ކުރިއަށް އޮތް އިންތިހާބުގައި ކުރި ލިބިއްޖެނަމަ ފަލަސްޠީނުގެ އިތުރު ބިންތަކެއް އިސްރާއީލުގެ ސަރުކާރުގެ ދަށަށް ގެންދަވާނެ ކަމަށް ވިދާޅުވެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވެވަޑައިގެންނެވި ވައުދުފުޅާއެކު، އިސްރާއީލުގެ މުސްލިމު އާބާދީގެ މެދުގައި ވޯޓުގައި ބައިވެރިވުމުގެ ރޫހު އިތުރަށް ވަރުގަދަ ވެއްޖެއެވެ.

މި ފެށޭ ހަފުތާގައި އިސްރާއީލިގެ އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު، އިސްރާއީލުގައި ދިރިއުޅޭ މުސްލިމު ރައްޔިތުން ބުނަމުންދަނީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ނަތަންޔާހޫ ގެންގުޅުއްވާ ނަސްލީ ތަފާތުކުރުންތަކުގެ އަޑުގަދަވަމުންދާ ވަރަކަށް ވޯޓުލުމުގެ ރޫހާ ޖޯޝުވެސް އިތުރުވަމުންދާކަމަށެވެ. ވޯޓުގެ ޖުމުލަ ނަތީޖާއިން ބަދަލެއް ނުފެނުނު ނަމަވެސް، އެ ރައްޔިތުންގެ އަޑު ނަތަންޔާހޫއާއި ދެކޮޅަށް އިއްވާދެވުނުކަން އޮންނާނެކަމަށް އިސްރާއީލުގައި ދިރިއުޅޭމުންދާ މުސްލިމުން ދަނީ ބުނަމުންނެވެ.

އިސްރާއީލުގެ ވޯޓުލާ ބޫތުތަކުގައި ކެމެރާ ހަރުކޮށްފައި ހުންނައިރު ވޯޓު ދިނުމުގެ މާ ބޮޑު ބޭނުމެއް އޮތް ކަމަކަށް އިސްރާއީލުގެ އަރަބި އާބާދީއިން ގަބޫލެއް ނުކުރެއެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިހާބު ބޮއިކޮޓްކުރާނެ ބަޔަކު ތިބުންވެސް އެކަށީގެންވެއެވެ. ނަމަވެސް ބޮއިކޮޓްކޮށްގެން ވާނެ ކަމަށްވެސް ނެތްކަމަށް ބުނެ، ވޯޓުގައި ބައިވެރިވުމާ ނުވުމާ މެދު ދެވަނަ ފިކުރަކަށް މީހުން ވަނީ ބަދަލުވާން ފަށާފައެވެ.

މިފަހަރުގެ އިންތިހާބުގައި ނަތަންޔާހޫއާއި އެންމެ ގާތުން ވާދަކުރަނީ ސެންޓްރިސްޓް ބްލޫ އެންޑް ވައިޓް ޕާޓީގެ ބެނީ ގަންޓްޒްއެވެ.