ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިމަހުގެ 19 އިން 20 އަށް ޗައިނާއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ މިދަތުރަކީ ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް ވާންގް ޔީ ގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު ކުރައްވާ ދަތުރެއްކަމަށެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މި ސަރުކާރުގެ އިސް ބޭފުޅަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ޗައިނާގެ ނައިބު ރައީސް ވަންގް ގީޝާންގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ އާއިއެކު ދެގައުމުގެ ޒަމާންވީ ގާތް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ. މިނިސްޓަރު ޝާހިދުގެ މި ދަތުރުގައި އެކި ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

ފޮރިން މިނިސްޓްރީން ބުނި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށެވެ. އަދި ދިވެހި ސަރުކާރުން އަބަދުވެސް ދަމަހައްޓަމުން އަންނަ 'ވަން ޗައިނާ' ޕޮލިސީގައި ހިފަހައްޓައި، ޗައިނާގެ 'ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް'ގެ ބައިވެރިއެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ޝާހިދު އެގައުމަށް ވަޑައިގަންނަވާ އިރު، މިމަހުގެ ކުރީ ކޮޅުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވަފައި ހުންވަނާ ސަފީރު ޖަންގް ލިޖޮންގް ވަނީ ޝާހިދާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޝާހިދު ޗައިނާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުގެ ތައްޔާރީތަކާއި، މަޝްވަރާކުރައްވާނެ ކަންތައްތަކާއި ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މިނިސްޓަރު ޝާހިދު ޗައިނާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅު ވެގެންދާނީ ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ދަތުރަކަށް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ދެގައުމު ގުޅިގެން ކުރިއަށްދާ އެކި ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދެބޭފުޅުން ހިއްސާކުރައްވައި، ކުރިއަށް އޮތްތަނުގައި ގުޅިގެން ކުރެވޭނެ ބައެއް ކަންތައްތަކާއި ބެހޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ.