ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ހުންނަ އޭނާގެ ލަގްޒަރީ އެޕާޓްމަންޓްގައި މަސައްކަތްކުރަން އުޅުނު ފިރިހެނެއްގެ ގައިގައި ތެޅުމަށް ބޮޑީގާޑަށް އެންގި މައްސަލާގައި، ސައުދީގެ އަމިރާ ހާސާ ބިންތި ސަލްމާން 10 މަސްދުވަހު ބަންދުގައި ބެހެއްޓުމަށް ފަރަންސޭސިވިލާތުގެ ކޯޓަކުން ނިންމައިފިއެވެ.
މަސައްކަތު މީހާގެ ގައިގައި ތެޅުމަށް އަމީރާ އޭނާގެ ބޮޑީގާޑަށް އަމުރުކުރީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން އޭނާގެ ލަގްޒަރީ އެޕާޓްމަންޓްގައި ނަރުދަމާގެ މަސައްކަތްތަކެއް ކުރަން އުޅުނު މީހެއްގެ ގައިގައި ތަޅާ އަނިޔާކޮށް، އެމީހާ ހައްޔަރުކޮށްފައި ބަހައްޓުމަށާ، އެމީހާ ލަދުގަންނަވާލުމަށްވެސް އަމީރާ އަމުރުކުރެއްވިކަމަށްވެއެވެ. މިކަމަށް އަމީރާ އަމުރުކުރެއްވީ، މިމަސައްކަތަށް އައިސް އުޅުނު އަޝްރަފް ޢީދު ނަމަކަށް ކިއާ މީހާ، އެ އެޕާޓްމަންޓްގެ އެތެރެއިން ފޮޓޯތަކެއް ނެގި މައްސަލައެއްގައެވެ.
ޢީދު ބުނި ގޮތުގައި އޭނާ ފޮޓޯ ނެގީ އެ ޕާޓްމަންޓްގެ ފާހާނާތެރެއެވެ. އެއީ އޭނާގެ މަސައްކަތަށް ބޭނުންވާ ފޮޓޯތަކެއް ކަމަށާ، އަމީރާ ރުޅިއިސްކުރެއްވީ ފޮޓޯ ނެގި ވަގުތު ފާހާނާގެ ލޯގަނޑަކުން އަމީރާގެ ހިޔަނި ފެންނަން ހުރެގެން ކަމަށެވެ.
މިމައްސަލާގައި ސައުދީގެ ސަލްމާން ރަސްގެފާނުގެ ދަރިކަނބަލުން، އަމީރާ ހާސާ ހައްޔަރުކުރުމަށް ފަރަންސޭސިވިލާތުން ކޯޓުން އުމުރު ނެރުނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި މައްސަލައިގެ ޝަރުއީ މަރުހަލާ މިއަހަރުގެ ޖުލައި މަހު ފެށިއިރުވެސް އަމީރާ ހާޒިރުވެވަޑައިގެންފައި ނުވާތީ، އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ޣައިރު ހާޒިރުގައެވެ.
10 މަސްދުވަހު ބަންދުގައި ބެހެއްޓުމުގެ އިތުރުން ޖޫރިމަނާއެއްގެ ގޮތުގައި 10000 ޔޫރޯ ދެއްކުމަށްވެސް ކޯޓުން ވަނީ އަމީރާގެ މައްޗަށް ހުކުމް އިއްވާފައެވެ. ހަމަ މިމައްސަލާގައި ބޮޑީގާޑުގެ މައްޗަށްވެސް ވަނީ 8 މަސްދުވަހު ބަންދުގައި ބަހައްޓަން ހުކުމް އިއްވާފައެވެ. އަދި އޭނާ ވަނީ 5000 ޔޫރޯއިން ޖޫރިމަނާކޮށްފައެވެ.
އަމީރާގެ ވަކީލުން ވިދާޅުވީ މިމައްސަލަ އިސްތިއުނާފުކުރައްވާނެ ކަމަށެވެ. މަސައްކަތް ނިންމުމަށްފަހު ޢީދުގެ ފަރާތުން 21000 ޔޫރޯގެ ބިލެއް އައި ކަމަށާ، އަމީރާގެ އެޕާޓްމަންޓްގައި ޢީދު ހައްޔަރުކޮށްފައި ބެހެއްޓޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި ޢީދުގެ ދައުވާތަކަކީ ހަދަހަދައިގެން ކުރާ ދައުވާއެއް ކަމަށްވެސް ސައުދީ އަމީރާގެ ވަކީލުންވަނީ ވިދާޅުވެފައެވެ.
އުމުރުފުޅުން 41 އަހަރުގެ އަމީރާ ހާސާއަކީ، ސައުދީގެ ނުފޫޒު ގަފަ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ ދައްތާފުޅެވެ. މިދަނޑިވަޅަކީ ލާއިންސާނީ އަނިޔާގެ ބޮޑެތި ތުހުމަތުތަކެއް ސައުދީގެ ޝާހީ އާއިލާއަށް އަމާޒުކުރެވެމުންދާ ދަނޑިވަޅެކެވެ. އެގޮތުން ސައުދީގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލާގައި ވަލީއަހުދާ ދެކޮޅަށް ވަރުގަދަ ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ.