އިސްތިއުމާރީ ޒަމާނުގައި އޮތް ކުއްލި ހާލަތުގެ ގާނޫނެއް ތަންފީޒުކޮށް، މުޒާހަރާކުރާއިރު މާސްކު ބޭނުން ކުރުން ހޮންގްކޮންގްގައި މަނާކޮށްފިއެވެ.
ހަތަރު މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް ދިގުލާ ގޮސްފައިވާ މުޒާހަރާތަކެއް ކުރަމުންދާ ހޮންގްކޮންގްގައި މިފަދަ ގާނޫނެއް ތަންފީޒުކުރަން ފަށާފައިވަނީ، ޗައިނާގެ ކޮމިއުނިސްޓް ވެރިކަމަށް 70 އަހަރު ފުރުމާ ދިމާކޮށް، މުޒާހަރާތަކުގެ ފޯރި އިތުރަށް ގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މުޒާހަރާ ކުރާއިރު މާސްކު ބޭނުން ނުކުރެވޭ ގޮތަށް ހޮންގްކޮންގްގެ ލީޑަރު ކެރީ ލޭމް މިއަދު ތަސްތީގު ކުރެއްވި ގާނޫނަށް އަމަލުކުރަން ފަށާނީ ހޮނިހިރު ދުވަހުއެވެ. ހޮންގްކޮންގްގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ތަންފީޒުކުރަން ދަތި ގާނޫނަކަށް ވެގެންދާނެއެވެ. ގާނޫނު ތަސްދީގުކުރެއްވި އިއުލާން ކުރެވުނު ވަގުތުވެސް އެތައް ސަތޭކަ ބަޔަކު މާސްކު އަޅައިގެން މުޒާހަރާކޮށްފައިވާއިރު، އިތުރު މީހުން މިކަން ކުރުމަށްވެސް އެފަރާތްތަކުންވަނީ ހިތްވަރު ދީފައެވެ.
މާސްކުގެ ގޮތުގައި މަނާކޮށްފައިވަނީ މޫނުގެ އަސްލު ސިފަ ފުރިހަމައަށް ހާމަނުވާ ކޮންމެ އެއްޗެކެވެ. އެގޮތުން ފޭސްޕެއިންޓް ބޭނުންކޮށްގެން މުޒާހަރާއަށް ނިކުތުންވެސް މި ގާނޫނުގެ ދަށުން މަނަލެވެ.
މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމުގެ ނަމުގައި ބާރުގެ ބޭނުންކުރަމުންދާއިރު އެކަމުން ދިފާއުވުމަށް ބައެއް މީހުން މާސްކު ބޭނުން ކުރި ނަމަވެސް، މިކަމުގެ ހަގީގީ މަގުސަދަކީ އެމީހުންނަކީ ކޮން ބައެއްކަން ހާމަ ނުކުރުން ކަމަށް ބުނެއެވެ.
ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ތަރައްގީ ވިޔަފާރި ހަބުގެ ގޮތުގައި ސިފަކުރަމުން އައި ހޮންގްކޮންގެ މަސްރަހު ސިއްސުވާލީ ކޮމިއުނިސްޓް ޗައިނާގެ މަރުކަޒީ ސަރުކާރުގެ ނުފޫޒު އޮންނަ ޗައިނާގެ ކޯޓުތަކަށް ބާރު ލިބޭ ގޮތަށް ހޮންގްކޮންގްގެ އެކްސްޓްރަޑައިޝަން ގާނޫނަށް ހުށަހެޅުނު އިސްލާހުގެ ބިލާއެކުގައެވެ. މިކަންވީ ހޮންގްކޮންގްގެ ރަށްވެހިންނަށް ހަޖަމްކުރެވުނު ކަމަކަށް ނޫނެވެ. 1997 ވަނަ އަހަރު އިނގިރޭސިންގެ އަޅުވެތިކަމުން ހޮންގްކޮންގް މިނިވަންކުރުމަށްފަހު އެ ސިޓީއަކީ، ޗައިނާގެ މައި ސަރުކާރުގެ ދަށުން ހިންގަމުން އައި އިދާރީ ވަކި ދާއިރާއެކެވެ. ނަމަވެސް އެކްސްޓްރަޑައިޝަން ގާނޫނުންވެސް ޗައިނާއަށް ބާރު ލިއްބައިދިނުން ވީ، ޗައިނާގެ ކިބައިން މިނިވަންވުމުގެ ވިންދު ޖަހަމުންދިޔަ ހޮންގްކޮންގްގައި މި ރޫހާ ޖޯޝު އިތުރަށް ވަރުގަދަ ކުރުވި ކަމަކަށެވެ.