އިރާގުގެ ހުރިހާ ރައްޔިތުންނަށް ލިބިފައިވާ ހައްގުތަށް ދެމެހެއްޓުމަށް އެގައުމުގެ ސަލާމާތީ ބާރުތަކުގެ މައްޗަށް، އިރާގުގެ ރައީސް ބަރްހަމް ސޯލިހު ގޮވާލައްވައިފިއެވެ.

އިރާގުގެ ރައީސް މިކަމަށް ގޮވާލައްވާފައިވަނީ، އިރާގުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރިއަށްދާ ސިލްސިލާ މުޒާހަރާގެ ބައިވެރިންނާ، އެ މުޒާހަރާ ކަވަރުކުރަމުންދާ މީޑިއާގެ މެމްބަރުންނަށް އަމާޒުކޮށް ސަލާމަތީ ބާރުތަކުން ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވާ، ވާހަކަފުޅު ދައްކަވަމުންނެވެ.

ޓީވީ މެދުވެރިކުރައްވާ ދުރަށް ފޮނުވަމުން ދިޔަ ތަގުރީރެއްގައި ސޯލިހު ވަނީ ވަޒީރުންގެ މަޖިލީހަށް ބަދަލު ގެނައުމަށް ގޮވާލައްވާފައެވެ. އަދި ތައާރަފުކޮށްފައިވާ އިސްލާހީ ބަދަލުތައް ތަސްދީގުކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކިބައިންވެސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ. މީގެ ތެރޭގައި އިންތިހާބީ ބަދަލުތަކެއް ގެނައުމަށް ގޮވާލާ، މުޒާހަރާގެ ބައިވެރިން ކުރަމުންދިޔަ ޑިމާންޑްތަކަކަށް އިޖާބަ ދިނުންވެސް ހިމެނޭކަމަށް ޚަބަރު ލިބެއެވެ.

މުޒާހަރާކުރުމާ ހިޔާލު ފާޅުކުރުމަށް އެގައުމުގެ ގާނޫނު އަސާސީއިން ތަންދޭކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން އިރާގުގެ ރައީސް ވިދާޅުވީ، ފާއިތުވީ ހަފުތާއެއްހާ ދުވަހަށް ދެމިގެން ގޮސްފައިވާ މުޒާހަރާތަކުގައި ގެއްލުންވި ފަރާތްތަކަށް ބަދަލު ދެވެން ޖެހޭނެ ކަމަށެވެ.

މުޒާހަރާގެ ބައިވެރިންނާ ސަލާމަތީ ބާރުތަކާ ދެމެދު ހިންގި ކުރިމަތިލުންތަކުގައި، ސަލާމަތީ ބާރުތަކުގެ ހަމަލާތަކުގެ ޝިކާރައަކަށްވެ 100 އަށްވުރެ ގިނަ މީހުން މަރުވެ، 6000އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، މަރުވެދިޔަ މީހުންނަށް ޝަހީދުންގެ ދަރަޖަ ދިނުމަށް އިރާގުގެ ސަރުކާރުން ވަނީ ނިންމާފައެވެ. މިއާއެކު ހާއްސަ އިނާޔަތްތަކެއް އެމީހުންގެ އާއިލާތަކަށް ލިބިގެންދާނެއެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އިރާގުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށި، ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ މައްސަލައާއި ކޮރަޕްޝަންގެ މައްސަލަ ބޮޑުވުމުގެ އިތުރުން ރައްޔިތުންނަށް ލިބެމުންދާ ހިދުމަތްތަކުގެ ފެނަވަރު ދަށްވުމުގެ ސަބަބުންނެވެ.