ހުލުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން ބަންގްލަދޭޝް އަދި ސްރީލަންކާގެ އެމްބަސީ ގާއިމްކުރުމަށް ދިވެހި ސަރުކާރުން ބިން ދޫކޮށްފިއެވެ.

ޑިޕްލޮމެޓިކް އެންކްލޭވްއެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅައި، ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް އެސަރަހައްދުގައި ގާއިމްކުރުމަށް ނިންމާފައިވަނީ އެހެން ގިނަ ގައުމުތަކެއްގައި ވެސް އެކަން ކުރާ އުސޫލުން، އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފަސޭހަޔަކަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް ގާއިމްކުރެވެނީ މާލޭއަކީ މިހާރު ވެސް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށް ވުމާއިއެކު، ރާއްޖޭގައި ކުރިއަށް އޮތްތަނުގައި ވެސް ގިނަ ގައުމުތަކެއްގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުވޭއިރު، ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެތީއެވެ.

ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދޫކުރުމުގައި އަމަލުކުރާނީ 'ރެސިޕްރޯސިޓީ' އުސޫލުންނެވެ.

މިއަދު ސްރީލަންކާ އަދި ބަންގްލަދޭޝްއަށް ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ހަމަޖެއްސިއިރު، އެދެގައުމުން ވަނީ އެގައުމުތަކުގައި ހިންގާ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް ހިންގުމަށް ބިން ދޫކޮށްފައެވެ. މީގެ ކުރިން އިންޑިއާއަށް ވެސް ވަނީ ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ހަމަޖައްސައިދީފައެވެ.