ޓެރަރިޒަމްގެ ގާނޫނަކީ އެމަނިކުފާނާ ވަރަށް ގުޅުންހުރި ގާނޫނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމްގެ ގާނޫނު އެންމެ ފުރަތަމަ ވުޖޫދަށް އައިސް، އެ ގާނޫނުގެ ދަށުން ފުރަތަމަ ޖަަލަށް ލެވުނު އެއްބޭފުޅަކީ ވެސް ނަޝީދެވެ. އެކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ އިންތިހާއަށް ބޭނުން ބިލެއް ކަމަށާއި، އެ ގާނޫނަކީ ރާއްޖޭގައި ކޮންމެހެން ވެސް އޮންނަން ޖެހޭ ގާނޫނެއް ކަމަށެވެ.

ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ނަޝީދުގެ މައްޗަށް ދައުވާކުރީ، 2010 ވަނަ އަހަރު ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މުލަކު ދާއިރާ މެމްބަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ސިފައިންގެ ބެލުމުގެ ދަށުގައި އާރަށުގައި ބެހެއްޓި ކަމަށް ބުނާ މައްސަލައިގައެވެ. މި މައްސަލައިގައި ނަޝީދުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ ޔާމީންގެ ވެރިކަމުގައި އުފުލިއެވެ.

ނަޝީދު ވިދާޅުވީ މިހާރު އޮތް ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ގެނައުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

"ޓެރަރިޒަމްގެ ގާނޫނަކީ އަޅުގަނޑާ ވަރަށް ގުޅުންހުރި ގާނޫނެއް. އެންމެ ފުރަތަމަ ޓެރަރިޒަމްގެ ގާނޫނު އުފެދިގެން އައި އިރު، އެންމެ ފުރަތަމަ އެ ގާނޫނުން ދައުވާ ކުރެވުނު މީހުންގެ ތެރޭގައި އަޅުގަނޑު ހިމެނޭ. އަޅުގަނޑު ބަންދުގައި އިންދާ އެ ގާނޫނު އުފެދިގެން އައީ ވެސް. ދެން އެހެން އައިސް ކޮންމެ އިސްލާހަކުން ވެސް އަޅުގަނޑަށް ދައުވާ ކުރެވިފައި އެބަހުރި،"
ނަޝީދު

ނަޝީދު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުރިން ދައުވާ އުފުލުމަށް ފަހު، އަނެއްކާ އެ ގާނޫނަށް އިސްލާހު މި ގެނެވެނީ އެމަނިކުފާނު ރިޔާސަތުގައި އިންނަވަނިކޮށް ކަމަށެވެ. އަދި މިފަހަރު މި ގެނެވޭ އިސްލާހުގެ ތެރޭގައި އަލަށް ދިމާވާ މައްސަލަތައް އެބަހުރި ކަމަށެވެ.

ނަޝީދު ވިދާޅުވީ މާލެ މީހުންނާއި ރައްރަށުގެ މީހުންނާ އެހެން ތަންތަނުގައި އޮންނަ ހަނގުރާމަތަކުގައި ބައިވެރިވެ އެކަންކަމުގައި އުޅުމަކީ އާންމުކޮށް ދިމާވާ ކަންކަމެއް ނޫން ކަމަށެވެ. އަދި ދިވެހިން ހަނގުރާމައެއްގައި ބައިވެރިވެފައި އޮންނަނީ ދިވެހި ދައުލަތުން އެހެން ބަޔަކާ ހަނގުރާމަކުރަން ނިންމީމައި ނުވަތަ ހޮޅިން ނުވަތަ އެހެންވެސް ބޭރުގެ ބައެއް ރާއްޖެއަށް އެރީމައި ކަަމަށެވެ.

ނަމަވެސް މިފަހުން މި ދިމާވާ ކަންކަމަކީ ދިވެހިންގެ ތެރެއިން އެތައްބަޔަކު ރާއްޖެއިން ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވަމުން ދިއުން ކަމަށެވެ. އަދި އެމީހުން ހަނގުރާމަވެރި ތަމްރީނުތަކާއި ހުނަރުތަކާއެކު އަދި އެ ހަނގުރާމައަށް އެމީހުން ދިޔަ ފަލްސަފާ ނުވަތަ ފިކުރާ އެކުގައި އެމީހުން އެނބުރި ރާއްޖެ އައުމުން ދެން މުޖަތަމައުއަށް ދިމާވެދާނެ ކަންކަމަކީ ވިސްނަންޖެހޭ ކަންކަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެކަންކަމަށް ޖަވާބު ދިނުމަށްޓަކައި ޓެރަރިޒަމްގެ ގާނޫނަށް ގެންނަންޖެހޭ ބަދަލެއް ގެންނަންޖެހޭ ކަމަށެވެ.

ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ވަނީ ބޮޑެތި އިސްލާހުތަކަކާ މިހާރު ހުރި އަދަބުތައް ވެސް ބޮޑު ކޮށްފައެވެ. އެގޮތުން ސަރުކާރުން ހުއްދައެއް ލިބިގެން މެނުވީ ހަނގުރާމަވެރި ސަރަހައްދަކަަށް ދިއުމާއި، ހަނގުރާމަވެރި ސަރަހައްދެެއްގައި ހުރުމަކީ ވެސް ކުށަކަށް ހެދުމަށް ޓެރަރިޒަމްގެ ގާނުނަށް އިސްލާހު ހުށަހަޅާފައި ވެއެވެ.

މީގެ އިތުރުން ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނަޅާފައިވާ ވިސްނުމެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަކީ ކުށަކަށް ހެދުމަށް އިސްލާހުގައި ހިމަނާފައިވެއެވެ. އަދި ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމާއި، އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.

ބިލުގައިވާ ގޮތުން ހަނގުރާމައަށް ހިނގައްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވެއެވެ. ހަނގުރާމަވެރި ސަރަހައްދަކަށް ހިނގައްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރު ބިލުން ލިބިދެއެވެ. އަދި އެކަން ކުރަން އުޅެފި ނަމަ ނުވަތަ ބައިވެރިވެއްޖެ ނަމަ، ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.