ފެށުނީއްސުރެ ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތައް ވަކާލާތު ކުރަމުން އައިސްފައިވާ އުސޫލުތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްޔަރުކޮށް ބަންދު ކުރަން ޖެހޭ މީހުން އިންސާފުގެ ތެރެއިން ހައްޔަރުކުރެވިގެން ދާނެ ކަމަށެވެ. ފެށުނީއްސުރެ ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ތާއިދު ކުރާ ފަރާތްތައް ވަކާލާތު ކުރަމުން އައިސްފައިވާ އުސޫލު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުށް ކުރާ މީހާއާ މެދުވެސް އަމަލުކުރާނީ އިންސާފުވެރިކޮށް ކަމަށެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ރަހީނުކޮށް މަރާލި ނޫސްވެރިޔާ ރިޟްވާންގެ މައްސަލާގައި ދެ ފުލުހަކު ރިޟްވާން ސީރިއާ އަށް ގޮސް މަރުވި ކަމަށް ދެއްކުމުގެ ގޮތުން ޕާސްޕޯޓެއް ހެދުމަށްޓަކައި މަސައްކަތް ކޮށްފައިވާ ކަމަށް މަރު ކޮމިޝަނުގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ދަނޑިވަޅެއްގައެވެ. އަދި އެ ދެ ފުލުހުން ހައްޔަރު ކުރުމަށް އާއްމުންނާއި ސަރުކާރުގެ ބައެއް މަޖިލިސް މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ގޮވާލައްވާފައި ވަނިކޮށެވެ.

ނަމަވެސް ފުލުހުން ބުނެފައިވަނީ އެ ދެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ. އަދި މަރު ކޮމިޝަނުންވެސް އެފަދައިން ފުލުހުންނަށް އަންގާފައި ނުވާ ކަމަށާ އަންގާފައި ވަނީ އެ ދެ އޮފިސަރުންގެ ތަހުގީގެއް ކުރިއަށް ގެންދިއުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން ފުލުހުން ވަނީ އެ ދެ އޮފިސަރުން ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައެވެ.