ސުވިޓްޒަލޭންޑްގެ ވެރިރަށް ޖެނީވާގައި މިހާރު ކުރިއަށްދާ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް (ޔޫއެންއެޗްއާރްސީ)ގެ 42 ވަނަ ބައްދަލުވުމުގައި، ކަޝްމީރުގެ މައްސަލައާއި ގުޅިގެން ހާއްސަ ގަރާރެއް އެޖެންޑާ ކުރުމަށް ޕާކިސްތާނު ފެއިލްވެއްޖެއެވެ.

ޔޫއެންއެޗްއާރްސީގެ އެޖެންޑާގައި ގަރާރެއް ހިމަނަން އެދޭނަމަ އެކަން ހުށަހެޅުމުގެ ސުންގަޑި ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވިއިރުވެސް، ޕާކިސްތާނަށް މިކަން ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ޕާކިސްތާނުން ވަނީ ކަޝްމީރުގެ މައްސަލާގައި 50 ގައުމެއްގެ ތާއީދު، ޕާކިސްތާނަށް ލިބިފައިވާކަމަށް މިދިޔަ ހަފުތާ ތެރޭގައި އިއުލާންކޮށް، އެ ގައުމުތަކުގެ ނަމުގައި ގުޅިފައިވާ ބަޔާނެއްވެސް އާންމުކޮށްފައެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއްކަން ޕާކިސްތާނަށް ހާމަކޮށްދެވިފައެއް ނުވެއެވެ.

ކަންމިހެން އޮތްއިރު، އިންޑިއާއާއިންވަނީ، ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅީގައި ޕާކިސްތާނުން ލާއިންސާނީ ޖަރީމާ ހިންގާ ކަމަށް ބުނާ މައްސަލައެއް ފެންމަތިކޮށްފައެވެ.

ޖެނީވާގައި ހުންނަ އިންޑިއާގެ ދާއިމީ މިޝަންގެ ފަސްޓް ސެކްރެޓަރީ މިނީ ދޭވީ ކުމާމް ވިދާޅުވީ، ޖައްމުއާއި ކަޝްމީރުގެ ކަންކަމުގައި އިންޑިއާއިން ނިންމާ ނިންމުންތަކަކީ އިންޑިއާގެ އިސްތިގުލާލީ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާ، އެއީ އިންޑިއާގެ ދާހިލީ ކަމެއް ކަމަށެވެ. އިންޑިއާގެ ނިންމުން ތަފާތު ގޮތްގޮތަށް ތަސްވީރުކޮށްދިނުމަށް އެކި އެޖެންޑާތަކުގެ ބޭނުންކޮށްގެން ޕާކިސްތާނުން ކުރަމުންދާ މަސައްކަތަށް ކާމިޔާބު ނެތްކަމަށްވެސް މިނީ ވަނީ ވިދާޅުވެފައެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ބައްދަލުވުން މިމަހުގެ 27 ގެ ނިޔަލަށް ޖެނީވާގައި ކުރިއަށްދާއިރު، މި ކައުންސިލްގައި ކަޝްމީރުގެ މައްސަލަ ނެގުމަށް ޕާކިސްތާނުން ކުރާ މަސައްކަތްތައް ހުއްޓުވޭނެކަމުގެ ފުރިހަމަ އިތުބާރު ކައުންސިލްގެ މައްޗަށް އެބައޮތްކަމަށް އިންޑިއާއިންވަނީ ބުނެފައެވެ.