ސައިރިކްސް ކޮލެޖުން އައްޑޫސިޓީ ހުޅުމީދޫގައި ޝްރިމްޕް ނުވަތަ ޑިނގާ އާލާކުރާ ފާމެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސައިރިކްސްއިން ބުނީ ތައިލެންޑްގެ އަވަށެއްގައި ކުރިއަށްގެންދާ މޮޑެލް އެއް އަސްލަކަށް ބަލައިގެން އައްޑޫ ސިޓީ ހުޅުމީދޫގައި ހަދާ ޑިނގާ ފާމް ހެދުމަށް ބޭނުންވާ ދިރާސާތައް ކުރުމަށް ތައިލެންޑުގެ ޔުނިވާސިޓީ އަކުން މި މަހުގެ ތެރޭގައި ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތަކީ ސައިރިކްސް ކޮލެޖުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
ޑިނގާ ފާމާ ބެހޭގޮތުން ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ ހުޅުމީދޫ ޖަމްއިއްޔާތަކާ ގުޅިގެން ޑިނގާ ފާމު ހިންގުމަށް ބޭނުންވާ ދިރާސާތައް ކުރުމަށް ތައިލެންޑުގެ މާހިރުންގެ ޓީމެއް މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެެ އަންނާނެ ކަމަށެވެ. އަދި މި ދިރާސާގެ ހުރިހާ ހަރަދެއް ކުރާނީ ސައިރިކްސް ކޮލެޖުގެ ސީއެސްއާރުގެ ދަށުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޝްރިމްޕް ފާމް ގާއިމް ކުރުމަށް ބޭނުންވާ ތަޖްރިބާކާރުންގެ ދިރާސާއަށްފަހު އެ މަސައްކަތް އަމަލީގޮތުން ފަށައިގަނެވޭނެ ކަމަށެވެ. އަދި މި މަސައްކަތަށް ހުޅުމީދޫގެ ކުޅި ބޭނުން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ތަޖުރިބާކާރެއް ވަރަށް އަވަހަށް އައްޑުއަށް ވަޑައިގެން އެތަނުގެ ވެއްޔާއި ފެނުގެ ހާލަތު ބަލައި އެ މަސައްކަތް ކުރެވިދާނެތޯ ބައްލަވާނެ ކަމަށާއި ޕްރޮޖެކްޓުގެ އަނެއް ފިޔަވަހި ފަށައިގަންނާނީ އެ މަސައްކަތަށްފަހު ކަމަށް ޝަރީފް ވިދާޅުވިއެވެ.