މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު ފެތުރި ގެއްލުން ލިބުނު ހަ ގޭގެ ތެރެއިން ރޭ އަރި އަޅާލި ގެ ތަޅާލަން ނިންމައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ އަރި އަޅާލި އިމާރާތް ތަޅާލުމުގެ މަސައްކަތުގައި މިއަދު ހެނދުނު 9:00އިން ފެށިގެން ސިފައިން ހަރަކާތްތެރިވާ ކަމަށެވެ.
އެމްއެންޑީއެފްއިން މީގެކުރިން ބުނީ އަލިފާން ރޯވީ ހަތަރު ކެމިކަލް ގުދަނުގައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަލިފާންގަނޑު ކޮންޓްރޯލް ނުވެ، އިތުރަށް ބޮޑުވުމުގެ ސަބަބުން ހަ ގެއަކަށް އަލިފާންގަނޑު ފެތުރު އެ ގެތައް އަނދާ ހުލިވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި ހާދިސާގައި 400އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައި ދީފައެވެ. މި ހާދިސާގައި ގެއްލުންވި ގެތަކުގެ އިންޖިނިއަރިން އިންސްޕެކްޝަނެއް ވެސް އަންނަނީ ހަދަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދިވެސް ނޭނގެއެވެ. އެމްއެންޑީއެފް އަދި ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ރޭގެ ވަގުތެއްގައި އެމްޑީޕީގެ މަޖިލިސް މެންބަރު ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ވިދާޅުވީ އެ ހާދިސާއަކީ ބަޔަކު ރާވައިގެން ދިން ޓެރަރިސްޓު ހަމަލާއެއް ކަމަށެވެ. އެކަމަކު މި މައްސަލާގައި ފުލުހުންވެސް އަދި އެމްއެންޑީއެފްއިން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެމްއެނޑީއެފްއިން ބުނީ 24 ގަޑިއިރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން އަލިފާން ރޯވި ސަރަހައްދުގައި ތިބޭ ކަމަށާއި އިތުރު ކަމެއް ހިނގާތޯ ބަލަމުން ދާ ކަމަށެވެ.