ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ތަރައްގީ ވިޔަފާރި ހަބުގެ ގޮތުގައި ސިފަކުރަމުން އައި ހޮންގްކޮންގެ މަސްރަހު ސިއްސުވާލީ ކޮމިއުނިސްޓް ޗައިނާގެ މަރުކަޒީ ސަރުކާރުގެ ނުފޫޒު އޮންނަ ޗައިނާގެ ކޯޓުތަކަށް ބާރު ލިބޭ ގޮތަށް ހޮންގްކޮންގްގެ އެކްސްޓްރަޑައިޝަން ގާނޫނަށް ހުށަހެޅުނު އިސްލާހުގެ ބިލާއެކުގައެވެ. މިކަންވީ ހޮންގްކޮންގްގެ ރަށްވެހިންނަށް ހަޖަމްކުރެވުނު ކަމަކަށް ނޫނެވެ. 1997 ވަނަ އަހަރު އިނގިރޭސިންގެ އަޅުވެތިކަމުން ހޮންގްކޮންގް މިނިވަންކުރުމަށްފަހު އެ ސިޓީއަކީ، ޗައިނާގެ މައި ސަރުކާރުގެ ދަށުން ހިންގަމުން އައި އިދާރީ ވަކި ދާއިރާއެކެވެ. ނަމަވެސް އެކްސްޓްރަޑައިޝަން ގާނޫނުންވެސް ޗައިނާއަށް ބާރު ލިއްބައިދިނުން ވީ، ޗައިނާގެ ކިބައިން މިނިވަންވުމުގެ ވިންދު ޖަހަމުންދިޔަ ހޮންގްކޮންގްގައި މި ރޫހާ ޖޯޝު އިތުރަށް ވަރުގަދަ ކުރުވި ކަމަކަށެވެ.
ބިލް ހުށަހެޅުމާއެކު މަގުތަކަށް މީހުން ނިކުންނަން ފެށިއެވެ. އާންމު ރައްޔިތުންނާ ފުލުހުންނާ ދެމެދު ފުރަތަމަ ކުރިމަތިލުން ހިންގީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. އެއަށްފަހު މުޒާހަރާތައް އިންތިހާއަށް ހޫނުވާން ފެށިއެވެ. އަދި ވަރުގަދަ ކުރިމަތިލުމެއް ޖޫން 12 ވަނަ ދުވަހު ހިންގާ، މުޒާހަރާގެ 81 ބައިވެރިއަކާ ފުލުހުންގެ 22 އޮފިސަރަކު ޒަހަމްވިއެވެ. މީގެ އިތުރުން 150 ފަހަރެއްގެ މަތިން ކަރުނަގޭސްވެސް މި ދުވަސްހު ޖެހިކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އެގޮތުގައި އެތައް ހަފުތާއެއް ފާއިތުވަމުން ގޮސް ޖުލައި މަހުގެ 5 ވަނަ ދުވަސްވީ އާދަޔާ ހިލާފު ދުވަހަކަށެވެ. މުޒާހަރާގެ ބައިވެރިންގެ ކޮންޓްރޯލްގެ ދަށަށް ހޮންގްކޮންގްގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ގެންދިޔައެވެ. އެތަނުގެ މުދަލާ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްދިނެވެ. މުޒާހަރާގެ ބައިވެރިންނާ ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް އެދުވަހުވެސް ހިންގިއެވެ.
މުޒާހަރާތަކާއެކު ހަޅުތާލުތައްވެސް ފެށިގެން ދިޔައެވެ. އެގޮތުން ފުރަތަމަ ހަޅުތާލު ކުރީ އޯގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. ހަޅުތާލު ފެށުމާއެކު މުޒާހަރާގެ ބައިވެރިންނާ އާންމު ރައްޔިތުންނާ ދެމެދުވެސް ކުރިމަތިލުންތައް ހިންގަން ފެށިއެވެ. މުޒާހަރާގެ ބައިވެރިންނާ، އެ ބައިވެރިންނާ ކުރިމަތިލަމުންދިޔަ އާންމު ރައްޔިތުންގެ ޖަމާއަތްތައް ދުރުކުރުމުގެ ނަމުގައި ހޮންގްކޮންގްގެ ސަލާމަތީ ބާރުތަކުން އެދުވަހު 800 ފަހަރެއްގެ މަތިން ކަރުނަގޭސް ޖެހިކަމަށް ޚަބަރު ލިބެއެވެ. ޖޫން 6 ވަނަ ދުވަހުން ފެށިގެން އޯގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް 2300 ފަހަރެއްގެ މަތިން ކަރުނަ ގޭސް ޖެހިއިރު، މީގެ ތެރެއިން 800 ފަހަރަކީ އޯގަސްޓް 5 ދުވަހު އެކަނި ޖެހި ކަރުނަ ގޭހެވެ.
ހޮންގްކޮންގްއިން ފެންނަމުންދާ މުޒާހަރާތަކަކީ އާދައިގެ މުޒާހަރާތަކެއް ނޫނެވެ. ފަހުގެ ތާރީހު ދުށް އެންމެ ބޮޑު މުޒާހަރާވެސް ކުރިއަށް ގެންދިޔައީ ހޮންގްކޮންގްގައެވެ. އެގޮތުން ހޫނުވަމުންދިޔަ މުޒާހަރާތަކާ ގުޅުނު މީހުންގެ އަދަދު އިތުރުވަމުން ގޮސް މިލިއަނެއްހާ މީހުން މުޒާހަރާކޮށް އިހުތިޖާޖު ކުރަން ނިކުތް ދުވަހެއްވެސް ތާރިހުގައި ލިޔެވިއްޖެއެވެ.
