އިރުމަތީ މެޑިޓަރޭނިއަންގެ އައްސޭރިފަށާ ގުޅިފައިވާ ގައްޒާއަކީ ފަލަސްޠީނުގެ މައި ސަރުކާރާ އިސްރާއީލުގެ ފިއްތުންތަކުގެ އަޅުވެތިކަމުގައި އޮތް ފަލަސްޠީނުގެ ބިމެކެވެ. އެތަނުގައި ދިރިއުޅެނީވެސް ފަލަސްޠީނުގެ ރައްޔިތުންނެވެ. ހާމަ ބިމެއްގައި ދިރިއުޅުނު ނަމަވެސް އެއީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަލު ކަމުގައިވެސް ބުނެވިދާނެއެވެ. ހުރަސްތަކާ ޗެކްޕޮއިންޓްތަކުން މުޅި ހިސާބުގަނޑު އޮންނަނީ ކޮންޓްރޯލްކުރެވިފައެވެ.

ފަލަސްޠީނުގެ 1.5 މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ ގައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ 15 އަހަރުން ދަށުންގެ ކުޑަކުދިންނެވެ. މުޅި ދުނިޔޭގެ ނިސްބަތުންވެސް ވަޒީފާ ނެތް މީހުންގެ އެންމެ މަތީގައި އޮތީވެސް ގައްޒާގައެވެ. އާންމު ދިރިއުޅުންވަނީ ތަކުލީފަކަށް ވެފައެވެ. ކޮންމެ ދުވަހަކީވެސް ދިރިހުރުމަށް އެތައް ގޮންޖެހުމެއް ގިރާކުރަންޖެހޭ ދުވަހަކަށް އޮންނަނީ ވެފައެވެ.

ގައްޒާގެ ޒުވާން އާބާދީ ނުރައްކާތެރި ބޭހެއް ކަމަށްވާ ޓްރަމަޑޯލްއަށް ދެވިހިފާފަ/ފޮޓޯ: މެޓްރޯ

ވަޒީފާގަނޑެއް ނުލިބި ރަށުތެރެއަށް ގިނަވެފައިވާ ޒުވާނުންނަށް މިއަދު ކުރެވެން އޮތް ކަމަކީ އިސްރާއީލާ ދެކޮޅަށް މުޒާހަރާ ކުރުމެވެ. އެކަން އެމީހުން ގަވައިދުން ކުރެއެވެ. އިސްރާއީލާ ގައްޒާ ހިއްސާކުރާ ފެންސް ކައިރީގައި ކުރިއަށްދާ ސިލްސިލާ މުޒާހަރާތަކަށް ނިމުމެއް ނާދެއެވެ. ފަނޑުކަމެއްވެސް ނާޑެއެވެ. މި ހުރިހާ ކަމެއް އެ ޒުވާޏުން ކުރަނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. މިނިވަންކަމާއެކު ގެޔަށް އެނބުރި ނާދެވިދާނެކަންވެސް ގަބޫލުކުރާ ހާލުގައެވެ.

މިއީ ގައްޒާއާއި ގުޅިގެން ކެނޑިނޭޅި މީޑީއާއިން ގެނެސްދެމުންދާ ވާހަކަތަކެކެވެ. ނަމަވެސް ގައްޒާގެ އަދި މިއަށްވުރެވެސް އަނދިރި ފަރާތެއް އެބައޮތެވެ. އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އަފިހުނާއި އެޒާތުގެ ތަކެއްޗަށް ގައްޒާގެ ރައްޔިތުން ހިފާފައިވާ ދެވީގެ ވާހަކައެވެ.

