ހދ. ކުޅުދުއްފުށި އިރު ދެކުނުން 13 މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ "ރޯދި 3" ނަމަކަށް ކިޔާ މަސް ދޯންޏެއްގެ ފަޅުވެރިއެއްގެ ލޮލުގައި ބުޅިއަކުން ޖެހުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެމީހާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާ އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:46 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. މި ފަޅުވެރިޔާއަށް ސިއްހީ އިތުރު އަވަސް ފަރުވާ ދިނުމަށް މެޑިކަލް ޓީމަކާއި އެކު ނޮދަން އޭރިއާގެ ސީ އެމްބިއުލާންސް ގައި ދޯނި އޮތް ސަރަހައްދަށް ގޮސް، އެމީހާ ސީ އެމްބިއުލާންސްގައި ހދ. ކުޅުދުއްފުއްޓަށް ގެންގޮސްދެވިފައިވަނީ މިއަދު މެންދުރު 12:10 ހާއިރުކަމަށް އެމްއެންޑިއެފުން ބުނެއެވެ.

މިހަފްތާތެރޭގައި ިފަދަ ހާދިސާއެއް ހިނގައިދިޔަ ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހުވެސް މަހަށް ގޮސް އުޅެނިކޮށް، ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފުންވަނީ ޅ. ދިއްފުށިމާދޫގެ އިރުން 8 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅެނިކޮށް މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެމްއެންޑީއެފުން ބުނީ ބުޅި ހެރިފައިވަނީ 'ހަނދުވަރީ' ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި 42 އަހަރު ދިވެއްސެއްގެ ލޮލަށް ކަމަށެވެ. މިދިޔަ ޖޫން މަހުވެސް މަހަށް ގޮސް އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން މާލެ ގެންނަން އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.