ރޯޑް އައިލަންޑްގެ ޒުވާނަކު ދަތުގައި ރިއްސާތީ ބޭނުންކުރި ބޭހެއްގެ ސަބަބުން އޭނާގެ ލޭގެ ކުލަ ނޫކުލައަކަށް ބަދަލުވެއްޖެއެވެ.

އުމުރުން 25 އަންހެން މީހާ ދަތުގައި ރިއްސާތީ ބޭހެއް ބޭނުންކުރުމަށްފަހު، އަނެއް ދުވަހު ހޮސްޕިޓަލުގެ އެމާޖެންސީ ރޫމަށް ދާންޖެހުނީ ހެނދުނު ހޭލިއިރު ގައިގެ ހަމު ކުލަ ނޫކުލައަކަށް ބަދަލުވެ، ގައިން ވަރުދޫވެފައި ހުރުމުންނެވެ. ވެގެން އުޅޭ ގޮތެއް ބެލުމަށް ހޮސްޕިޓަލުން އޭނާގެ ހަށިގަނޑުން ލޭގެ ސާމްޕަލްއެއް ނެގިއެވެ. ސާމްޕަލް ނެގިއިރު، ލޭގެ ކުލަވެސް ވަނީ ގަދަ ނޫކުލައަކަށް ބަދަލުވެފައެވެ.

މި ހާލަތަށް ކިއަނީ މެތެމޯގްލޯބިނީމިއާއެވެ. މިއީ ލޭގެ ސެލްތަކަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން މެދުވެރިވާ ހާލެކެވެ. މިކަން މެދުވެރިވަނީ ބައެއްކަހަލަ އެނޓިބައޮޓިކްސް، ބޭސް، ޓޮކްސިންސް ނުވަތަ ތަޣައްޔަރުވެފައިވާ ވަޅުފެން ބޭނުންކުރެވިގެންނެވެ. ނުވަތަ ޖެނެޓިކްސް ކަމަކުންވެސް މިހެން ވެދާނެއެވެ.

25 އަހަރުގެ އަންހެން މީހާ ފަރުވާ ހޯދަން ދިޔަ އެމާޖެންސީ ރޫމްގެ ޑޮކްޓަރު މައުލޫމާތު ދިން ގޮތުގައި އެ އަންހެން މީހާއަށް މިހާލު މެދުވެރިވީ ދަތުގައި ރިއްސާތީ އައްސިކުރުމުގެ މަގުސަދުގައި އޭނާ ބޭނުންކުރި ބޭހުގެ ސަބަބުންނެވެ. މި ބޭހަކީ ބެންޒޯކެއިން އެކުލެވޭ ބޭހެއް ކަމަށާ، އޭނާ ބޭސް ބޭނުންކޮށްފައިވަނީވެސް ފުދޭވަރަކަށް ގިނައިންކަމަށް ޑޮކްޓަރުވަނީ ބުނެފައެވެ.

މި ހާލަތަކީ އަވަސް ފަރުވާ ދެވިއްޖެނަމަ ވަރަށް ފަސޭހައިން ރަނގަޅުކުރެވޭ ހާލަތަކެވެ. ނަމަވެސް އެގޮތުގައި މާ ގިނަ ވަގުތު އޮންނަންވެއްޖެނަމަ ޓިޝޫތައް ހަލާކުވުން ފަދަ ސީރިއަސް މައްސަލައަކާ ކުރިމަތިވުން އެކަށީގެންވެއެވެ. ދަތުގައި ރިއްސުމަކީ ވޭންހުރިކަމަކަށްވީ ނަމަވެސް އެކަށީގެންވާ ސިއްހީ ފަރުވާ ނުހޯދާ، ގިނަ މީހުން ފަރުވާ ކުޑަކޮށްލައެވެ. އަދި ބޭސްފިހާރައަކުން ބޭސް ސިޓީއާއި ނުލާ ދޫކުރާ ކޮންމެވެސް ބޭހެއް ބޭނުންކޮށްލައިގެން ވަގުތީ ލުޔެއް ހޯދައެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ، އެކަކަށް ގުޅޭ ބޭހަކީ އަނެކާއަށް ނުގުޅޭ ބޭހަކަށްވެސް ވެދާނެ ކަމެވެ. ނުވަތަ އެހެން ބަޔަކަށް ތިބާ ބޭނުންކުރާ ބޭހަކާ ނުގުޅޭ ބޭހެއްވެސް ބޭނުންކުރެވިދާނެ ކަމެވެ.