ގައްޒާގެ ޒުވާނުންތަކެއް/ފޮޓޯ: އައިސީއާރްސީ

ޑޮކްޓަރީ ބޭސްފަރުވާގެ ތެރެއިން ދޫކުރާ ތަދުކަނޑުވާ ބޭސްތަކާ އެނޫންވެސް ގޮތްގޮތުން ހަށިގަނޑަށް ހަމަޖެހުން ގެނެސްދޭ ބޭސްފަރުވާއަށް ނަހަމަ ގޮތުގައި ގައްޒާގެ ޒުވާނުން ބަރޯސާވިއެވެ. ގައްޒާގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ ކާބޯތަކެއްޗާއި، އައުރަނިވާކުރަން ބޭނުންވާ އަންނައުނު، މިސްރު މަގުން ގައްޒާއަށް އެތެރެކުރަމުންދިޔަ ޓަނަލްތަކުން ގައްޒާއަށް އެތެރެވަމުންދިޔަ އެހެން އެއްޗެއްވެސް އެބައޮތެވެ. އެއީ އިންތިހާއަށް ނުރައްކާތެރި ޑްރަގެއް ކަމަށްވާ ޓްރަމަޑޯލްއެވެ. ގައްޒާއަށް އާންމު ނަމުން ނަމަ "ތްރަމާލް"އެވެ.

މިއީ އެ ބޭހަކަށް ނުރައްކާތެރި ދެއްވެތް ހިފާ، ވަރުގަދަ ބޭހެކެވެ. މިއީ ޑޮކްޓަރެއްގެ އިރުޝާދާއެކުގައި ނޫނީ ބޭނުންކުރަން ހެޔޮވާވަރުގެ އެއްޗެއް ނޫނެވެ. ނަމަވެސް ގައްޒާގެ ރައްޔިތުން ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް މި ބޭހާ ދޯޅުވަމުންނެވެ.

"ބައެއް ފަހަރު އަހަރެން ގަންނަން ފޭކު ބޭސް ސިޓީ. އެ ބޭސް ސިޓީގަނޑު ނުލިބުނަސް ތްރަމާލް ހޯދާނެ ގޮތްގޮތް އެބަހުރި. ޓަނަލް ހުރަސްކޮށް، ފޮށިފޮށީގައި މި ބޭސް ގެނެސްދޭ ޑީލަރުން އެބަތިބި"، މަސްތުގެ ވަބާފައި ޖެހިފައިވާ ގައްޒާގެ ޒުވާނަކު ކިޔައިދިނެވެ.

ގައްޒާގައި މަސްތުވާތަކެތީގެ ވަބާގައިޖެހިފައި ތިބި ޒުވާނުންނަށް ފަރުވާ ދިނުމަށް ހާއްސަ މަޝްރޫއެއްވެސް ވަނީ ފަށާފައެވެ. ނަފްސާނީ އެހީދޭ މަޝްރޫއެއްގެ ގޮތުގައި މިކަން ހިންގަމުންދާ ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ ސަމީރު އަލް ޒަގޫތު ބުނީ، މަސްތުގެ ވަބާގައި ޖެހިފައިވާ މީހުންގެ އެވަރޭޖު އުމުރަކީ 18 އަހަރާއި 30 އަހަރާއި ދެމެދެވެ. މިއީ ގައްޒާގެ މުސްތަގު ބިނާ ކުރަން ކަށީގައި އާރާބައި ބާރު ހުރި ޒުވާނުން ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.

ފަރުވާ ހޯދުމަށް ޒުވާނުން ޖެހިލުންވާކަމަށް ޑރ ސަމީރު ފާހަގަކުރެއެވެ. އެހެނީ މުޖުތަމައުން ކިޔާފާނެ އެއްޗަކަށް އެ ޒުވާނުން ޖެހިލުންވެފައި ތިބޭ ތިބުމެވެ.

އެކި ފަރާތްތަކުގެ ފިއްތުންތަކާއެކު ދިރިއުޅުން ތަކުލީފަކަށް ވެފައިގާ ގައްޒާގައި ދިރިއުޅޭ ގިނަ ޒުވާނުން މިހާރު ބަރޯސާވަމުންދަނީ ތަދުކަނޑުވާ އެކި ޒާތުގެ ބޭހަށް ކަމަށްވާއިރު، ގައްޒާ މިވަނީ މަސްތުވާތަކެތީގެ އަޅަކަށްވެފައެވެ. ޑރ ސަމީރު ސިފަކުރެއްވި ފަދައިން، ގައްޒާ އެއްދަނީ މަސްތުގެ ކަނޑެއްގައި ގަރަގުވަމުންނެވެ.