ޖަލުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން އަމިއްލައަށް އިސްނަގައިގެން އިޞްލާހު ކުރަން މަސައްކަތް ކުރުމަށް ކަރެކްޝަން ސަރވިސަސްގެ އޮފިސަރުންގެ ކިބައިން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން މެދުފަންތީގެ މެނޭޖްމަންޓް އޮފިސަރުންނަށް އަމާޒު ކޮށްގެން މިއަދު މާފުށި ޖަލުގައި ފެށި 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ތަމްރީނު ނިންމުމަށް ފަހު ކޮންމެ އޮފިސަރަކުވެސް އަމިއްލައަށް އިސްނަގައިގެން ޖަލުގެ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރުމަށެވެ. އޭނާ ވިދާޅުވީ މިފަދަ ތަމުރީނުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ޖަލުތަކަކީ އިންސާނީ ކަރާމަތާއި އިއްޒަތް ނުގެއްލޭ ގޮތަށް ހިންގޭ ތަންތަން ކަމުގައި ހެދުންކަމަށެވެ.
އެކި ސަބަބުތަކަށްޓަަކައި ބަންދު ކުރަންޖެހޭ ފަރާތްތައް މުޖުތަމައަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ރިހިބިލިޓޭޓް ކުރެވި މުޖުތަމައަށް ނެރުމަކީވެސް މިފަދަ ތަމްރީނު ޕްރޮގްރާމުތައް ތަނަވަސް ކޮށްދިނުމުގެ ބޭނުމެއް ކަމަށް އިމްރާން ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކަރެކްޝަނާ ހަވާލުވެފައިވާ މަސައޫލިއްޔަތަކީ ގައުމަށްޓަކައި، ވަތަނަށްޓަކައި، އާންމު ހަމަޖެހުމާއި، އިޖުތިމާއީ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ވަރަށް ވެސް މުހިއްމު މަސައްކަތެއް ކަމަށެވެ.
"މިފަދަ މަސްއޫލިއްޔަތެއް އަދާކުރުމުގައި ގެންގުޅެން ވާނެ ސިފަތަކާއި، ހަމަތައް އަބަދުމެ ހަނދާނަށް ގެނެސް ވީހާވެސް އިންސާފުވެރި ކަމާއި، ހަމަހަމަކަމާއެކު އިޙުސާންތެރިކަން މަތީ ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުން މަތީ ދެމިތިބުމަށް އަޅުގަނޑު ގޮވާލަން" އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސްއާއެކު ރަނގަޅު މަސައްކަތްތަކެއް ކޮށް، ޖަލުގެ ހާލަތު ރަނގަޅު ކުރުމުގައި އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ސިސްޓަމް ރަނގަޅު ކުރުމުގައި ކުރިއެރުން ތަކެއް ހޯދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ
މިތަމްރީނު ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސްގެ ފަރާތުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި ކިޔަވައިދެނީވެސް އެޖަމްއިއްޔާގެ މީހުންނެވެ.