އުރީދޫ ކަލާ ރަން މިފަހަރު ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައި ވާއިރު، އެ ރަންގައި ރަޖިސްޓްރީ ވުމަށް ބާކީ އޮތީ ދެ ދުވަހެވެ.

އުރީދޫއިން ބުނެފައިވަނީ ކަލާ ރަން މިފަހަރު ކުލަގަދަކޮށް ބާއްވަން ނިންމާފައިވަނީ މިއަންނަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުކަމަށެވެ. ކަލާރަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރޭޝަނަށް ހުޅުވާލީ މިދިޔަ އޮކްޓޯބަރު މަހު އެވެ. މިއަހަރު ރަޖިސްޓްރޭޝަން ކުރިއަށް ދަނީ އުރީދޫ މޫލީ މެދުވެރިކޮށް، މައި އުރީދޫ އެޕްގައެވެ. އެގޮތުން، ބައިވެރިންގެ ކިޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވާ ކޮށްދޭނެ ކަމަށްވެސް ބުނެފައި ވެއެވެ. އަހަރުން އަހަރަށް ބައިވެރިން ގިނަވެ، ރެކޯޑް އަދަދަކަށް ދުވުންތެރިން ބައިވެރިވާ ދުވުމުގެ އިތުރުން، އެދުވަހުގެ ހެނދުނު ގުޑި މަހާސަމާއެއް، އަދި ރޭގަނޑު ގަޑީގައި މިއުޒިކް ޝޯ އެއްވެސް ބާއްވާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫއިން ބުނެފައި ވަނީ ކަލާ ރަން އަށް ރަޖިސްޓާ ކުރުމަށް http://ore.do/app މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑުކޮށް، ލޮގް އިން ކޮށް، ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ނަންބަރެއް ބޭނުން ކޮށްގެންވެސް މި އެޕަށް ލޮގިން ކުރެވޭނެ ކަމަށެވެ. އަދި "ޝޮޕް ނައު" އިން ބޭނުންވާ އުރީދޫ ކަލާ ރަން ކިޓް، އަދި ސައިޒް ޗާޓާ އެއްގޮތުގެ މަތިން ޓީޝާޓް ސައިޒު ހިޔާރު ކުރުމަށް ފަހު، 'ބައި ނައު' އިން، މޫލީގެ ކާޓް ހިޔާރުކުރުމަށް ފަހު، ޗެކް އައުޓް ވުމުން ރަޖިސްޓްރޭޝަންގެ މައުލޫމާތު ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން ބުނެފައި ވެއެވެ.

ފާއިތުވެދިޔަ ޖޫން މަހު އައްޑޫގައި އުރީދޫ ކަލާ ރަން އެއް ބާއްވާފައި ވާއިރު، މިއީ މިއަހަރު ބާއްވާ ދެވަނަ އުރީދޫ ކަލާ ރަން އެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ މީހުން، އަދި އާއިލާ އާއި ރައްޓެހިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ މީހުންނަށް ވެސް، މި ދުވުމުގައި ބައިވެރިވުމަށް، އުރީދޫ އިން ވަނީ ދައުވަތު ދީފައެވެ.