މުޒާހަރާތަކާ އެއްވުންތައް ކޮންޓްރޯލް ކުރުމަށް ހޮންގްކޮންގްގެ ސަލާމަތީ ބާރުތަކުން އެންމެ އާންމުކޮށް ބޭނުންކުރަނީ ބޮޑުމިރުސް ފަދަ މިރުސް އާއިލާގެ މޭވާއިން ނަގާ ކެމިކަލަކުން އުފައްދާފައިވާ ޕެޕާސްޕްރޭއެވެ. ދެން ކަރުނަ ގޭހާ ފެންބަޑިއެވެ. މީގެ އިތުރުން ރަބަރު ބުލެޓް ބޭނުންކުރި މަންޒަރުވެސް ދޭތެރެ ދޭތެރެއިންވަނީ ފެނިގެން ގޮސްފައެވެ. މިފަދަ ބުލެޓްތަކަކީ ސިކުންތަކު 60 މޭލު ބާރު މިނުގައި ދަތުރުކުރާ، ޖެހުމުން ބޮޑެތި އަނިޔާތަކެއްވެސް ލިބޭ ބުލެޓްތަކެކެވެ.
އޮގަސްޓް މަސް ނިމެންދިޔައިރު ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ހޮންގްކޮންގްގެ މިނިވަންކަމުގެ ސަޕޯޓަރުންވެސް އެއްވުންތައް ބާއްވަމުންދިޔައެވެ. ހޮންގްކޮންގްގައި އޭރުވެސް ދިޔައީ ވަރުގަދަ އެއްވުންތަކެއް ބާއްވަމުންނެވެ. މީގެ ތެރެއިން ގިނަ އެއްވުންތަކަކީ ކަމާބެހޭ ފަރާތްތަކުގެ ހުއްދައާއިއެކު ބާއްވަމުންދިޔަ މުޒާހަރާތަކެކެވެ. ނަމަވެސް އޭރުވެސް ހޮންގްކޮންގެ ލީޑަރުންގެ ފަރާތުން ކުޑަނަމަވެސް ދޫދިނުމެއް ނުފެނެއެވެ. ފެނުނާހެވސް ކަމަކީ، ބިލް މަޑުޖައްސާލިތަނެވެ.
ސެޕްޓެމްބަރު މަހަށް ފެށުނުއިރު މުޒާހަރާގެ ބައިވެރިންދިޔައީ ހޮންގްކޮންގްގެ އެއާޕޯޓަށްވެސް ބޮޑު ކޮންޓްރޯލެއް ފޯރުވަމުންނެވެ. ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކުގެ ޝެޑިއުލަށްވެސް މިކަމުގެ ސަބަބުން ބޮޑު ބުރޫތަކެއް އަރަމުންދިޔައެވެ.
ހޮންގްކޮންގްގެ މަސްރަހުން ބޮޑު ބަދަލެއް ފެނިގެންދިޔައީ ކިޔަވާ ކުދިންވެސް މުޒާހަރާތަކާ ގުޅުނު ހިސާބުންނެވެ. އެގޮތުން ދިރާސީ އަހަރުގެ ފުރަތަމަ ދުވަހުގެ ކިޔެވުން ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ފެށުނުއިރު، އެތައް ދަރިވަރުންނެއް އެ ދުވަހުގެ ކިޔެވުން ބޮއިކޮޓްކުރިއެވެ. މަތީ ތައުލީމު ހާސިލުކުރަމުންދިޔަ ގިނަ އަދަދެއްގެ ދަރިވަރުން މުޒާހަރާތަކަށް ނިކުތެވެ. މިއާއެކު ދެން ފެނިގެންދިޔައީ މައްސަލަ ޖެހުނު ބިލް މަޖިލީހުން ބޭރުކޮށްލަން ނިންމެވިކަން ހޮންގްކޮންގްގެ ލީޑަރު ކެރީ ލޭމް އިއުލާންކުރެއްވި މަންޒަރެވެ.
ބިލު ބާތިލު ކުރި ނަމަވެސް އަދާ ޖެހުނުއިރުވެސް ހޮންގްކޮންގްގެ މަސްރަހަށް ހަމަޖެހުން އައިސްފައެއް ނެތެވެ. މިހާރު ކުރަމުންދާ މުޒާހަރާތަކަކީ ޗައިނާގެ ކިބައިން ފުރިހަމަ މިނިވަންކަން ހޯދުމަށް ކުރިއަށްދާ މުޒާހަރާތަކަކަށް ވަނީ ބަދަލުވެފައެވެ. އެގޮތުން ހޮންގްކޮންގްގެ ގައުމީ ސަލާމުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ޗައިނާގެ ގައުމީ ސަލާމްގެ ބަދަލުގައި، އިންގިލާބީ ލަވައެއް ތައާރަފުކޮށް، މިނިވަންކަމުގެ ރޫހު ދަނީ ހޮންގްކޮންގްގެ ފަސްގަނޑުގައި ފަތުއަޑުކިއާ ފެތުރެމުންނެވެ.