ޑެޑް ސީގެ އުތުރު އައްސޭރިފަށުގައި ދަމާލެވިފައިވާ އުރުދުން ވާދީއާއި އުރުދުންއާއި އިންވެގެން އޮތް ހުޅަނގު އައްސޭރިއާއި ދެމެދުގައި އޮތް ފަލަސްޠީނުގެ ކުޑަކުޑަ އަވަށަކީ ރަސް އައިން އަލް-އައޫޖާއެވެ.
އިސްރާއީލުގެ ހުދުމުހުތާރު ލީޑަރު ބެންޖަމީން ނަތަންޔާހޫގެ ކެމްޕޭން ވައުދާ އެއްގޮތަށް، އިސްރާއީލުގައި ކުރިޔަށްއޮތް އިންތިހާބު ނަތަންޔާހޫގެ ސަރުކާރަށް ކާމިޔާބު ވެއްޖެނަމަ މި އަވަށް ވެގެންދާނީ އިސްރާއީލުގެ ބަޔަކަށެވެ. އަންނަ ހަފުތާގައި އިސްރާއީލުގައި އޮންނަ އާންމު އިންތިހާބުގައި ކުރި ލިބިވަޑައިގެންފި ނަމަ، އިސްރާއީލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގައި އޮތް އުރުދުން ވާދީ، އިސްރާއީލު ސަރުކާރުގެ ދަށަށް ގެންދާނެ ކަމަށް ނަތަންޔާހޫ ވަނީ ވައުދުވެވަޑައިގެންފައެވެ. ނަތަންޔާހޫގެ މި ވައުދާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮތް މުސްލިމު އުއްމަތް އެއްގަލަކަށް އަރާ، އެކައްޗެއް ކިއަން ފެށިއެވެ. ނަތަންޔާހޫގެ މި ނިންމެވުން ކުށްވެރިކޮށް ބަޔާންތައް ނެރެން ފެށިއެވެ. ކަންމިހެން އޮތްއިރު ނަތަންޔާހޫގެ ނިންމުމުގެ ސީދާ އަސަރުކުރާ ސަރަހައްދުގައި އޮތް އަލް-އައޫޖާ އަވަށުގެ ރައްޔިތުން ތިބީ އިންތިހާ ބިރުވެރިކަމުގެ ތެރޭގައެވެ.
"މިއީ އާ ކަމެއް ނޫން. އިސްރާއީލުން މިހާރުވެސް ވަނީ އަހަރަމެންގެ ބިންތައް ހިފާފަ. އަހަރަމެން މިހާރުވެސް މި ދިރިއުޅެނީ އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގަ." އަލް-އައޫޖާގައި ދަނޑުވެރިކަން ކުރަމުން އަންނަ، އުމުރުން 48 އަހަރުގެ އަހުމަދު އަތިއްޔާ ބުންޏެވެ.
ޑެޑްސީއާއި ދިމާލަށް ފެތުރިފައިވާ ދަނޑުބިންތަކަށް އިޝާރާތްކުރަމުން އަތިއްޔާ ބުނެލިހާވެސް އެއްޗަކީ، އެ ބިމާ އެ ބިމުގައިވާ ހުރިހާ ގަސްގަހާ ގެއްސަކީ އިސްރާއީލުން ވެރިވެގެންފައިވާ ތަންތަނާ ތަކެތި ކަމަށެވެ.
އަލް-އައުޖާގެ އާބާދީގައި ގިނައީ އަތިއްޔާ ފަދަ ދަނޑުވެރިންނެވެ. ދަނޑުވެރިންގެ އެންމެ ބޮޑެތި ޝަކުވާތަކެއް އެބަހުއްޓެވެ. ފެންނުގެ ދަތިކަމުގެ މައްސަލައެވެ. އިމާރާތް ކުރުމުގެ މިނިވަންކަން ނެތް މައްސަލައެވެ. މީގެ އިތުރުން އިސްރާއީލު އަސްކަރިއްޔާއިން އަބަދާ އަބަދު އެ ބިންތަކަށް އެރުމުގެ ސަބަބުން ދިރިއުޅުމަށް ކުރިމަތިވަމުންދާ މައްސަލަތަކުގެ ޝަކުވާއެވެ.
