މާލޭގައި ފުރަތަމަ ފަހަރަށް އަގު ދީގެން ޕާކު ކުރެވޭނެ އިންތިޒާމު މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.
އެގޮތަށް ޕާކު ކުރުމަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސާފައި ވަނީ މ. ދަންޑަހެލުގެ (ސުޕްރީމް ކޯޓު ކުރިމަތިން އޮންނަ ހުސްބިން)ގައެވެ. މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ އެ ޕާކިން ޒޯނުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް އަގު ދީގެން ޕާކު ކުރެވޭނެ ކަމަށެވެ.
އެ ޕާކިން ޒޯނުގައި އެއްވެސް އުޅަނދެއް ޕާކު ކުރުމަށް ބޭނުންވާ ނަމަ އެކަމަށްޓަކައި މާލެ ސިޓީން ކަނޑައަޅާފައިވާ ހާއްސަ ފޯމެއް ފުރަންޖެހެއެވެ. އެ ފޯމު މާލެ ސިޓީ ކައުންސިލުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އެކައުންސިލުން ބުނީ ޕާކިން ސްލޮޓުތަކަށް އެދި ހުށަހަޅަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9:00އިން ފެށިން އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 13:00އަށް ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އަގުދީގެން ޕާކުކުރުމަށް ހަމަޖެހިފައިވާ ސްލޮޓްގެ އަދަދަކީ 40 ކަމަށެވެ.
ސިޓީކައުންސިލުން ފާސްކުރި އުސޫލުގައިވާގޮތުން ސައިކަލް ޕާކް ކުރުމުގެ މަހުފީ އަކީ 600 ރުފިޔާއެވެ. ގަޑި އިރަކަށް ޕާކް ކުރާނަމަ، ފުރަތަމަ 30 މިނެޓް ހަމަވުމުގެ ފަހުން އިތުރުވާ ގަޑިއިރަކަށް 5 ރުފިޔާ ނަގަން ހަމަޖައްސާފައިވާއިރު، ކާރު، ލޭންޑްރޯވާ، ވޭން އަދި ކުޑަ ޕިކަޕްގެ މަހުފީއަކީ 3000 ރުފިޔާއެވެ. ގަޑި އިރަކަށް ޕާކް ކުރާނަމަ ފުރަތަމަ 30 މިނިޓްހަމަވުމަށް ފަހު އިތުރުވާ ގަޑި އިރަކަށް 20 ރުފިޔާއެވެ.
އަދި 500 ކިލޯއާއި 2 ޓަނުގެ ދޭތެރޭ ޕިކަޕްގެ މަހުފީއަކީ 3500 ރުފިޔާއެވެ. ގަޑި އިރަކަށް ޕާކް ކުރާނަމަ ފުރަތަމަ 30 މިނިޓްހަމަވުމަށްފަހު އިތުރުވާ ގަޑި އިރަކަށް 25 ރުފިޔާއެވެ. އަދި 2 ޓަނާއި ފަސްޓަނާއި ދޭތެރޭ ލޮރީގެ މަހުފީއަކީ 4000 ރުފިޔާއެވެ. ގަޑި އިރަކަށް ޕާކް ކުރާނަމަ ފުރަތަމަ 30 މިނެޓް ހަމަވުމަށް ފަހު އިތުރުވާ ގަޑި އިރަކަށް 30 ރުފިޔާއެވެ.
މާލޭގައި ވެހިކަލްތައް ގިނަވެ، ޕާކު ކުރާނެ ޖާގަ ނުދައްކާ ޕާކިން ސްޓިކާ ޖަހާ މައްސަލައަށް ހައްލެއް ހޯދައި ދޭނެ ކަމަށް ސަރުކާރުން ވަނީ ވައުދުވެފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެކަމަށް ދާއިމީ ހައްލެއް ލިބިފައެއްނުވެއެވެ. އަދި ވަކިން ހާއްސަކޮށް ޕާކު ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިވީ ނަމަވެސް ނުގަވާއިދުން ތަނެއްގައި ޕާކު ކޮށްފި ނަމަ މިހާރުވެސް އަންނަނީ ސްޓިކާ ޖަހަމުންނެވެ. އެކަމުގެ ޝަކުވާ އާއްމު ރައްޔިތުން އަންނަނީ ކުރަމުންނެވެ.