ބާޒާރު މަތީ ސަރަހައްދުގައި އިން ހާލުގައި ޖެހިފައިވާ މާބަނަޑު އަންހެނެއްގެ މައްސަލަ ޖެންޑާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

"ވަރަށް ހިތް ދަތި މަންޒަރެއް" ކަމަށް ބުނެ އާންމުންގެ މީހަކު މާބަނޑު އަންހެންގެ ފޮޓޯއެއް ވަނީ މިއަދު ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އެ މީހާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ބާޒާރުމަތީ ފިހާރަތައް ކައިރީ މި އަންހެންމީހާ ގިނަ ވަގުތުތަކެއްގައި އިންނަ ތަން ފެންނަ ކަމަށެވެ. އެއީ މާބަނޑު އަންހެނެއް ކަމަށާއި އެ އަންހެންމީހާ ބަނޑުގައި ރިއްސާތީ އުޅޭ ކަމަށް ފާހަގަވެ އެފަރާތުން ޑޮކްޓަރަށް ދައްކަން ދާން އެދިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. ނަމަވެސް އެ އަަންހެން މީހާގެ އައީޑީކާޑު ވަނީ ގެއްލިފައި ކަމަށް ބުނެ ހޮސްޕިޓަލަށް އޭނާ ނުގެންދެވުނު ކަަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ބުނެފައިވަނީ، އެ އަންހެންމީހާ ބުނި ގޮތުގައި އޭނާ ރަނގަޅަށް ނުކައި އުޅޭތާ ހަފްތާއެއް ވެއްޖެ ކަމަށާއި އޭނާ ނިދަނީވެސް މަސްވެރިންގެ ޕާކުގައި ކަމަށެވެ. ފޮޓޯއިން ފެންނަ މަންޒަރުން އެ އަންހެން މީހާގެ އަތުގައި ބޮޑު ރަތްކޮތަޅެއް އޮތެވެ. އަދި އެ އަންހެންމީހާގެ ބޯ މަތީގައި ވާރޭއިން ހިޔާވުމަށް ވިއްސާރަ ކޯޓެއް އަޅާފައިވެސް ވެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެެމުން ޖެންޑާ މިނިސްޓްރީން ބުނީ މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި އެ މައްސަލަ މިހާރު ޖެންޑާއިން ދަނީ ބަލަމުން ކަމަށެވެ.

ސޯޝަލް މީޑިއާގައި މި ފޮޓޯ ދައުރުވަމުން ދާއިރު އެތައް ބަޔަަކު ދަނީ، ހަމްދަރުދީ ފާޅުކުރަމުންނެވެ. އެގޮތުން އެތައް ބަޔަކު ކުރަމުން ދާ ސުވާލަކީ އެ އަންހެންމީހާގެ އާއިލާ ކޮބާތޯއެވެ. އަދި އެ އަންހެން މީހާއަށް އަޅާލާނެ މީހަކު ނެތީތޯއެވެ. އެތައް ބަޔަކަށް މި އަންހެންމީހާ އެތަނުގައި އިންނަތަން ވަރަށް ގިނައިން ފެންނަ ކަމަށްވެސް ބުނެ އެ ޕޯސްތްގެ ދަށުން ކޮމެންޓް ކޮށްފައި ވެއެވެ. އެއްބަޔަކު އެ އަންހެންމީހާގެ އާއިލާއަށް އިނގިލި ދިގު ކުރަމުން ދާއިރު ޖެންޑާ މިނިސްޓްރީއާ ފުލުހުންނަށް ވެސް ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ.