ދުނިޔޭގެ އެންމެ އުސް ފަރުބަދައިގެ ރެކޯޑް އޮންނަ މައުންޓް އެވަރެސްޓްގެ އުސް މިން އަލުން ބެލުމަށް ޗައިނާއާއި ނޭޕާލްއިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ދެގައުމު ގުޅިގެން، މި ފަރުބަދައިގެ އުސް މިން އަލުން ބެލުމަށް އެއްބަސްވުމަކަށް އައިސްފައިމިވަނީ، 2015 ވަނަ އަހަރު ހިމާލަޔާސް ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި، އެވަރެސްޓް ފަރުބަދައިގެ އެންމެ މަތީ ކޮޅުން ބައެއް، އަޑިއަށް ދަމައުގަނެފައިވުން އެކަށީގެންވާކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.

ދުނިޔޭގެ ބިމުގެ ސަތަހަ ދިރާސާކުރުމުގެ ރޮނގުން ކުރިއަރާފައިވާ ސައިންސްވެރިންގެ ބަޔަކު ބުރަވާ ގޮތުގައި، 2015 ވަނަ އަހަރުގެ އޭޕްރިލް މަހު، ރެކްޓާ މިންގަނޑުން 7.6 ގެ ބާރު މިނުގައި ނޭޕާލްއަށް އައި ބިންހެލުމުގައި، އެވަރެސްޓް ފަރުބަދައިން 3 ސެންޓިމީޓަރެއްހާތަން އަޑިއަށް ގޮސްފައިވުން އެކަށީގެންވެއެވެ.

އެވަރެސްޓް ފަރުބަދައިގެ އުސްމިނެއް ކަމުގައި މިވަގުތު ރަސްމީކޮށް ބަލައިގެންފައިވަނީ 8848 މީޓަރެވެ.