ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ހިދުމަތްދޭން ފަށައިފި އެވެ.
ހުޅުމާލޭގައި އަލަށް ހުޅުވުނު ޔޫއެސް ޑޮލަރު އޭޓީއެމް ރަސްމީކޮސް އިފްތިތާހު ކޮށްދެއްވީ ބީއެމްއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ ޓިމް ސޯޔާއެވެ. ބީއެމްއެލްއިން މި ޑޮލަރު އޭޓީއެމް ހުޅުވާފައިވަނީ ހުޅުމާލޭގެ ރެނާޓަސް އިތާމުތް ބިލްޑިންގައެވެ. މިއީ ޔޫއެސް ޑޮލަރަށް ހާއްސަ އޭޓީއެކެވެ.
ބީއެމްއެލްއިން ބުނީ ހުޅުމާލެއަކީ އާބާދީގެ ގޮތުންނާއި، ވިޔަފާރީގެ ގޮތުން ހަލުވި ކަމާއެކު ކުރިއަރަމުންދާ ތަނަކަށްވެފައި، މި ގާއިމް ކުރެވުނު އޭޓީއެމްގެ ޒަރިއްޔާއިން ބީއެމްއެލްގެ ހިދުމަތްތައް ހުޅުމާލެއަށް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. އަދި ހަމައެއާއެކު ބީއެމްއެލް އިން އަންނަނީ ހުޅުމާލޭގެ ތަފާތު ތިން ސަރަހައްދެއްގައި 7 އެޓީއެމް މެދުވެރިކޮށް ހިދުމަތް ދެމުންކަމަށް ބީއެމްއެލްއިން ބުނެއެވެ. ބީއެމްއެލްއިން ބުނީ މި އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމާއި ޓްރާންސްފާ ގެ ހިދުމަތްވެސް ހޯދޭނެ ކަމަށެވެ.
މި ހިދުމަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ މިއީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކިންގްގެ ހިދުމަތްތައް ފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްކަމަށާއި، ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފްކުރި ދުވަހުން ފެށިގެން މި ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުން ކަމަށެވެ.
"މިދިޔަ އަހަރެއްހާ ދުވަސްތެރޭ ޔޫއެސް ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 800,000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވޭ. އަދި ހަމަ މި މުއްދަތުގައި ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 490 މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ނަގާފައިވޭ. މި ތަފާސް ހިސާބުތަކަށް ބަލާއިރުވެސް ކަސްޓަމަރުން ބޭނުންވާ މިންވަރަށް އޭޓީއެމް މެދުވެރިކޮށް ހިދުމަތް ދެވެމުންދާކަން ފާހަގަކޮށްލަން."
މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 47 ސެލްފްސާވިސް ބޭންކިންގް ސެންޓަރު، 110 އޭޓީއެމް، 5500 ޕީއޯއެސް މާޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތް ދެމުން ދެއެވެ. ބީއެމްއެލްއިން ބުނީ އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.