ހޮންގްކޮންގްގައި ކުރިއަށްދާ ސިލްސިލާ މުޒާހަރާތައް ހޫނުވެ، ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި ފުލުހުން ބޭނުންކުރި ރަބަރު ވަޒަނެއް އަރާ، މުޒާހަރާ ކަވަރުކުރަމުންދިޔަ ނޫސްވެރިއެއްގެ ލޮލުގެ ފެނުން ގެއްލިއްޖެއެވެ.

ހޮންގްކޮންގް މުޒާހަރާތައް ކަވަރު ކުރަމުންދިޔަ އިންޑޮނޭޝިއާގެ އަންހެން ނޫސްވެރިޔާގެ ކަނާތު ލޮލަށް އަމާޒުވި ރަބަރު ބުލެޓަކީ، މުޒާހަރާގެ ބައިވެރިންގެ ގުރޫޕަކަށް އަމާޒުކޮށް ހޮންގްކޮންގްގެ ފުލުހުން ޖެހި ވަޒަނެއް ކަމަށް ބުނެވެއެވެ. ނަމަވެސް އޭރު ނޫސްވެރިޔާ ހުންނަނީ ދުރަށް ފާހަގަވާ ވަރުގެ ޖެކެޓަކާ، "ނޫސްވެރިން" ކަން އަންގައިދޭ ލިޔުމެއް ބޮޑު އަކުރުން ޖަހާފައިވާ ހެލްމެޓެއްވެސް އަޅައިގެންނެވެ. އެވަގުތު އޭނާ ހުރީވެސް އިތުރު ނޫސްވެރިން ތަކަކާއެކުގައި ކަމަށާ، އެއީ ނޫސްވެރިން ކަމަށާ އެމީހުންނާ ދިމާލަށް ވަޒަން ނުޖެހުމަށް ނޫސްވެރިއަކު އެދެމުންދިޔަ ކަމަށްވެސް ޚަބަރު ލިބެއެވެ.

އައިނެއްވެސް އަޅައިގެން ހުރި ނޫސްވެރިޔާގެ ދެލޮލަށްވެސް އެ ވަޒަނުގެ ސަބަބުން ގެއްލުންވިއެވެ. ނޫސްވެރިޔާގެ ކަނާތު ލޮލުގެ ފެނުން ގެއްލުވާލި ވަޒަން ޖަހާފައިވަނީ އޭނާއާއި ގާތްގަނޑަކަށް 40 އަކަށް ފޫޓު ދުރުންނެވެ.

ނޫސްވެރިޔާއަށް ފަރުވާދިން ޑޮކްޓަރުން ބުނާ ގޮތުގައި އޭނާގެ ކަނާތު ލޮލުގެ ފެނުންވަނީ ދާއިމީ ގޮތަކަށް ގެއްލިފައެވެ.