަރަންސް ވެފައި. ދެން ބާރަށް އަތް ޖަހާ
އިހުމާލުވާ މީހުން ވަގުތުން ހިފާ ހައްޔަރު ކުރޭ.
އަހާނ! ތީ ރަންބިސްއަޅާ ކުކުޅޭ މައުމޫނު ވެސް ކިޔާ އުޅުނު. ތިއޮތީ ހަމަ ރަނގަޅަސްވެސް ރަންބިސް އަޅާފައި. 8 އަހަރު ލާރި ކާލަކާލައި. 8 އަހަރަކީ 95 މަސް. މަހަކު 4000 ލިބެންޏާ އެއީ 380000 ޑޮލަރު. ސީރަންއަކީ 3 މަސް، ކޮންމެ މަހަކު 12000 ކަމަށް ބަލައިފިނަމަ 8 އަހަރަށް ވާނީ 288000 ޑޮލަރު. ދިެވހި ފައިސާއިން ހަދާލީމައި 10،300،560 ރުފިޔާ. (ދިހަ މިލިއަން ރުފިޔާ) ފެންފޮދަކާ ނުލައި ދޮވެލީ.
އަދި ތީ ފެންނަން އޮތް ވަރު ދޯ، ކޮބާ އެރަށުގައި ވިއްކާ އެހެން ސާމާނު. ޔަގީނުންވެސް މާ ގިނަވާނެ.
އަޅެދެން ބޮޑުވަރުދޯ ތި. ތިވަރު ވާއިރު އަލީވަހީދަކަށް ނޭނގެޔޭ. ނޭނގި ނުހުންނާނެ. އަޑުބަރޭމެން ބަރާބަރަށް ބަލާނެ ތި ކަންތައްތައް.
ޕިސްޕިސްޕިސް
ރާއްޖޭގެ ރިސޯޓްތައް ހުންނަނީ މި ގޮތަކަށް ނޫން. މިއީ ކޮންމެވެސް ވަރެއްގެ ޕިކްނިކް އައިލެންޑެއް ކަހަލަ ތަނެއް.
ޕިކްނިކަސް ކޮންމެ ނަކަސް ހިންގަނީ ވަގު ވިޔަފާރިއެއްނު.
ކިހިނެއްހޭ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ރަށެއްގައި ބަޔަކަށް ވިޔަފާރި ކުރެވެނީ މިނިސްޓްރީއަށް ނޭނގި. ޔަގީނޭ މިހާރު ތިބި ބޮޑުންނަށް ބައި އަޅާކަން. ބަލާ އަލީ ވަހީދުމެންގެ ދިރިއުޅުމަށް އަންނަ ބަދަލުތައް. އޭސީސީ ކޮބާ. އިއްޔެ ފަތަރާސި ވެފަ ބުނި، ހާމަ ކުރާނަމޭ، ހާމަ ކޮށްބަލަ. މި އޮތީ ވީޑިއޯއާ އެކީ އޮތް ރިޕޯޓެއް، ދެން އޭސީސީން އަޅެ ބަލާފަ ހާމަކޮށްބަލަ ގަޓް ހުރިއްޔާ.
ތި ރަށް 3 މިލިއަނަށް ވިއްކި މީހުންގެ އަތުން ތި އޮތީ ލާރި ގަނޑެއް ކާލާފަ، ނަސީބު ދެބައިކުޅަ އެއްބައި ދިންތަނުން ކޯޓަށް ވަންކަން. އެހެން ނޫންނަމަ، ފެންފޮދަކާ ނުލައި ބްރޯމެން އެ ދިރުވާލާނެ. އަނެއްކާ، 3 މިލިއަނަށް ވިއްކާ ތަނެއް ކިހިނެތްތަ 6 ލައްކަ އަށް ވިއްކެނީ. މިވެސް އަރަތެއްނު. އެވާނީ ޒަމީރުމެން 6 ލައްކަ ޑޮލަރު ބޭނުންވީ ކަމަށް. ފައިސާ، ފައިސާ، ފައިސާ. ގައުމު ހަލާކުވެއްޖެ.
ހަމަ އަގަކީ 6 ލައްކަ ޑޮލަރ ކަން އެނގޭ އިރު 3 މިލިއަން ޑޮލަރ ދީގެންވެސް އެރަށް ގަންނަން އެއްބަސް ވީ ކީއްވެބާއޭ ހިތަށް އަރާ.
މިގޮތަށް ހާދަލާރިއެއް ކައިފަ ހުންނާނޭ ދޯ. އެވާހަކަ ކަންނޭނގެ ކޯޓުގައި އެ ގޮވަނީ، ޒަމީރު 1 މިލިއަން ޑޮލަރު ދިނޭ އެކައުންޓް ހުޅުވަން.
ޔާރައްބީ، މިފެންނަނީ ވައްކަން ކުރަން ބަޔަކު ހިންގަފާނެ ޖަރީމާތަކުގެ ފުންކަން. 1 ރަށެއް އެތައް މަނެއްގައި، އެތައް އޮޅުވާލުމެއްގައި. ކީކޭދޯ ދެން ބުނާނީ. ލިޔުންތެރިޔާއަށް ހަމަ ސާބަސް. ތިކަހަލަ ނޫށްވެރިކަން މިގައުމަށް ބޭނުންވަނީ. ހެޓްސްއޮފް
މަ ހަމަ ކޮސްވެއްޖެ މިސަރުކާރުގެ ދޯދިޔާ ކަމުން. މިސަރުކާރު އެކަންޏެއް ނޫންދޯ، އެ ޔާމީނު ސަރުކާރުވެސް. އެ ސަރުކާރުގަތާ މިގަނޑެއް ފަށާފަ މި އޮތީ. ހުސް ވަގުން.
ފައްކަލޭ ދޯ ހަމަ، ތީ ފައިވްސްޓާއެއް ނޫނެއްނުން، 7 ސްޓާ. އަޅެ ސަރުކާރު އޮންނަނީ ބީތާވެފައިތަ މިވަރު ކަމެއް 10-12 އަހަރު ހިނގަމުން ދާއިރު. އިސްތިއުފާ ދީފައި ގޭގައި ތިބެބަލަ.