"އަހަރަމެންނަށް ލިބޭ ފެނުގެ މުޅި ސަޕްލައި އޮންނަނީ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގަ. ގަސްތަކަށް ފެންދިނުން އަދި ބާއްވާ... އަހަރަމެންނަށް ބޯލަންވެސް ލިބެނީ ވަރަށް ކުޑަ ފެންފޮދެއް" ކުރިން ދިރިއުޅެމުންދިޔަ އަމިއްލަ ވަޒަނަށް އިސްރާއީލުން 1967 ވަނަ އަހަރާ އަރާ، އެ ފަސްގަނޑުން ބޭރުކޮށްލިފަހުން އަލް-އައޫޖާއަށް އާއިލާއާއިއެކު ބަދަލުވި އަތިއްޔާ ކިޔާދެމުންދިޔައެވެ.
ހުސައިން ސާއިދާއަކީވެސް އަތިއްޔާ ފަދަ ދަނޑިވެރިއެކެވެ. އޭނާގެ ވާހަކަވެސް ހުރީ އަތިއްޔާގެ ވާހަކަތައް ފަދައިންނެވެ.
"ކެނޑިނޭޅި އަހަރަމެންނަށް ގޮންޖެހުންތައް ކުރިމަތިވޭ. ވަކިން ހާއްސަކޮށް ފެންވަޅުތަކާ ހިސާބުން. ފެންވަޅުތައް ކައިރިއަށް ގޮސް، އެ މެނޭޖުކޮށްގެން ދަނޑުބިންތަކަށް ފެން ދިނުމުގެ މިނިވަންކަމެއް ނޯވޭ. އަހަރަމެންގެ ފެންވަޅުތައް މި ހުންނަނީ ގައްދާރުންކަމުގައިވި އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގަ" ސާއިދާ ކިޔާދިނެވެ.
ނަތަންޔާހޫގެ ކެމްޕެއިން ވައުދުގައި ބަޔާންކުރެއްވި ސަރަހައްދީ އިމުގެ ތެރެއަށް ނުފެތި އޮތް އެއްސަރަހައްދަކީ ޖެރީޗޯ ނުވަތަ އަރީހާއޭ ކިއުނު ސަރަހައްދެވެ. ނަމަވެސް، ނަތަންޔާހޫއަށް އިންތިހާބު ކާމިޔާބުވެ، ވައުދުވި ފަދައިން ބިންތައް އަތުލައްވައިފިނަމަ ޖެރީޗޯއާއި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އެހެން ސަރަހައްދުގައި ވަކިވެގެންދާނެއެވެ.
އިސްރާއީލުން އުރުދުން ވާދީއާއި އޭގެ އުތުރަށް އޮތް ސަރަހައްދު ހިފައިފިނަމަ އެތައް ބަޔަކަށް އަސާސީ އަދި ޒަރޫރީ މުހިންމު ހިދުމަތްތަކެއް ލިބުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެކަން އެންޖީއޯތަކުން ދަނީ ފާހަގަކުރަމުންނެވެ. އިސްރާއީލަށް ނަގާ ފަލަސްޠީނުގެ ބިންތަކުގެ ބޮޑުބައެއް ކަނޑައެޅެނީ އަސްކަރީ ހަރަކާތްތަކަށް ކަމަށްވާއިރު، މިސަރަހައްދުތަކުން ފަލަސްޠީނުގެ ރައްޔިތުން ބޭރުކުރެވެއެވެ.
ޑެޑް ސީގެ އުތުރުން އޮން ސަރަހައްދުތަކާއި އުރުދުން ވާދީ އަކީ ހުޅަނގު އައްސޭރީގެ ގާތްގަނޑަކަށް 30 ޕަސެންޓެވެ. މި ސަރަހައްދުގެ ވަޒަންވެރިންގެ ގޮތުގައި ފަލަސްޠީނުގެ 65000 އެއްހާ ރައްޔިތުން ތިބިއިރު، ގަވައިދާ ހިލާފަށް ދިރިއުޅޭ އިސްރާއީލު ރައްޔިތުންގެ އަދަދު 11000 އަށް އަރައެވެ.