ގިނަ ބަޔަކު އެ އުފެއްދުންތަކެއްގެ އިންތިޒާރުގައި ކެތް މަދުވެފައި ތިބި އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ދައްކާލައިފިއެވެ.

އެމެރިކާގައި ހުންނަ ސްޓީވް ޖޮބްސް ތިއޭޓަރުގައި ރޭ ކުރިއަށް ގެންދިޔަ އެޕަލްގެ ހާއްސަ އިވެންޓްގައި ދައްކާލި އެންމެ ފާހަގަކޮށްލެވޭ އެއް އުފެއްދުންތަކަކީ މީގެ ކުރިން ފޯނެއްގައި ހިމަނާފައި ނުވާ މިންވަރަށް ކެމެރާ ހިމަނައިގެން، ކުޑަ ހަކަތަ ކޮޅެއްގެ ބޭނުންކޮށްގެން ބާރު ސްޕީޑްގައި މަސައްކަތްކުރާ ޕްރޮސެސަރުތަކަކާއެކު ފަރުމާކޮށްފައިވާ އުފެއްދުންތަކެކެވެ.

އެޕަލްއިން ބުނީ ރޭ އާންމުކޮށް ދައްކާލި ޕްރޯ މޮޑެލްގެ 2 ފޯނަކީ 10އެސް މޮޑެލްތަކުގެ ފޯނުތަކަށްވުރެ 5 ގަޑިއިރު އިތުރަށް ޗާޖު ހިފަހައްޓާނެ އުފެއްދުންތަކެއް ކަމަށެވެ.

އައިފޯން 11ގެ އިތުރުން އެޕަލްއިންވަނީ އަބަދުވެސް އޮންވެފައިވާ ޑިސްޕްލޭއަކާއެކު އެޕަލް ވޮޗްގެ އާ މޮޑެލްއެއްވެސް ދައްކާލާފައެވެ.

ކަންމިހެން އޮތް ނަމަވެސް، ފައިވްޖީ ޓެކްނޮލޮޖީއަށް ހާއްސަކޮށްގެން އެޕަލްގެ އުފެއްދުމެއް ތައާރަފުކޮށްފައި ނުވާތީ ގިނަ ބަޔަކު ވަނީ އެކަމާ ހިތްހަމަނުޖެހިގެން އަޑުއުފުލާފައެވެ.

އެޕަލް އިވެންޓްގައި ރޭ ދައްކާލި އުފެއްދުންތައް ބާޒާރަށް ނެރޭނީ މީގެ 10 ވަރަކަށް ދުވަސްފަހުންނެވެ. މި ދަނޑިވަޅަކީ އިރުމަތީ އޭޝިއާގެ ސްމާޓްފޯނު އުފެއްދުންތަކާއެކު އެޕަލް ކުންފުނީގެ ވިޔަފާރީ ހިސާބަކަށް ދަށަށް ދާން ފަށާފައިވާ ދަނޑިވަޅެކެވެ.