އިންޑިއާގެ އައްސޭރިފަށުގެ ސަރަހައްދެއް ކަމަށްވާ މައްމަލަޕޫރަމްގެ ގޮނޑުދޮށްތައް ސާފުކުރެއްވުމަށް އެގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ނިކުންނަވާ، އަމަލީ ގޮތުން އެ މަސައްކަތް ކުރައްވައިފިއެވެ.

ޓެމިލް ނާޑޫ ސްޓޭޓްގައި މިވަގުތު ހުންނެވި މޯދީ ވަނީ މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ގޮނޑޮދޮށަށް ފައިބާވަޑައިގެން، އެސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ކުނި އެއްކުރައްވާ، ހޮއްވަވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ޓެމިލް ނާޑޫ ސްޓޭޓްގެ މައްމަލަޕޫރަމްގެ ގޮނޑުދޮށުގައި ހިންގަވަނީ/ފޮޓޯ: ޓްވިޓާ

މިމަންޒަރުތައް ޓްވީޓާގައި ހިއްސާކުރައްވަމުން މޯދީ ވިދާޅުވީ، ހެނދުނުގެ އެ އަރާމު ވަގުތުގައި ގޮނޑޮދޮށުގައި ހިނގާލައްވާ ކަސްރަތު ކުރެއްވުމަކީ ނަފްސަށް އާ ތާޒާކަމެއް ގެނެސްދޭ ކަމެއް ކަމަށެވެ. މޯދީ ހުންނަވާ ހޮޓެލްގެ މުވައްޒަފަކާ ކުނިތައް ހަވާލުކުރައްވާފައިވާނެކަން ފާހަގަކުރައްވަމުން މޯދީ، ވަނީ އާންމުތަންތަން ވީހާވެސް ސާފުތާހީރުކޮށް ބޭއްވުމުގެ ޒިންމާ ހުރިހާ އެންމެންވެސް އުފުލުމަށް ގޮވާލައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ޓެމިލް ނާޑޫ ސްޓޭޓްގެ މައްމަލަޕޫރަމްގެ ގޮނޑުދޮށުގައި މަޑުކޮށްލައްވައިގެން/ފޮޓޯ: ޓްވިޓާ

ޓެމިލް ނާޑޫ ސްޓޭޓަށް މޯދީ ވަޑައިގެން އުޅުއްވަނީ، އިންޑިއާއަށް މިހާރު ދަތުރުކުރައްވަމުން ގެންދަވާ ޗައިނާގެ ރައީސް ޝީ ޖީންޕިންގްއާއިއެކު ނުރަސްމީ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.