ނިއުކުލިއާ ހަތިޔާރު ބޭނުން ކުރުން ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ، ނިއުކުލިއާ ހަތިޔާރު ދުނިޔެއިން އެކީ ނައްތާލުމަށް މަސައްކަތް ކުރުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ނިއުކުލިއާ ހަތިޔާރުގެ ބޭނުން ކުރުމާއި، އެފަދަ ހަތިޔާރު އުފެއްދުމާއި އެކަމަށް އެހީތެރިވުން މަނާކުރާ އެ މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެއިން އެ މުއާހަދާގައި ބައިވެރިވީ، ނިއުކުލިއާ ހަތިޔާރު ނައްތާލުމަކީ އިންސާނިއްޔަތަށް ޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރާތީ ކަމަށެވެ.

މިނިސްޓަރުވަނީ ދުނިޔެއިން ނިއުކްލިއާ ހަތިޔާރުތައް ނައްތާލުމަށް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުވަހާއި ގުޅިގެން އެފަދަ ހަތިޔާރު ދުނިޔެއިން އެއްކޮށް ނައްތާލުމަށް ގޮވާލައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ނިއުކްލިއާ ހަތިޔާރުތައް ނައްތާލެވިގެން ދިއުމާއި އެކުގައި އެކަމުން އިންސާނުންނަށްވެސް އޮތް ނުރައްކާ އެއްކޮށް ދާނެ ކަމަށެވެ.

ރާއްޖެއިން ވަނީ މީގެ ކުރިންވެސް ނިއުކްލިއާ ހަތިޔާރުތައް ނައްތާލުމަށް ބައިނަލް އަގްވާމީ ފެންވަރުގައި ގޮވާލާފައެވެ. ރާއްޖެއިން ފުރަތަމަ ނިއުކްލިއާ ހަތިޔާރު މަނާކުރުމަށް ގޮވާލާފައިވަނީ 1970ވަނަ އަހަރު އެވެ. އަދި އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ބައިނަލް އަގްވާމީ ފެންވަރުގައި ރާއްޖެއިން ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް ދަނީ ގޮވާލަމުންނެވެ.

ނިއުކުލިއާ ހަތިޔާރުގެ ބޭނުން ކުރުމާއި، އެފަދަ ހަތިޔާރު އުފެއްދުމާއި އެކަމަށް އެހީތެރިވުން މަނާކުރާ އެ މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި މިހާރު އދ. އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.

އެ މުއާހަދާގައި ރާއްޖެއިން ސޮއިކޮށް ލިޔުން ބަދަލުކުރުމުގެ ރަސްމިއްޔާތު އޮތީ އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ. ގެ މައިމަރުކަޒުގައި އިއްޔެ އެވެ.