ރަސްމީ ދަތުރެއްގައި ޗައިނާއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ޗައިނާއިން ކިއި މަރުހަބާއިން ދޭހަވަނީ ދެގައުމުގެ ގުޅުން ހީނަރުވެފައިވާ ވަރު ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝާހިދު ޗައިނާއަށް ކުރައްވާ ދަތުރަކީ، އެގައުމުގެ ފޮރިން މިނިސްޓަރު ވާންގް ޔީގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. މިއީ މި ސަރުކާރުގެ އިސް ބޭފުޅަކު އަދި ސަރުކާރު އައިފަހުން ޝާހިދު ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

ޝާހިދު ޗައިނާއަށް ވަޑައިގެންނެވުމުން، އެގައުމުގެ އިސްބޭފުޅަކު ޝާހިދަށް މަރުހަބާ ދެންނެވުމަށް ވަޑައިގެން ނޫޅުއްވާތީ އެކަމަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ ޗައިނާގެ އިސް ބޭފުޅަކު ވަޑައިގެން ނެތްކަމީ ދެ ގައުމުގެ ހީނަރުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

"ޝާހިދު ޗައިނާއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުގައި ޗައިނާގެ ފަރާތުން ރާއްޖޭގެ ފޮރިން މިނިސްޓަރަށް މަރުހަބާ ދައްނަވަން އެއްވެސް އިސް ބޭފުޅަކު ވަޑައިގެން ނެތްކަން ދައުކައުދެނީ ދެ ސަރުކާރުގެ ހީނަރު ގުޅުން،"
ޝިޔާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއި ގާތްގުޅުމެއް ބާއްވާ ޗައިނާއިން ގިނަ ޕްރޮޖެކްޓްތަކެއް ރާއްޖޭގައި ހިންގާތީ، އެއީ ޗައިނާއިން ރާއްޖެ ދަރަނިވެރިކުރުވަން ކުރާ ކަމެއް ކަމަށް އެއިރު އިދިކޮޅުގައި ތިިފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އަދި ސަރުކާރު ބަދަލުވި ފަހުން ޗައިނާއާއި އޮންނަ ގުޅުން ހީނަރުވެ، މި ސަރުކާރުގެ އިސްވެރިން ދަނީ ޗައިނާއަށް ތުހުމަތުގެ އިގިލިތަކެއް ދިގުކުރަމުންނެވެ.

ކުރީގެ ސަރުކާރުން އިންޑިއާއާއި އޮތް ގުޅުން ހީނަރުވެފައިވާކަމަށް ބުނެ މި ސަރުކާރުން މަސައްކަތްކޮށްފައިވަނީ އިންޑިއާއާއި އޮތް ގުޅުން ބަދަހީ ކުރުމަށެވެ. އަދި ސަރުކާރުގެ އިސްވެރިން ޗައިނާއަށް ފާޑުވިދާޅުވަމުން ދާއިރު، އޭގެ ތެރޭގައި އެންމެ އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުގައި ޗައިނާގެ ނައިބު ރައީސް ވަންގް ގީޝާންގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ އާއިއެކު ދެގައުމުގެ ޒަމާންވީ ގާތް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ. މިނިސްޓަރު ޝާހިދުގެ މި ދަތުރުގައި އެކި ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

ފޮރިން މިނިސްޓްރީން ބުނި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށެވެ. އަދި ދިވެހި ސަރުކާރުން އަބަދުވެސް ދަމަހައްޓަމުން އަންނަ 'ވަން ޗައިނާ' ޕޮލިސީގައި ހިފަހައްޓައި، ޗައިނާގެ 'ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް'ގެ ބައިވެރިއެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމަށެވެ.