ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތް ތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅާ އިރު، އޮޅުވާލާފައިވާ ސައްހަ ނޫން ލިޔެކިޔުންތައް ހުށަހަޅާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ފަދަ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ހުށަހަޅާ ސައްޙަ ނޫން ލިޔެކިޔުންތަކާ ބެހޭގޮތުން ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެ މިނިސްޓްރީއިން ހުށަހަޅަމުން ގެންދާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިހާތަނަށް 13 ފަރާތެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މިފަދަ ބައެއްގެ މައްސަލަ ހުށަހަޅާފައި މިވަނީ ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ ތެރެއަށް ވައްދަން ސަރުކާރުން ހުޅުވާލި ފުރުސަތުގައި އެ މިނިސްޓްރީގެ ލޭބާ ޑިޕާޓުމަންޓު ދޮށުގައި ގިނަ އަދަދެއްގެ ބިދޭސީން ކިއު ހަދަމުންދާ ދުވަސްވަރެއްގައެވެ. އެގޮތުން އިއްޔެއާ މިއަދުވެސް ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ލީބާ ޑިޕާޓުމަންޓު ދޮށުގައި ކިއު ހަދަމުންނެވެ.

ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ގާނޫނުގެ ތެރެއަށް ވައްދަން ސަރުކާރުން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ މިއަދު އިކޮނޮމިކް މިނިސްޓްރީގައި ދިގު ކިއުއެއް ހަދާފައެވެ. އިއްޔެވެސް އިކޮނޮމިކް މިނިސްޓްރީގެ ކަމާ ބެހޭ ޑިޕާޓްމަންޓުގައި ދިގު ކިޔުއެއް ބިދޭސީން ވަނީ ހަދާފައެވެ. އިކޮނޮމިކް މިނިސްޓްރީން ފެށި ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ކޮންމެ ދުވަހަކު ވެސް ދޫކުރަނީ 150 ނަންބަރެވެ. އެ ޕްރޮގްރާމް ހިންގާނީ ހަ މަހުގެ މުއްދަތަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުނިތަކަށް ވެސް ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެ ކުރި ފަރާތަށް ވެސް އޮންލައިންކޮށް އެކަމަށް އެދި ހުށަހެޅެއެވެ. މިނިސްޓްރީއަށް ގޮސް އެކަން ކުރަން ޖެހެނީ ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ވަޒީފާއެއް ނެތް މީހުންނެވެ. އެފަދަ މީހުންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ފަހު، ވަޒީފާ ހޯދަން ހަމަސް ލިބެއެވެ.

އިމިގްރޭޝަނުން މީގެ ކުރިން ކުރަމުން އައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމަށް ދެވޭ ހުއްދައިގެ މަސައްކަތްތައް އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ މިއަހަރުގެ މާޗް 21 ވަނަ ދުވަހެވެ.