އިރާގުގައި ކުރިއަށްދާ މުޒާހަރާތައް 4 ވަނަ ދުވަހަކަށް ދިގުލާ ގޮސްފައިވާއިރު ސަލާމަތީ ބާރުތަކާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުން ހިންގާ، މުޒާހަރާތައް ހޫނުވެއްޖެއެވެ.

މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި ކާފިއު އިއުލާންކޮށްފައި އޮތް ނަމަވެސް، ކޮރަޕްޝަނާ، ވަޒީފާ ނުލިބުމުގެ އިތުރުން ހިދުމަތުގެ ފެންވަރު ދަށްވުމުގެ މައްސަލާގައި އިރާގުގައި ކުރަމުންދާ މުޒާހަރާތަކަށް މަޑުޖެހުމެއް އައިސްފައެއް ނުވެއެވެ.

މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށްފައިވާއިރު މި މުޒާހަރާތަކާ ގުޅިގެން ހިންގި އެކި ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 30 އަށްވުރެ މައްޗަށް އަރާފައެވެ.

މުޒާހަރާތައް ހޫނުވެ ކުރިމަތިލުންތައް ހިންގި ނަމަވެސް ހުކުރު ނަމާދު ވަގުތު މަސްރަހަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އައިކަމަށް އެސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިއަކާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރު ފަތުރާ އަލްޖަޒީރާއިންވަނީ ރިޕޯޓްކޮށްފައެވެ.

އިރާގުގައި ކުރިއަށްދާ ވަރުގަދަ މުޒާހަރާތަކުގެ ތެރެއިން/ފޮޓޯ: ޘައިރު އަލް-ސުދާނީ

އިރާގުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންދާ މި ދަނޑިވަޅަކީ ގާނޫނީ އިމުގެ ތެރެއިން ރައްޔިތުން ކޮށްފައިވާ ޑިމާންޑްތައް ސަރުކާރަށް އަޑުއިވިއްޖެ ކަމަށް އެގައުމުގެ ބޮޑުވަޒީރު އާދިލު ޢަބްދުލް މަޙްދީ ވިދާޅުވެފައިވާ ދަނޑިވަޅެކެވެ. ކަންމިހެން އޮތް އިރު މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާ، ކާފިއު އިއުލާންކޮށްފައި އޮތް އޮތުމަކީ ރައްޔިތުން އެ ބޭހެއްގެ ހިތި ރަހަ ތަޖުރިބާކުރަން ޖެހޭނެ ބޭހެއްގެ ސިފައިގައިވެސް އާދިލު ވަނީ ސިފަކުރައްވާފައެވެ.

މުޒާހަރާތައް ކުރިއަށްދާންވެއްޖެ ނަމަ މުޅި އިރާގުގެ ދައުލަތް ހަލާކުވެދާނެ ކަމުގެ އިންޒާރުވެސް ބޮޑުވަޒީރު ވަނީ ދެއްވާފައެވެ. ރައްޔިތުންގެ އަޑު ސަރުކާރަށް އިވުނު ނަމަވެސް، ނުފެދޭ ވަރުގެ ވައުދުތަކެއް ރައްޔިތުންނަށްޓަކައި ވެވަޑައި ނުގަންނަވާނެ ކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

އިރާގުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ވަކި ލީޑަރެއް ނެތެވެ. ނަމަވެސް މަތީ ތައުލީމު ހާސިލުކުރަމުންދާ ގިނަ އަދަދެއްގެ ދަރިވަރުންނާ، ވަޒީފާ ނުލިބުމުގެ ތަކުލީފުތައް އުފުލަމުންދާ ގިނަ އަދަދެއްގެ ޒުވާނުންދަނީ މުޒާހަރާއާއި ގުޅެމުންކަން ފާހަގަކުރަންޖެހެއެވެ.