ރޭ މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެމްއެންޑީއެފުން ފުރަތަމަވެސް އިސްކަމެއް ދިނީ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކަމަށް ޑިފެންސް މިނިސްޓާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އަނދަ އަނދާހުރި ތަންތަނަށް ސިފައިން ވަދެ ތިން މީހަކު ފުރަތަމަވެސް ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި އެއަށްފަހު ފަސްވަނަ ފަންގިފިލާގެ ފާހަނާއެއްގައި ތާށިވެފައި ތިބި ބަޔަކުވެސް ސަލާމަތްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރޭ ހިނގި މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މީހުން ސަލާމަތްކުރަން ސިފައިން މަސައްކަތް ކުރީ ފުރާނަ އަތްމައްޗަށް ލައިގެން ތިބެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރޭގެ ހާދިސާގައި އެމްއެންޑީއެފްގެ 150 އެއްހާ ސިފައިން ހަރަކާތްތެރިވެފައިވާ ވާކަމަށެވެ. ސިފައިންގެ 12 ވެހިކަލެއް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު، އޭގެ އިތުރަށް ފުލުހުންނާއި ރެޑް ކްރިސެންޓްގެ އެހީތެރިކަންވެސް ލިބުނު ކަމަށެވެ. އަދި އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއުއިންވެސް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. މިނިސްޓަރު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގައިދިޔަ ސައިޓަށް ވަނުމަށް ދަތިތަކާއި ކުރިމަތިލާންޖެހުނު ކަމަށެވެ. އެއީ މާލޭގެ މަގުތަކަކީ ސައިކަލްތައް ޕާކުކޮށްފައި ހުންނަ ތަނަކަށްވުމުން، އެސަރަހައްދުން ސައިކަލްތައް ހުސްކުރަން ޖެހުމުން ކުރިމަތިވި ދަތިތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަގުތައް ތޮއް ޖެހުމާއި ގުޅިގެން ވެހިކަލް ވެއްދުމަށް އުނދަގޫވިކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

https://business.facebook.com/thepressmv/videos/3526810690669802/

މާރިޔާ ވިދާޅުވީ މާލޭގައި އެފަދަ ކެމިކަލް ގުދަންތަކެއް ހުރުމަކީ ވަރަަށް ނުރައްކާތެރި ކަމެއްކަމަށާއި، ސަރުކާރު ވެރިކަމާ ހަވާލުވެ، ގުދަންތައް ޗެކުކޮށް އެކަމުގެ ރިޕޯޓެއް ތައްޔާރުކުރިކަމަށެވެ. އެގޮތުން މާލޭގައި ހުރި 126 ގުދަނެއް ޗެކްކޮށްފައިވާ ކަމަށާއި، އޭގެތެރެއިން 82 ގުދަނަކީ މީހުން ދިރިއުޅޭ ސަރަހައްދުގަ ހުރި ގުދަންތަކެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި އެގުދަންތަކުގައި ރަނގަޅު ކުރަންޖެހޭ ކަންތައް ފާހަނގަކުރެވިފައި ހުރި ނަމަ އެކަންކަން ރަނގަޅު ކުރުމަށް ވެރިފަރާތަށް އަންގާފައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ހާދިސާގައި އަލިފާނުގެ ހާދިސާ ހިނގި ގެތަކުގައި ދިރިއުޅޭ މީހުންނަށް ކަލާފާނު ސްކޫލުން ވަގުތީ ބޯހިޔާވަހިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުން ހަމަޖައްސައިދިނެވެ. އެގޮތުން މިހާތަނަށް ކަލާފާނުގެ ސްކޫލުގައި 443 މީހުން ރެޖިސްޓްރީ ކޮށްފައިވާކަމަށާއި، މިހާތަނަށް 83 ފަރާތަކަށް ވަގުތީ ބޯހިޔާ ވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެއެވެ. މީގެއިތުރަށް 59 ބިދޭސީއަކު ގަލޮޅު ދަނޑުގައި އެކޮމޮޑޭޝަން ހަމަޖައްސައިދީ އިތުރު 60 ބިދޭސީއަކު ވެރިފަރާތާއި ހަވާލުކުރެވިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެއެވެ.