ކަނޑު މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެއްޓެއްގައި އިނގުރައިދޫ ޒުވާނެއްގެ ފައި ބުރި ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރ. އިނގުރައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، އެ ރަށު ޒުވާނެއްގެ ފައި ބުރިވެގެން އުޅޭ ހަބަރަކީ ތެދު ހަބަރެއް ކަމަށެވެ. އެޒުވާނާ މިހާރުވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ފީނަން އުޅެފައި އޭނާ މައްޗަށް އެރި ވަގުތުއެވެ. އޭނާގެ ފައި ބުރިވެފައި ވަނީ ލޯންޗުގެ ބުރަފަތީގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ. ބުރިވެފައި ވަނީ އޭނާގެ ވާތުފައިގެ ކުޑަހުޅު ކައިރިން ކަމަށާއި، އޭނާގެ ވާތު ފައިގެ އެކި ހިސާބުވަނީ ބުރަފަތިން ޖެހި ޒަހަމްވެފައި ކަމަށްވެސް އިނގުރައިދީ މީހަކު މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ، ރ. ނެލު ނަމަކަށް ކިޔާ ފަޅުރަށެއްގެ އިރުމަތީ ފަރާތުން އުރުރަށް ކައިރީގައި ފީނަން ގޮސް އުޅުނު މީހެއްގެ ގައިގާ ދުއްވާފައި ދިޔަ ޑިންޣީއަކުން ޖެހި ޒަހަމްވެފައިވާ ކަމުގެ ރިޕޯޓް މިއަދު ހަވީރު 4:00 ހާއިރު ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް މިހާރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން ދާކަމަށެވެ. އަދި އިތުރު ފަރުވާ ދިނުމަށް މިހާރު އޭނާ މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާގެ އާއިލާއިން މައުލޫމާތުދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އޭނާގެ އެއްފައި ބުރިވެފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ބުނެއެވެ.

ކަނޑުމަތީގައި ހިނގާ މިފަދަ ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނަ އިރު، މިދިޔަ މާޗް މަހުތެރޭގައި އއ. ކުރަމަތި ރިސޯޓުގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގާ އެ ލޯންޗު ދުއްވަން އިން ކެޕްޓަނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އެ ރިސޯޓްގެ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗުގައި ރޯވެފައި ވަނީ ލޯންޗް ސްޓާޓް ކުރަން އުޅުމުގެ ތެރޭގައި އެއްޗެއް ގޮވައި، ލޯންޗުގައި ރޯވެ، އެ ލޯންޗު އަޑިއަށް ގޮސްފައިވާކަމަށް ފުލުހުން މައުލޫމާތުދީފައި ވެއެވެ.