ދިވެހިރާއްޖޭގައި ހައިޑްރޯގްރަފީ ސާވޭ ކުރުމަށް އިންޑިއާގެ ސިފައިންގެ އެކަކުވެސް މިއަދު ރާއްޖެއަށް އައިސްފަ ނުވާކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ. އެމްއެންޑީއެފުން މިހެން ބުނީ، ހައިޑްރޯގްރަފީގެ މަސައްކަތް ކުރުމުގެ ނަމުގައި އިންޑިއާގެ 40 ސިފައިން މިއަދު ރާއްޖެ އައި ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެމުންނެވެ.

އެމްއެންޑީއެފްއިން ބުނީ ހައިޑްރޯގްރަފީއާ ބެހޭ އެއްވެސް މަސައްކަތެއް ރާއްޖޭގައި އަދި ނުހިނގާ ކަމަށާއި، ހައިޑްރޮގްފީ ޔުނިޓެއް ގާއިމުކޮށް ސާވޭ ފެށުމަށް އިންޑިއާގެ 40 ސިފައިން ރާއްޖެ އައިސްފައިވެސް ނުވާ ކަމަށެވެ.

ހައިޑްރޯގްރަފީގެ ޔުނިޓެއް ރާއްޖޭގައި ގާއިމްކޮށް ސާވޭ ފެށުމަށް އިންޑިއާގެ 40 ސިފައިން ރާއްޖެ އައިތޯއާއި އެކަމަށް ބޭނުންވާ ކަނޑުގެ އުޅަނދަކާއި ހެލިކޮޕްޓަރެއް ވެސް ރާއްޖެ އަންނަ ކަމަށް ދެކެވޭ ވާކަހަ ތަކަށް އެމްއެންޑީއެފުން ދިނީ ކުރު ޖަވާބެކެވެ.

އެމްއެންޑީއެފްއިން ބުނީ، ހައިޑްރޯގްރަފީއާ ބެހޭ ސާވޭއެއް މިވަގުތު ކުރިއަށް ނުގެންދިޔަސް، ހައިޑްރޯގްރަފީއާ ބެހޭ ޔުނިޓެއް ގާއިމް ކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ވާ ކަމަށެވެ. އަދި އެކަމުގެ ސާވޭ ފެށޭ ވަރުވާނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ކަމަށެވެ. މީގެ އިތުރުން އިންޑިއާގެ ހިލޭ އެހީގެ ދަށުން އެފްއައިސީ ޕެޓްރޯލް ލޯންޗެއް މިމަހުގެ ފަހު ކޮޅު ހަދިޔާ ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ހައިޑްރޯގްރަފީއަކީ ކަނޑު އަޑީގެ ޗާޓާއި ކަނޑުއަޑީގައި ވާ ތަކެތި ސޯނާ އަޑު ބޭނުންކޮށްގެން ދެނެގަތުމަށް ކިޔާނަމެކެވެ. މިގޮތުން ހައިޑްރޯގްރަފީ ބޭނުންކޮށްގެން ކަނޑު އަޑީގެ ޗާޓުވެސް ކުރަހާ ހަދައެވެ. އަދި މީހުން ހޯދުމާ ތަފާތު އަސްކަރީ ބޭނުންތަކުގައި ވެސް ހައިޑްރޯގްރަފީ ބޭނުންކުރެއެވެ.

ރާއްޖޭގެ ކަނޑުގެ ހައިޑްރޯގްރަފީ ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިދިޔަ ޖޫންމަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. އޭގެ ފަހުން ދެގައުމުގެ އަސްކަރިއްޔާގެ ވެރިންގެ ފެންވަރުގައި އެ ދާއިރާގެ މަސައްކަތްތަކާ ގުޅޭ ތަފްސީލީ މަޝްވަރާތައް ކޮށްފައި ވާކަމަށް ހަބަރުތައް ބުނެއެވެ.

ހައިޑްރޯގްރަފީ ހަދަން އިންޑިއާއާ ހަވާލު ކުރުމުން، ރާއްޖޭގެ ކަނޑުގެ ހުރިހާ ސިއްރުތަކެއް އިންޑިއާއަށް އެނގޭނެއެވެ. އަދި ރާއްޖޭގެ ޗާޓާއި އެނޫންވެސް ހައްސާސް ކިތަންމެ މައުލޫމާތެއް އިންޑިއާއަށް ލިބޭނެއެވެ.